ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރާ ހިލާފުވެފައިވާ ކަމަށް ބުނެ އެ ކޯޓަށް ސިޓީއެއް ހުށަހަޅައިފިއެވެ.
އަމިއްލަ ފަރާތަކުން ކްރިމިނަލް ކޯޓަށް ފޮނުވި މި ސިޓީގައި ބުނެފައިވަނީ އެ ތިން ރައީސުންވެސް ކޯޓުގެ އަމުރާ ހިލާފުވެފައިވާ ކަމަށާއި، އެހެންކަމުން އެ މައްސަލައިގައި ފިޔަވަޅު އަޅައިދިނުމަށް އެދޭ ކަމަށެވެ.
ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި ރައީސް މުއިއްޒު ގެގް އޯޑަރާ ހިލާފުވެވަޑައިގަތީ ޕީއެންސީގެ ހަރުގޭގައި އެންމެ ފަހުން ބޭއްވި ޖަލްސާގައެވެ. އެ ޖަލްސާގައި ރައީސް ވަނީ ޑޮކިއުމެންޓްރީއާ ގުޅޭ ވާހަކަތަކެއް ދައްކަވާފައި ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
ރައީސުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރަކުވެސް އެ އަމުރާ ހިލާފުވެފައިވާ ކަމަށް ސިޓީގައި ވަނީ ތުހުމަތުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު އަދި ކަނޑިތީމް ދާއިރާގެ މެންބަރު އަމީން ފައިސަލް އެވެ.
މީގެ އިތުރުން ’އަދަދު‘ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒާއި ގާނޫނީ ވަކީލް މަހުފޫޒް ސައީދުވެސް ކޯޓު އަމުރާ ހިލާފުވެފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމައި ’އަދަދު‘ ނޫހުގެ ދެ ނޫސްވެރިއަކު މީގެ ކުރިން ޖަލަށް ލާފައިވާކަން ފާހަގަކުރެވެއެވެ.

