ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މުޅި ހަޔާތާއި މަސައްކަތްތައް ބިނާވެފައި އޮންނާނީ ވައުދުތައް ފުއްދުމަށް ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މާލޭގެ އެކި ދާއިރާތަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނާ އެކު ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، އެމްޑީޕީ އަކީ ވައުދުވެފައި ވައުދު ފުއްދާ ޕާޓީއެއް ކަމަށެވެ. އަދި އެކަންކަން ނުވަނިސް ހުދު އެމަނިކުފާނުގެ މަސައްކަތްޕުޅުވެސް ހުއްޓަވާ ނުލައްވާނެ ކަމަށާއި އަދި އެޕާޓީގެ އެއްވެސް ވެރިއަކުވެސް އެކަން ހުއްޓަވާ ނުލައްވާނެ ކަމަށެވެ.
އަހުމަދިއްޔާ ސްކޫލުގައި އޮތް މި ބައްދަލުވުމުގައި ކެންޑިޑޭޓުންގެ އިތުރުން އާންމުންވެސް ބައިވެރިވިއެވެ. ބައްދަލުވުމުގައި ބައިވެރި އާންމުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. އެކަމާއި ބައްދަލުވުމުގެ ގިނަ ބައިވެރިންތިބީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އޭގެ އިތުރުން ބޯހިޔާވަހިކަމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ އިރު، މާލޭގެ ރައްޔިތުންނަށް އިސްކަންދީގެން ގެންދާ އެއްވެސް މަޝްރޫޢެއް ކާމިޔާބުވެފައި ނެތުމުގެ ނުރުހުން ފާޅުކުރި އެވެ.
އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅިގެން، ނަޝީދު ވިދާޅުވީ މާލެ އާއި އަތޮޅުތަކުގެ ގިނަ ރައްޔިތުން ދިރިއުޅޭ މާލޭގެ ބޯހިޔާވަހިކަމާއި މާލޭގެ ރަށްވެހިންގެ ގެއްލިފައިވާ ބޯހިޔާވަހިކަމުގެ ހައްގު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާލޭގެ ރައްޔިތުން ދިރިއުޅޭ ހާލު އެ އެމްޑީޕީ އަށް ސާފުކޮށް އެނގޭ ކަމަށާއި އެ މައްސަލަތަކަށް ހައްލު ހޯދަން ވަރަށް ކުރިއްސުރެ އެކި ސިޔާސަތުތައް އެމްޑީޕީގެ ސަރުކާރުގައި އެކުލަވައިލި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން 2008 ގައި އެމްޑީޕީ ވެރިކަމެއް އުފެދުމާ އެކު މާލޭ ރައްޔިތުންގެ ދަތިތައް ހައްލުކުރަން ސިޔާސަތުތައް ހެދި ގޮތަށް މިހާރު ވެސް ހުރި މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި މެދު ވާހަކަ ދައްކަން ފެށީ ކައުންސިލު އިންތިޚާބު ބޯމަތިވުމުން ނޫން ކަމަށެވެ. މަޖިލީސް އިންތިޚާބަށް އެކުލަވާލި އެޖެންޑާ 19 ގައި ވެސް އެކަންކަން ހިމަނާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެޖެންޑާ 19 އަށް އެކުވާލި ބޯހިޔާވަހިކަމުގެ ލިއުންތަކުގައި، މާލޭގެ ރައްޔިތުންނަށް ވައުދުތަކެއް ވެފައިވާނެ ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ”ރަނުން ރަނަށް އެކަން ފުއްދާނެ“ ކަމަށެވެ. އަދި ވެށި ފަހި މާލެ ޕްރޮގްރާމާއި ތަނަވަސްކަން ނެތް މީހުންނަށް ހިލޭ ބޯހިޔާވަހިކަމާއި، ބިން ދޫކުރުމުގެ ވައުދުތައް ހިމެނީ އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
”ފުރަތަމަ 2008 ވަނަ އަހަރު އުފެދިގެން އައި އަޅުގަނޑުމެންގެ ސަރުކާރުގައި ވެސް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް މާލޭގެ މި ދަތިތަކަށް ހައްލު ހޯދުމުގެ ސިޔާސަތުތައް ތަންފީޒުކުރަމުން. އެމްޑީޕީއަކީ ވައުދުވެފައި އެ ވައުދު ފުއްދުމަށް މަސައްކަތް ކުރަމުން އަބަދުވެސް ގެންދާ ޕާޓީއެއް. އަޅުގަނޑެއް ހުއްޓައެއް ނުލާނަން އަދި އަޅުގަނޑުގެ ނަޒަރުގައި އެމްޑީޕީގެ އެއްވެސް ވެރިކަމެއް އަދި އެއްވެސް ވެރިއެއްވެސް ހުއްޓައެއް ނުލާނެ އެ ވާވައުދު ފުއްދުމުގެ މަސައްކަތް ކުރުމަށް. އަދި އެ ވައުދު ފުއްދުން އެއީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެންގެ މުޅި ހަޔާތް އަދި އަޅުގަނޑުމެންގެ މުޅި މަސައްކަތް ބިނާވެފައި އޮންނާނީ އެކަން ކުރުމަށް“ ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ މާލެ އާއި އަތޮޅުތަކުގެ މީހުން ތަފާތުކޮށް ވާހަކަ ދެއްކުމަކީ ދެރަ ކަމެއް ކަމަށާއި ވަކި ރައްޔިތުން ތަކެއް ތަފާތުނުކޮށް އެންމެން އުޅެން ޖެހޭނީ އެއް އާއިލާއެއްގެ ގޮތުގައި ކަމަށެވެ.
ނަޝީދު ވިދާޅުވީ މާލޭގެ ތޮއްޖެހުމާއި މައްސަލަތަކަށް ލުޔެއް ހޯދަން އެމްޑީޕީގެ ސަރުކާރުގައި 2008 ގައި ފެށި މަޝްރޫއުގައި ބޯހިޔާވަހިކަމަށް ހުޅުވާލުމުން ގާތްގަނޑަކަށް 22،000 މީހުން ފްލެޓާއި ގޯއްޗަށް އެދުނެވެ. އަދި އެ އަދަދު މިހާރު 26،000 ގައި ކަމަށާއި ބައެއް ފަހަރު އެ އަދަދު 40،000 ގައި ހުރި ކަމަށް ވެސް ފާހަގަކުރާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް މާލޭގެ ސާފު އަޣުލަބިއްޔަތެއް ނުލިބިއްޖެނަމަ އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެގެންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީއަށް މާލޭގެ ސާފު އަޣުލަބިއްޔަތެއް ނުލިބިއްޖެނަމަ އޭގެން ނުކުމެދާނެ ނަތީޖާތައް ދާއިރާތަކުގެ ބޭފުޅުންނަށް ސާފުވާނެ ކަމަށެވެ.

