ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ބާޣީ ލުޠުފީގެ މައްޗަށް ދައުވާކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 537 ވަނަ މާއްދާގެ ދަށުން ނެވެ. މި ދަޢުވާ ކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 89/HC/01 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމް ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސްގެ ބެލުމުގެ ދަށުން ތަންފީޛު ކުރަމުންދަނިކޮށް، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ހުއްދައާއެކު، އެއް އަހަރު ދުވަހަށް ދޫކޮށްފައިވާ ޓެމްޕްރަރީ ޓްރެވަލް ޑޮކިއުމެންޓެއްގެ ދަށުން މީނާގެ އަމިއްލަ ޚަރަދުގައި ބޭސް ފަރުވާ ކުރުމަށްޓަކައި، 16 ޖަނަވަރީ 2010 ވަނަ ދުވަހު އިންޑިއާ ދިއުމަށްފަހު، 1 މެއި 2019 ވަނަ ދުވަހާ ހަމައަށް ދައުލަތުގެ އިދާރާތަކަށް އެންގުމަކާނުލައި ދިވެހިރާއްޖެއަށް އެނބުރި ނައިސް ފިލައިގެން އުޅެފައިވާ މައްސަލާގައެެވެ.
ބާޣީ ލުތުފީ ފިލި މައްސަލަ ތަހުގީގު ކުރުމަށް ފަހު މައްސަލައިގައި ދައުވާ ކުރުމަށް މީގެކުރިން ޕީޖީއަށް ފޮނުވި ނަމަވެސް ތަހުގީގު ފުރިހަމަ ނުވާ ކަމަށް ބުނެ މައްސަލަ ޕީޖީގެ ފަރާތުން ވަނީ މައްސަލަ އަނބުރާ ފުނުވާލިއެވެ. އޭރު ޕީޖީގެ މަގާމުގައި ހުންނެވީ ޢައިޝަތު ބިޝާމްއެވެ.
ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނިކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލައިގެން އުޅުނު ބާޢީ ލުތުފީ އެންމެ ފަހުން މާލެ ގެނެސް ކަރެކްޝަންސްއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ.

