ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަކީ މި ވަގުތަށް އޮތް އެންމެ ރައްކާތެރި ގޮތް ކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ދަތުރަށް ފުރުމުގެ ކުރިން، ދަތުރުކުރާ ގައުމެއްގައި ބަލީގެ ހާލަތު ހުރި ގޮތް ރަނގަޅަށް ދެނެގަތުމަށް ފަހު ބަލި ފެތުރޭ ގައުމެއް ނަމަ އެ ގައުމަކަށް ދަތުރު ނުކުރުމަށެވެ.
ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަކަށް ފަރުވާކުރާ ބަލި ހުންނަ ފަރާތްތަކުން ކޮންމެހެން ދަތުރުކުރަން ޖެހިގެން ނޫނީ ރާއްޖެއިން ބޭރަށް ނުދިއުމަށް އެޗްޕީއޭ އިން އިލްތިމާޒް ކުރެއެވެ.
އޭގެ އިތުރުން ދަތުރުކުރާ ގައުމުގެ ސަރުކާރުން ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އާންމުންނަށް ދީފައިވާ އިރުޝާދުތަކަށް އަހުލުވެރިވުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެއެވެ.
ދަތުރުމަތީގައި ސަމާލުކަން ދޭންޖެހޭ ކަންކަން ފާހަގަކޮށް އެޗްޕީއޭ އިން ބުނީ ހުމާއި ކެއްސުމާއި ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތަކާ ގާތްވެ ނޫޅުމަށާއި ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި ހޭންޑް ސެނިޓައިޒާ ބޭނުންކުރުމަށެވެ.
ބޭރަށް ދަތުރުކުރުމަށްފަހު ރާއްޖެ އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައިސް ރޯގާ ޖެހުމާއި ކެއްސައި ކިނބިހި އަޅާނަމަ ހޮސްޕިޓަލަށް ނުގޮސް ގޭގައި ތިބެ 1676 ހޮޓްލައިނަށް ގުޅައި ބަލިމީހާގެ ހާލަތާއި ދަތުރުގެ މައުލޫމާތު ހިއްސާކުރުމަށް އެޗްޕީއޭ އިން އެދެއެވެ.
ރޯގާ ޖެހި، ކެއްސައި ކިނބިހި އަޅާނަމަ، ރަނގަޅަށް އަނގަޔާއި ނޭފަތް ޓިޝޫއަކުން ނިވާކުރުމާއި ބޭނުން ކުރުމަށްފަހު ޓިޝޫތައް ޑަސްބިނަށް ލުމަށް ސަމާލުވުމަށް ވެސް ވަނީ އެދިފައެވެ. މިފަދަ އަލާމާތެއް ހުރެއްޖެ ނަމަ ރަނގަޅު ވަންދެން ގޭގައި މަޑުކުރުމަށާއި މީހުން އެއްވެ އުޅޭ ތަންތަނަށް ނުނިކުތުމަށް އެޗްޕީއޭގެ ބަޔާނުގައި އެދިފައި ވެއެވެ.

