ވ. އަތޮޅުގެ މަޝްހޫރު ”މިޔަރު ޑައިވް“ ސައިޓުގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑުތައް، ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި މިއަދު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ފެނިއްޖެއެވެ.
އެމްއެންޑީއެފުން މިއަދު ބުނި ގޮތުގައި ގެއްލިގެން ހޯދަމުންދިޔަ ފަތުރުވެރިންގެ ހަށިގަނޑުތައް މިހާރު ވަނީ ލޮކޭޓްކުރެވިފައެވެ.
މި ހަށިގަނޑުތައް ފެނިފައިވަނީ އެމީހުން ޑައިވްކުރަން ވަތް ހޮހޮޅައިގެ ތެރެއިންނެވެ. އެމްއެންޑީއެފުން އިތުރަށް ބުނީ ކުރިއަށް އޮތް ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ހޮހޮޅައިން ބޭރަށް ނެގުމުގެ މަސައްކަތް ކުރުމަށް މިހާރު ރޭވިފައިވާ ކަމަށެވެ. މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އިޓަލީގެ ހަތަރު ފަތުރުވެރިންނާއި އެމީހުންގެ އިންސްޓްރަކްޓަރު ގެއްލިގެން ހޯދަމުން ދަނިކޮށް އިންސްޓްރަކްޓަރުގެ ހަށިގަނޑު މީގެ ކުރިން ވަނީ ކަނޑުގެ 60 މީޓަރު (197 ފޫޓް) އަޑިން ހޮހޮޅައިގެ ތެރެއިން ފެނިފައެވެ. ބާކީ ތިބި ހަތަރު މީހުން ފެނިފައިވަނީ ގާތްގަނޑަކަށް 200 ފޫޓު ދިގު އެ ހޮހޮޅައިގެ އެތެރެއިންނެވެ.
މި ހާދިސާގައި މަރުވެފައިވަނީ އިޓަލީގެ ފަތުރުވެރިން ކަމަށްވާ މޮނިކާ މޮންޓެފަލްކޯން (52އ)، ޖިއޯޖިއާ ސޮމަކާލް (20އ)، މުރީއެލް އޮޑެނިނޯ (31އ)، ޖިއަންލުކާ ބެނެޑެޓީ (44އ) އަދި ފެޑެރީކޯ ގުއަލްޓިއަރީ (31އ) އެވެ. މީގެ ތެރެއިން ޑައިވިންގ އިންސްޓްރަކްޓަރަކީ އުމުރުން 44 އަހަރުގެ ބެނެޑެޓީއެވެ.
މި ހާދިސާއާ ގުޅިގެން އެމީހުން ޑައިވިންއަށް ގެންދިޔަ ”އެމްވީ ޑޫކް އޮފް ޔޯކް“ ސަފާރީގެ އޮޕަރޭޓިންގ ލައިސަންސް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކޮށްފައެވެ. މިނިސްޓްރީން ބުނީ ރާއްޖޭގައި 30 މީޓަރަށްވުރެ އަޑިއަށް ފީނުން މަނާކޮށްފައި އޮންނައިރު މި މީހުން 60 މީޓަރު އަޑިއަށް ފީނާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި އުޅުއްވި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވެސް ވަނީ ހާލުދެރަވެގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައެވެ. ސަރުކާރުން ވަނީ މި ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ.

