އުސޫލާއި އެއްގޮތަށް އަމަލު ކުރުމުގެ ގޮތުން އިޓަލީގައި ދިރިއުޅުމަށްފަހު، ރާއްޖެއަަށް އެނބުރި އައި ދިވެއްސަކު އެކަހެރިކޮށް ހާލަތު ބަލަމުން އަންނަ ކަަމަށް ހެލްތް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
ނޯޓު: ކޮރޯނާ ވައިރަސް އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު https://www.worldometers.info/coronavirus/#countries ވޯލްޑް މީޓާސްއިން ލިބޭނެއެވެ.
ކޮރޯނާވައިރަސް، އެކި ގައުމުތަކަށް ފެތުރެން ފެށުމާ އެކު، ރާއްޖެ އަންނަ މީހުން ސްކްރީން ކުރުމުގެ މަސައްކަތް އެއާޕޯޓްތަކުގައި ވަނީ ފަށައިފަ އެވެ. އަދި އެ ވައިރަސް ހުރި މީހަކު ފެނިއްޖެ ނަމަ، ކަރަންޓީން ކުރުމަށްޓަކައި ހުޅުމާލޭގެ އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ 10 ކްލާސްރޫމުގެ ޕްރީ ސްކޫލް ވަނީ ހަމަޖައްސައިފަ އެވެ. އަދި ހުޅުމާލޭ ޕްރީސްކޫލްގައި ކަރަންޓީން ކުރާ ގޮތަށް ހަމަޖައްސާފައި ވިޔަސް، ކޮރޯނާވައިރަސްގެ ނުރައްކާތެރި ކަން އިތުރަށް ބޮޑުވެއްޖެ ނަމަ، ތެޔޮ ރައްކާކުރާ ކ. ފުނަދޫގައި ވެސް ކަރަންޓީން ކުރެވޭ ގޮތަށް ވަނީ ނިންމާފައެވެ. އަދި އޭގެ އިތުރުން، ފަރުކޮޅުފުށީގައި ކްލިނިކަލް ފަރުވާ ދޭނެ ސެންޓަރެއްގެ އިތުރުން އާ ރަށުގައި ވެސް ވަނީ އެ އިންތިޒާމުތައް ހަމަޖައްސާފައެވެ.
އިޓަލީގައި އުޅުމަށްފަހު އައި މީހާއަށް މި ފިޔަވަޅު އަޅާފައިވަނީ އެއްވެސް ނުރައްކަލެއް އޮވެގެން ނޫންކަމަށާއި އެ މީހާ ގައިގައި ވައިރަސްގެ އެއްވެސް އަލާމާތެއް ނެތް ކަމަށް ހެލްތް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އެ މީހާ އެކަހެރިކޮށްފައި ހުރީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީގައެވެ.
ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ކޮރޯނާ ވައިރަސްއާއި ގުޅިގެން އަމަލު ކުރާ އުސޫލަށް ބަލާއިރު ވައިރަސް ފެތުރޭ ގައުމަކުން އެނބުރި އަންނަ މީހަކު އެކަހެރި ކުރަންޖެހޭނެއެވެ. އަދި ކަނޑައެޅިފައިވާ ވަކި މުއްދަތެއް ވަންދެން އޭނާގެ ކަންކަން މޮނީޓާރ ކުރަންޖެހެއެވެ. އެއީ އެ މީހާގެ ގައިގައި ވަރައިސްގެ އެއްވެސް އަލާމާތެއް ފެންނަން ނެތަސް މެއެވެ.
ވައިރަސް އެންމެ ބޮޑަށް ފެތުރެމުން އައި ޗައިނާގައި ބައެއް ދިވެހިން އަދިވެސް ތިބިއިރު، އެ މީހުންނަށް އެނބުރި ގައުމަށް އައުމުގެ ފުރުސަތު އެބައޮތެވެ. ޗައިނާގެ ވޫހާންގައި ތިބި ހަތް ދިވެހިން އިންޑިއާގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވަންދެން ކަރަންޓީން ކުރުމަށްފަހު، އެ މީހުން ވަނީ ރާއްޖެ ގެނެސްފައެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރާއްޖެއަށް ބޭރުން އަންނަ މީހުން ސްކްރީން ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހުންގެ ހާލަތު އިތުރަށް ބަލާފައިވާނެ ކަމަށާއި، ނަމަވެސް، އަދި ވައިރަސްއަށް ޝައްކު ކުރެވޭ މީހަކު ފެނިފައި ނުވާ ކަމަށެވެ.
މި ވައިރަސްގެ 30 ކޭސްއެއް އަވައްޓެރި އިންޑިއާއިން ވަނީ ފެނިފައެވެ. އޭގެ ތެރޭގައި އިޓަލީން އެ ގައުމަށް އައި 14 ފަތުރުވެރިންނާއި އެކު އެމީހުންނާއި ކޮންޓެކްޓުވެފައި ހުރި ޑްރައިވަރެއް ހިމެނެއެވެ. އަދި ދިއްލީގައި ވައިރަސް ޖެހުނު މީހާއާއި އެކު އެ މީހާގެ އާއިލާގެ ހަ މީހުންނާއި އެކުވެރިއެއް ހިމެނެއެވެ. އަދި އިންޑިއާގެ ޖެއިޕޫރަށް އައި އިޓަލީ މީހަކާއި ކައިވެނިކޮށްގެން އުޅޭ އިންޑިއާ ދެމަފިރިން ވެސް ވަނީ ވައިރަސްއަށް ޕޮޒިޓިވް ވެފައެވެ. އަދި ހައިދްރަބާދް ގައި ޕޮޒިޓިވް އެއް ކޭސް ފެނިފައިވާއިރު ކެރެލާއިން ފެނުނު ތިން މީހުން ވަނީ ވައިރަސްއިން ރަނގަޅުވެފައެވެ.
މީގެ އިތުރުން ސްރީލަންކާއިން ޕޮޒިޓިވް ވި މީހާވެސް ވަނީ ބައްޔަށް ފަރުވާ ހޯދުމަށްފަހު އެކީ ރަނގަޅުވެފައެވެ. ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ސިންގަޕޯރ އިން ފެނުނު ކޭސްތަކުގެ އަދަދު 112 އަށް އަރައެވެ. ފަރުވާ ދިނުމަށްފަހު އެ ގައުމުން 79 މީހަކު ވަނީ ރަނގަޅު ވެފައެވެ. އަދި 7 މީހެއްގެ ހާލަތު ގޯސްކަމަށް ދައްކައެވެ. ތައިލޭންޑުން 47 ކޭސް ފެނުނުއިރު، 31 މީހަކު ވަނީ އެކީ ރަނގަޅުވެފައެވެ. އެ ގައުމުގައި ވައިރަސް ޖެހިފައި ތިބި މީހުންގެ ހާލު ގޯހެއް ނޫނެވެ.
ދެން ދިވެހިން އެންމެ ގިނައިން ދިރިއުޅޭ އަދި ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނަ މެލޭޝިއާއިން ފެނިފައިވަނީ 55 ކޭސްއެކެވެ. އަދި އޮސްޓްރޭލިއާއިން ފެނިފައިވަނީ 52 ކޭސްއެކެވެ. މެލޭޝިއާގައި ފަރުވާ ދެމުން އަންނަނީ މިވަގުތު 33 މީހަކަށެވެ. އަދި އެކެއްގެ ހާލަތު ގޯސްކަމަށް ދައްކާއިރު، ޖުމްލަ 22 މީހުން ވަނީ އެކީ ރަނގަޅު ވެފައެވެ. އަދި އޮސްޓްރޭލިއާގައި 21 މީހެއް އެކީ ރަނގަޅުވެފައި ވެއެވެ. އޮސްޓްރޭލިއާ ގައި ފަރުވާ ދެމުން އަންނަ އެއްވެސް މީހެއްގެ ހާލު ގޯހެއް ނޫނެވެ.
ދުނިޔޭގެ 86 ގައުމަކުން މި ވައިރަސް ފެނިފައިވާއިރު، ބައެއް ގައުމަތަކުން ފެންނަ ކޭސްތައް އަންނަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި އެއް ގައުމަކަށް އީރާން ހިމެނެއެވެ. އޭގެ އިތުރުން އިޓަލީ ވެސް ހިމެނެއެވެ. ބައެއް ގައުމުތަކުގައި އޮބްޒަވޭޝަންއާއި، އެކެހެރި ކުރެވިފައިވާ މީހުން ހިމެނެއެވެ. އެ ގައުމުތަކުންނާއި، އަދި ވައިރަސްއާއި ދެކޮޅަށް ފިޔަވަޅު އަޅަމުން އަންނަ ބައެއް ގައުތަކުން ވަނީ ޗައިނާއިން އެ ގައުމަށް ކުރާ ދަތުރުތައް ހުއްޓާލުމާއި އެކު، ޗައިނާ މީހުންނަށް ވަގުތީގޮތުން އެ ގައުމުތަކަށް އެތެރެ ނުވެވޭ ގޮތަށް ފިޔަވަޅުތަކެއް އަޅާފައެވެ.
ޗައިނާއިން ވައިރަސް ޖެހޭ މީހުންގެ އަދަދު މިހާރު މަދުވާން ފަށާފައިވާއިރު، މަރުވާ މީހުންގެ އަދަދު ވެސް ވަނީ ދަށްވެފައެވެ.
ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ގައުމުތަކަށް ފެތުރި، ވައިރަސްއަށް ޕޮޒިޓީވް ވީ އަދަދު 96,274 އަރައެވެ. މީގެ ތެރެއިން ހުރިހާ ގައުމެއްގެ ޕޮޒިޓިވް ކޭސްތަކުން ސީރިއަސްކަމަށް ރެކޯޑުކޮށްފައިވަނީ 6,421 ކޭސްއެކެވެ. އަދި މި ވައިރަސްގެ ސަބަބުން 3,304 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ވައިރަސްއަށް ފަރުވާލިބި އެކީ ރަނގަޅުވީމީހުންގެ އަދަދު ހުރީ 53,900 މީހުންނެވެ. އެހެން ކަމުން، މިވަގުތު ކޮރޯނާ ވައިރަސް ޖެހިފައިވާ މުޅި ޖުމްލަ 39,070 މީހުން އެބަތިއްބެވެ.
ޗައިނާ މީހުން ރާއްޖެ އެތެރެކުރުން ހުއްޓާލުމަށް ގޮވާލަމުންދަނިކޮށް، ސަރުކާރުން ވަނީ ޗައިނާއިން ރާއްޖެއަށް، އަދި ރާއްޖެއިން ޗައިނާއަށް ކުރާ ޑައިރެކްޓު ދަތުރުތައް ހުއްޓާލާފައެވެ. އެއަށްފަހު އަނެއްކާވެސް ރާއްޖެއިން އަޅާފައިވާ ފިޔަވަޅަކީ ޗައިނާގެ ރައްޔިތުންނާއި ޗައިނާއަށް ގޮސް އަންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް މަނާކުރުމަށެވެ. އެއީ ޗާޓަރު ފްލައިޓެއްގައި ވެސް ނާދެވޭ ގޮތަށެވެ. ނަމަވެސް މި މަނާވުން ޗައިނާގައި މިހާރު ތިބި ދިވެހިންނަށް ނޯންނާނެ އެވެ.

