އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއްގެ ދައުރު މި މަހުގެ 23 ވަނަ ދުވަހަށް ހަމަވާތީ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އީސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ޗޮއިސްއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ ނައިބް ރައީސް އަހުމަދު އަކްރަމް ހިމެނިވަޑައިގެންފިއެވެ.
ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ސާލިޙް އިސްކަން ދެއްވި ލިސްޓުގެ އެއްވަނައިގައި އަކްރަމްގެ ނަންފުޅު ހިމެނިފައިވާއިރު އީސީގެ މެމްބަރުންގެ ތެރެއިން ދައުރު ހަމަވާ މެމްބަރަކީ ވެސް އަކްރަމްއެވެ.
އަކަރްމްގެ އިތުރުން ރައީސް ސާލިހު އިސްކަން ދެއްވާ ބޭފުޅުންނަކީ މީގެކުރިން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސްގެ މަގާމް ފުރުއްވާފައިވާ އަހުމަދު ފަޔާޒް ހަސަންއާއި އީސީގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ހަނީފާ ހާލިދުގެ އިތުރުން އަހުމަދު މަންސޫރުއެވެ.
ރައީސް އިސްކަން ދެއްވި ލިސްޓުގެ ދެ ވަނައިވާ ފަޔާޒްއަކީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ދިމާވި ބައެއް މައްސަލަތަކަކާއި ގުޅިގެން ސުޕްރީމް ކޯޓުން އެންގި ބައެއް އެންގުންތަކަށް ނުކިޔަމަންތެރިވި ކަމަށް ބުނެ އީސީގެ މެމްބަރު ކަމުން ވަކިކުރެއްވި ބޭފުޅެކެވެ.
ސުުޕްރީމް ކޯޓުގެ ހުކުމަކުން އީސީގެ މެމްބަރުކަމުން ވަކި ކުރެއްވި ބޭފުޅުންގެ ތެރޭގައި ކޮމިޝަންގެ މިހާރުގެ މެމްބަރު އަދި ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގް ހިމެނިވަޑައިގަންނަވައެވެ.
އީސީގެ މެމްބަރުކަމަށް މިވަގުތު އައްޔަން ކުރަން ޖެހެނީ އެންމެ މެމްބަރެކެވެ. އެގޮތުން ރައީސް ސާލިހު އިސްކަން ދެއްވި ލިސްޓުގެ އެއްވަނައިގައިވާ އީސީގެ މިހާރުގެ ނައިބް ރައީސް އަކްރަމްއަކީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ކުރިމަތިވި ގިނަ ގޮންޖެހުންތަކާއި ކުރިމަތި ލައްވައި މީޑިއާއަށް ޖަވާބްދާރީ ވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތެވެ. އަދި އަކްރަމް މިވަގުތު އީސީގެ ތަރުޖަމާނެއްގެ މަގާމް އަދާކުރައްވަމުން ގެންދަވާއިރު އޭނާއަކީ ނޫސްވެރިންނާއި މީޑިއާތަކާ ގާތް ގުޅުމެއް ބާއްވާ ބޭފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

