ކޮވިޑް19 އަށް ސަރުކާރުން ވަމުންދާ ތައްޔާރީތަކަށް ދިމާވެފައިވާ ހަމައެކަނި ދައްޗަކީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ސަރުކާރަށް ކުރާ ޖެއްސުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވެއްޖެ އެވެ.
އަފީފް މިހެން ވިދާޅުވީ ކޮރޯނާ ވައިރަސް ރާއްޖެ އަތުވެއްޖެނަމަ ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެ ކުރުމުގައި ދަތި ކަމެއް ދިމާވެދާނެތީ އެ ކަމަށް ސަރުކާރު ތައްޔާރުވާން ގޮވާލައި މަޑުއްވަރީ ދައިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.
އަފީފް ވިދާޅުވީ ޗައިނާއިން އެ ވައިރަސް ފެނުނު ދުވަހުން ފެށިގެން ސަރުކާރުން އެ ކަމަށް ތައްޔާރުވާން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި އެ ކަމަށް އެންމެ ބޮޑަށް ތައްޔާރުވި އެއް ގައުމަކީ ވެސް ރާއްޖެ ކަމަށެވެ.
ސަރުކާރުން ވަމުންދާ ތައްޔާރީގައި ދަތި ކަމެއް އަންނަނީ ހަމައެކަނި ހެލްތު މިނިސްޓްރީން އަންނަ ދަތި ކަމެއް ކަމަށް އަފީފް ވިދާޅުވިއެވެ. އެގޮތުން ޖޭޕީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރު ކަމަށް ވަޑައިގެން ހުންނެވި އަމީން ސަރުކާރަށް ޖެއްސުން ކުރަމުން ދާތީ ދިމާވާ ދަތި ކަމެއް ކަމަށް އަފީފް ވިދާޅުވިއެވެ.
“މިއަދު ވެސް އެސްޓީއޯ އިން ފޭސް މާސްކްތައް ގެންނަން ވެގެން ހެލްތު މިނިސްޓްރީން ކޮންފާމް ނުލިބިގެން އެތަކެތި ނުގެނެވިގެން މި އުޅެނީ، އެހެންވީމަ އެސްޓީއޯ ވެސް، ސަރުކާރު ވެސް، މި ތިބީ މި ކަމަށް ތައްޔާރުވެގެނ. ”މި ކަމަށް އަންނަ ހަމައެކަނި ދައްޗަކީ ހެލްތު މިނިސްޓްރީން އަންނަ ދަައްޗެއް، އެއީ ޖުމްހޫރީ ޕާޓީގެ ވަޒީރަކު އެ ތަނުގައި އިންނަވާތީ ޖެއްސުން ކުރަނީ، އެހެންވެ ވާ ގޮތެއް އެއީ، ސާފުވެއްޖެ ދެއްތޯ“ އަފީފް ވިދާޅުވިއެވެ.
މީގެ އިތުރުން ހެލްތު މިނިސްޓްރީން ކުރަމުންދާ މަސައްކަތް ބައްލަވައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށް އަފީފް ވިދާޅުވިއެވެ. މިނިސްޓަރު އަމަލު ކުރައްވަމުން ގެންދަވަނީ ރައީސް އަންގަވާފައިވާ ގޮތަށްތޯ ބައްލަވަން ޖެހޭ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.
އަފީފް ވިދާޅުވީ، ޝަރީފް ހުށަހެޅުއްވި މައްސަލާގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. ރާއްޖޭން ކާބޯތަކެތީގެ ސްޓޮކް ނެތް ކަމަށް ދެކެވަޑައިގެން ޝަރީފް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވިއިރު އެ ކަމަށް ވެސް ސަރުކާރާއި އެސްޓީއޯއިން އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް އަފީފް ވިދާޅުވި އެވެ.
”އަޅުގަނޑު ދަންނަވާލަން މިއަދު ވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަ ހުއްޓޭ 58000 ޓަނުގެ ހަނޑޫ، ހަކުރު އެބަ އުޅޭ 25000 ޓަނަށްވުރެ ގިނަ އަދަދަކަށް، ފުށް އެބައުޅޭ 43000 ޓަނަށް އަދި އަންނަން ހުރި ޝިޕްމަންޓްތަކުގެ ތެރޭގައި އެބަ އުޅޭ ހަނޑޫ 25000 ޓަނާއި 20000 ޓަނަކާ، ހަކުރު އެބަ އުޅޭ 15000 ޓަނުގެ ދެ ޝިޕްމަންޓް، ފުށް އެބަ އުޅޭ 10،000 ޓަނަކާއި 20،000 ޓަނަކާއި، މިހާރު އަންނަ މަގުމަތީގައި ހުރި އެއްޗެހި،“ އަފީފް ވިދާޅުވި އެވެ.
އަފީފް ވިދާޅުވީ އެއާޕޯޓް އެރައިވަލްގައި މި ސަރަހައްދުން ވެސް އެންމެ ފުރިހަމައަށް ކެމެރާ ހަރު ކޮށްގެން ތައްޔާރަށް ތިބި ގައުމަކީ ރާއްޖެ ކަމަށެވެ. އެގޮތުން އަވަށްޓެރި ގައުމުތަކަށްވުރެ، ވެލާނާ އެއާޕޯޓުގައި ބޭނުން ކުރަމުން އަންނަ ކެމެރާގެ އަދަދުވެސް އިތުރުވާނެ ކަމަށް އަފީފް ވިދާޅުވިއެވެ.

