ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން (އެމްއެސްއޭ) ގެ ޑިވެލޮޕްމެންޓް ޕާޓްނަރގެ ގޮތުގައި ވެފައިވާ އެއްބަސްވުން އާކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ރާޅާ އެޅުމުގެ ދާއިރާ ކުރިއެރުވުމަށް ބޭންކުން ދެމުންގެންދާ އެހީތެރިކަން އިތުރަށް ފުޅާވެގެންދާނެއެވެ.
މި ޕާޓްނަރޝިޕްގެ ދަށުން، ގައުމީ ޖޫނިއާ އަދި ސީނިއާ ސަރފިންގ ޓީމުތަކުގެ ސްޕޮންސަރގެ ގޮތުގައި ބޭންކުން ދޭ އެހީތެރިކަން ދަމަހައްޓާނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ޒުވާން ރާޅާ އެޅުންތެރިންގެ ހުނަރު ކުރިއަރުވައި ތަރައްގީކުރުމުގެ މަގްސަދުގައި ބާއްވާ އަހަރީ ”ނޭޝަނަލް ޖޫނިއަރ ސާފިންގ ޗެމްޕިއަންޝިޕް“ އަށް ވެސް ބޭންކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ބޭންކް އޮފް މޯލްޑިވްސް އިން އެމްއެސްއޭ އާއެކު ފުރަތަމަ ޕާޓްނަރޝިޕް ގާއިމުކުރީ 2022 ވަނަ އަހަރުގައެވެ. އަދި މިހާރު ވެފައިވާ އެއްބަސްވުމުގެ ދަށުން 2024 ވަނަ އަހަރުން ފެށިގެން އިތުރު ދެ އަހަރަށް މި މުއްދަތު ވަނީ އިތުރުކޮށްފައެވެ. މިއީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށް އެހީތެރިވުމަށް ބޭންކުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ކުޅިވަރު ހަރަކާތްތަކާއި ގައުމީ އެސޯސިއޭޝަންތަކާއެކު ގާއިމުކުރާ ސްޓްރެޓީޖިކް ޕާޓްނަރޝިޕްތަކުގެ ޒަރިއްޔާއިން، މުޅި ރާއްޖޭގައި ކުޅިވަރުގެ ހުނަރުތައް ތަރައްގީކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ބޭންކުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން ”ސްޕޯޓްސް ސްކޮލަރޝިޕް“ ޕްރޮގްރާމެއް ވެސް ހިންގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި ސްކޮލަރޝިޕް އެންމެ ފަހުން ލިބިފައިވަނީ ސަރފިންގ ދާއިރާގެ އެތްލީޓަކަށެވެ. މި ސްކޮލަރޝިޕްގެ ދަށުން، ބައިނަލްއަގުވާމީ ފެންވަރުގައި އިންޑޮނޭޝިއާ، ޖަޕާން އަދި ފިލިޕީންސް ފަދަ ގައުމުތަކުގައި މަތީ ފަންތީގެ ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުސަތު އެ އެތްލީޓަށް ލިބިގެންދާނެއެވެ.

