ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާ ގުޅިގެން ރާއްޖޭގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި، ހުރިހާ އަތޮޅު ކައުންސިލްތަކުގެ އިދާރާތަކާއި ހދ. ހިރިމަރަދޫ ކައުންސިލްގެ އިދާރާ އުވާލައްވައި، އައްޑޫ ސިޓީގެ މީދޫ އަދި ހުޅުދޫއަށް ވަކި ރަށު ކައުންސިލް އިދާރާތަކެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2026/12 ދެންނެވުމުން ހާމަކުރައްވާފައިވާ ގޮތުގައި، މި ބަދަލުތަކަށް 2026 މޭ 17 ވަނަ ދުވަހުން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުތަކަށް ރިޢާޔަތްކުރައްވައި ނެރުއްވި މި ދެންނެވުމުގައިވާ ގޮތުން، ”އައްޑޫ މީދޫ“ އަދި ”އައްޑޫ ހުޅުދޫ“ އަށް ވަކި ރަށު ކައުންސިލް އިދާރާތަކެއް މިހާރު ވަނީ އުފައްދަވާފައެވެ. އަދި ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ހިމެނޭ ސަރަޙައްދަކީ ”އައްޑޫ ސިޓީ“ ގެ ނަމުގައި ހިންގާ ވަކި އިދާރީ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ އޮނިގަނޑުވެސް ވަނީ އަލުން ތަރުތީބުކުރައްވާފައެވެ.
މި ބަދަލާއެކު، ދައުލަތުގެ އިދާރާތަކުން ފޮނުވާ ސިޓީތަކުގައި ނަންބަރު ޖެހުމަށްޓަކައި ”އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ“ އަށް 1140 އަދި ”އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ“ އަށް 1141 ގެ ނަންބަރު ވަނީ ކަނޑައަޅުއްވާފައެވެ. މީގެ އިތުރުން، މި ދެ އިދާރާގެ ނަން އިނގިރޭސި ބަހުން ބޭނުންކުރާނެ ގޮތްވެސް ރައީސް އޮފީހުން ވަނީ އާންމުކުރައްވާފައެވެ.
މި ބަދަލުތަކުގެ ތެރެއިން ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމަވައި، ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީ، ހިރިމަރަދޫ ކައުންސިލާއި އެ ކައުންސިލްގެ އިދާރާވެސް މޭ 17 އިން ފެށިގެން ވަނީ އުވާލައްވާފައެވެ.
ހަމައެއާއެކު، ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 17 ވަނަ އިޞްލާޙާ ގުޅިގެން ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްތަކާއި އެ ކައުންސިލްތަކުގެ އިދާރާތައް ވެސް ވަނީ އުވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައަޅުއްވާފައިވަނީ، އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވައި، އަލަށް އިންތިޚާބުކުރެވޭ މެންބަރުން މަގާމާ ހަވާލުވުމާއެކު އެ ކައުންސިލްތައް އުވޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާތީއެވެ.

