ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަހީމް އިމްރާނަށް: ހައްގު މިންވަރު ދޭނެ ކަމަށް ދުށުމަކީ މޮޔަކަމެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

އަދާލަތު ޕާޓީއަށް ހައްގު މިންވަރެއް ދޭނެ ކަމަށް ދުށުމަކީ މޮޔަ ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިހެން ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަންގެ ތެރެއިން އަދާލަތު ޕާޓީއަށް ހައްގުވާ މިންވަރު ލިބެން ޖެހޭ ކަމަށް، އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ވާހަކައަށް އިޝާރާތް ކުރައްވައެވެ.

އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ޝިދާތާ ޝަރީފް މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން، މިހާރު އެ ޕާޓީ ތަމްސީލު ކުރާ މިނިސްޓަރަކަށް ސަރުކާރުގައި ހުންނެވީ އިމްރާނާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.

ޝިދާތާ އިސްތިއުފާ ދެއްވުމުން ޖެންޑާ މިނިސްޓަރުގެ މަގާމަށް، ރައީސް ދެން އައްޔަން ކުރެއްވީ ކުރީގެ ޖެންޑާ މިނިސްޓަރު އަދި އިންޑިއާގައި ހުންނެވި ދިވެހި ސަފީރު އާއިޝަތު މުހައްމަދު ދީދީ އެވެ. އެއީ އެމްޑީޕީގެ ސްލޮޓެއްގެ ގޮތުގައެވެ.

މިނިސްޓަރު އިމްރާން ވިދާޅުވި ގޮތުގައި މަގާމަށް މީހަކު އައްޔަން ކުރެއްވުމުގެ ކުރިން އެކަމާ ގުޅޭގޮތުން ރައީސް އޭނާއާ މަޝްވަރާ ކުރެއްވި އެވެ. އަދި އަދާލަތަށް ކޯލިޝަންގެ ތެރެއިން ހައްގުވާ މިންވަރު ހޯދައިދިނުމަށް ގޮތްތަކެއް ރާއްވަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށް އިމްރާން ވިދާޅުވި އެވެ.

އެވާހަކަތައް އިޝާރާތް ކުރައްވާ، ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި، އެމްޑީޕީން އަދާލަތު ޕާޓީއަށް ވެފައިވާ އެއްވެސް ވައުދެއް މިހާތަނަށް ފުއްދާފައިވޭތޯ އާއި އަދި ކޯލިޝަން ހެދުމަށް ވެފައިވާ އެއްބަސްވުން ކޮބައިތޯ އޭނާ ސުވާލު ކުރެއްވި އެވެ.

ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީއަށް ސަރުކާރުގެ 16 ޕަސެންޓް ދިނުމަށް އޮތީ އެއްބަސްވެފަ އެވެ. އެގޮތުން ކެބިނެޓުގެ ހަތަރު ވަޒީރުންގެ މަޤާމު އަދާލަތަށް ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެ، އެ ވައުދު ފުއްދާފައިވޭތޯ ޝަހީމް ސުވާލު ކުރެއްވި އެވެ. ނަމަވެސް ސަރުކާރު ކެބިނެޓުން އަދާލަތަށް ދޭން އެއްބަސްވީ 15 ޕަސެންޓެވެ. އެއީ ތިން ވަޒީރުންނެވެ.

ސަރުކާރު ގެނައުމަށް އުފެއްދި ކޯލިޝަންގެ ހަތަރު ލީޑަރުންނާއެކު ރައީސް ސޯލިހް މަހަކު އެއް ފަހަރު ބައްދަލުވާން އެއްބަސްވެވަޑައިގެންފައިވާތީ އެކަމާއި ގުޅޭގޮތުން ވެސް ޝަހީމް ވަނޯ ސުވާލު ކުރައްވާފައެވެ. އަދި އަދަލާތު ޕާޓީން ވެރިކަން ކުރާ ކޯލިޝަންގެ ރިޔާސީ މެނިފެސްޓޯ ހިމެނި 33 ސިޔާސަތަށް ވެގެން ދިޔަ ގޮތާއި އަދަލާތު ޕާޓީގެ މެންބަރުންނަށް ސަރުކާރުން ހަމަޖައްސައިދޭން ވައުދުވި ވަޒީފާތައް ކޮބައިތޯ ޝަހީމްވަނީ ސުވާލު ކުރައްވާފައެވެ.

”އަދާލަތަށް ލިބުނު ސްލޮޓްތަކުގައި ގިނައިން ތިބީ އެމްޑީޕީގެ އަސްލު މީހުން. އެ މީހުން އެ ސްލޮޓްތަކަށް ލީ ވެސް އަދާލަތުގެ މަޝްވަރާ މަޖިލީހުގެ ރައުޔުއެއް ވެސް ނެތި“ ޝަހީމް ވިދާޅުވިއެވެ.

އަދާލަތު ޕާޓީ އާއި އެމްޑީޕީއާ އެކު ކުރި މަޝްވަރާތަކުގެ ތެރެއިން އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ނިންމި ބައެއް ކެންޑިޑޭޓުން ފަހުން ނަން ނެގީ ސަރުކާރުން އަލުން ވަޒީފާ ދޭނެ ކަމަށް ވައުދުވުމުން ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ މި ސަރުކާރު ގެނައުމަށް އެތައް މަސައްކަތެއް ކުރެއްވި ޝިދާތާ އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވި ދުވަހު އިމްރާނާއި އަދާލަތުގެ އެހެން އިސް ބޭފުޅަކުވެސް ޝިދާތާގެ ދިފާއުގައި ބަހެއް ވިދާޅުވި ކަމަށެވެ.

ޝިދާތާ އިސްތިއުފާ ދެއްވުމުން، އިމްރާން ކުރެއްވި ޓްވީޓަށް އިޝާރާތް ކުރައްވައި ޝަހީމް ވިދާޅުވީ ”އިމްރާން ޓްވީޓް ކޮށްލެވީ ވެސް ޝިދާތާ ވަކިވުމަށްފަހު، މައްޔިތާއަށް ރަހުމަތް ލެއްވުމަށް އެދި ދުއާ ކުރާ މަގުން“ ކަމަށެވެ.

އަދާލަތު ޕާޓީގެ ހުރިހާ ހައްގުތަކެއް ގުރުބާން ކުރެއްވުމަށްފަހު އިމްރާން ނުކުންނެވީ އެމްޑީޕީއަށް މަޖިލީހުގެ އަގުލަބިއްޔަތު ހޯދައި ދެއްވުމަށް ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި އެހެން ވިދާޅުވެގެން އިމްރާން ކޯފާވެވަޑައިނުގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އަދާލަތު ޕާޓީއަށް ލިބެންވާ ހައްގު މިންވަރު ނުލިބި އޮތް އިރު، އެކަމުގެ ސަބަބުން މުޅި ގައުމުގެ ނިޒާމަށާއި އިސްލާމީ އުއްމަތަށް ފޫބައްދަން ދަތި އެތައް ކަމެއް ކުރިމަތިވަމުންދާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް މިހެން ވިދާޅުވެފައިވާއިރު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބު ކުރެވިއްޖެ ނަމަ، ވެރިކަން ހިންގާ ކޯލިޝަން ނިމުމަކަށް ގެންނާނެ ކަމުގެ އިންޒާރު، މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ދީފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: