ސަރުކާރުން ވެފައިވާ ވައުދުތަކާއި އެއްގޮތަށް މަޝްރޫތައް ނުހިންގޭތީ ހުރިހާ އުދަނގުލެއް ކުރަނީ ރައީސް އަބްދުﷲ ޔާމީން ކަމަށް ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ މާފަންނު ޔަގީން ޖަހަގަ ހުޅުވުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން މިނިވަންކޮށް މިގައުމުގެ ވެރިކަމަށް ގެނެވިގެން ނޫން ގޮތަކަށް ރައްޔިތުން ބޭނުންވާ ކުރިއެރުމާއި ހަމަޖެހުމެއް ހޯދައެއް ނުދެވޭނެ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ކައުންސިލް އިންތިހާބަށް އާ އަޒުމަކާއެކު ޕީޕީއެމުން ނުކުތީ ގައުމާއި މިނިވަންކަމަށްޓަކައި އަދި ރައީސް ޔާމީން ނުހައްގުން ޖަލަށްލާފައި އޮތުމުން ކަމަށެވެ.
”އެމްޑީޕީގެ ޖަލްސާއަކަށް މީހުން ނުނިކުތަސް އެމީހުންނަށް ތަރައްގީގެ މަޝްރޫއެއް ނުހިންގުނަސް އޭގެ ހުރިހާ ނުހޮރުއްޕާނަކާއި ދުއްޕާނެއް ކުރިމަތި މިވަނީ އަޅުގަނޑުމެންގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް. އެކަމަކު އަޅުގަނޑު ދަންނަވާނީ ކިތަންމެ ވަރަކަށް ދުއްޕާން ކުރިޔަސް ކިތަންމެ ވަރަކަށް އަނިޔާކުރިޔަސް، ރައީސް ޔާމީންގެ ސާބިތުކަމަކަށް އެމަނިކުފާނުގެ އަޒުމަކަށް ކުޑަވެސް ބަދަލެއް ނާދޭ،“ އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ އިސްލާމްދީނާއި ދެކޮޅަށް ބަޔަކު ކުރާ މަސައްކަތްތަކެއްގެ ކަންބޮޑުވުން ސައްތައިން ސައްތަ މުސްލިމް ދައުލަތެއްގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ފުރުސަތު ނުދިނުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އެސަބަބު ތަކައްޓަކައި އަންނަ ލޯކަލް ކައުސިން އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓް ދޭން ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައްވެހި ފަތިހުގެ ތަރައްޤީތައް ކުރިއަށްދަނީ ފެނުއަޑީގައި ކަމަށާއި ފެނުން މައްޗަށް އަރާ ތަރައްޤީއެއް ނުފެންނަ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ތަރައްޤީއާ ކުރިއެރުން ހޯދައިދިނުމަށް މިސަރުކާރު ވަނީ ނުކުޅެދިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕީޕީއެމްގެ ފަރާތުން މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒާއި މެދު އެމްޑީޕީން ބިރުގަނެ ޖެހިލުންވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

