ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް19) ރާއްޖެއަށްވެސް އައުމުގެ ފުރުސަތު ބޮޑު އޮތުމުން، ރާއްޖެއަށް ވެސް ކޮރޯނާ ވައިރަސް އަތުވެދާނެކަން ޤަބޫލު ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ކޮވިޑް19 އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައާއި ގުޅިގެން އެމަނިކުފާނު ދެކިވަޑައިގަންނަވާގޮތް ހާމަކުރައްވައެވެ.
ދުނިޔޭގެގައި ފެތުރެމުންދާ ބައްޔެއް ނަމަ އެކަމެއް ރާއްޖެއަށްވެސް އަންނާނެ ކަމަށާއި ދުނިޔޭގައި ވަމުން އަންނަ ކަންކަން ރާއްޖެއަށްވެސް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ބަލިތަކާއި ކުރިމަތިވުމުން، ބަލީގެ ފަރުވާއާ އެކަން ކުރަން އޮންނަ ނިޒާމް ހަރުދަނާ ކޮށްގެން ކުރިއަށްޖެހޭ ކަމަށެވެ. އަދި ކޮރޯނާ ވައިރަސް ނޫނަސް ރާއްޖެއަށް ނާންނަ، އަދި ދުނިޔޭގެ އެހެން ގައުމަކަށް ނުދާ ވަކި ބައްޔެއް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
”ކަންބޮޑުވެގެން ނުވަތަ މިކަމާ އަޅުގަނޑުމެން ދެން ހާސްވެ ދުއްވައިގަނެ މުދާ ބައްކޮށް ގެއަށްވަދެ ފިލާ، މިބާވަތުގެ ކަންކަމުގެ ތެރެއަށް ގައުމުދާން އުޅުން އެއީ އަޅުގަނޑު ދެކޭގޮތުގައި ޒިންމާދާރު ކަމެއްވެސް ނޫން. ބުއްދިވެރިކަމެއް ވެސް ނޫން. އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވާނީ އަޅުގަނޑު ދެކޭގޮތުގައި ދިވެހި ރާއްޖެއަށް ކޮރޯނާ ވައިރަސް އަންނާނެ. އެއީ ނުވެދާނެ ކަމެއްގޮތުގަ ދެކެން ވަރަށް އުނދަގޫ. ދިވެހިރާއްޖެއަށް ވަކި ނާންނަ އެއްވެސް ބައްޔެއް ދުނިޔެއަކު ނޫޅޭ.“ ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ރާއްޖެއަށް މިބަލި ނާންނާނެކަމަށް ހިތަށްވައްދާ ގަބޫލުކުރަން ވަރަށް ދަތިކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ސިއްހީ ނިޒާމު އޮތީ މިފަދަ ކަންކަމަށް ވަރަށް ތައްޔާރަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، އެ ބަލި ރާއްޖެއައުން އެކަށީގެންވި ނަމަވެސް، އެ ބާވަތުގެ ރޯގާތައަށް ރާއްޖޭގެ ސިއްހީ ނިޒާމަކީ ފަރިތަވެފައިވާ ނިޒާމެއް ކަމަށެވެ. އެގޮތުން 1940 އިން ފެށިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއާއެކު ރާއްޖެއިން ޕަބްލިކް ހެލްތްގެ މަސައްކަތް އިންތިހާއަށް ގެންގޮސްފައިވާ ކަމަށެވެ.
ވައިރަސް ޖެހިގެން ދުނިޔޭގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އެ ވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން ގޮސް މިހާރު އެ ވައިރަސް ވަނީ 61 ގައުމަކުން ފެނިފަ އެވެ. އަދި 85،000 އަށްވުރެ ގިނަ މީހުނަށް އެ ވަައިރަސްއަށް ޕޮޒިޓިވް ވެފައިވެ އެވެ.
ސަރުކާރުން ވަނީ އެ ވައިރަހުން ރައްކާތެރިވުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އަދި އެ ފިޔަވަޅުތައް އިތުރަށް ފުޅާކޮށް، އެޗްޕީއޭ އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ގައުމީ ފެންވަރުގައި ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފަ އެވެ.

