ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަނީ ލޯންޑްރިންގެ ގާނޫނު ތަސްދީގުކުރީ ޔާމީން، އެއީ ކުށެއް ކަން އެނގޭނެ: ދައުލަތް

ތަހުގީގަށް ސުވާލު ކުރުމަށް ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރި ވަގުތު - ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރެއްވިކަމުގެ ކުށް ސާބިތުވެފައިވާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި މަނީ ލޯންޑްރިން އާއި ގުޅޭގޮތުން ސުވާލު ނުކުރާކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވުމުން އެ ތުހުމަތާއި ބެހޭ ގޮތުން އެނގޭކަން ސާބިތު ކުުރުމަށް ތަހުގީގަށް ހާޒިރުކުރި ވީޑިއޯ ދައްކައިފިއެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ހުކުމް ހައިކޯޓަށް ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފުކޮށްފައިވާއިރު، ކަފާލާތުގެ ދަށުން މިނިވަން ކުރެވެން ނެތް ކަމާއި އަދި ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ. ރައީސް ޔާމީންގެ ފަރާތުން ދިފާއަށް ހުށަހަޅާ އިސްތިއުނާފީ ނުކުތާތަށް ހުށަހެޅުމަށްފަހު، ދެ ދުވަހަށް އޭގެ ތަފްސީލުތައް ހުށަހެޅުން ދެމިގެން ދިޔައެވެ.

ޖުމްލަ 75 ނުކުތާގެ ތަފްސީލުތައް ހުށަހެޅުމަށްފަހު މިއަދު ކުރިޔަށް ގެންގޮސްފައިވަނީ އެ ނުކުތާތަކަށް ދައުލަތުގެ ފަރާތުން ޖަވާބުދާރީވުމެވެ.

ރައީސް ޔާމީންގެ ފަރާތުން ފާހަގަ ކުރެއްވި ތަހުގީގީ ސުވާލާ ގުޅޭ ނުކުތާގައި ވަކީލް އަބްދުﷲ ޝިޔާޒު ވިދާޅުވެފައިވަނީ، ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށް ތަހުގީގު ހިންގިިއިރު މަނީ ލޯންޑްރިންގެ ކުށާ ގުޅޭ ގޮތުން އެއްވެސް ސުވާލުކޮށްފައިނުވާ ކަމަށެވެ. ސުވާލުކޮށްފައިވަނީ ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމާއި ގުޅޭގޮތުންކަމަށް ޝިޔާޒް ވަނީ ވިދާޅުވެފައެވެ. ޝިޔާޒް ވިދާޅުވީ ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިންކަމަށް ބުނެ ކަމަށެވެ. އަދި އެކި ފަހަރުމަތީން ހާޒިރު ކުރުމަށްފަހު ވެސް މަނީ ލޯންޑްރިންގެ އެއްވެސް ތުހުމަތެއް ކުރެވޭކަން އަންގާފައި ނުވާ ކަމަށެވެ.

އެ ނުކުތާއަށް ރައްދު ދެމުން ދައުލަތުން ބުނެފައިވަނީ، ތަހުގީގުގައި ރައީސް ޔާމީނަށް ދިން ގާނޫނީ އިންޒާރުގައި މަނީ ލޯންޑްރިންގެ ކުށް ހިމަނާފައިވާ ކަމަށާއި، އެ ހުރިހާ ވާހަކަތަކެއް ލިޔެކިޔުންތަކުގައިވެސް ހިމެނޭނެ ކަމަށެވެ. އެކަމާއި ގުޅޭގޮތުން ރައީސް ޔާމީންގެ ވަކީލުން ސުވާލު އުފައްދާ ދައުލަތުން މަސައްކަތް ކުރަނީ އޮޅުވާލުމަށްކަމަށް ބުުނުމުން ދައުލަތުން ވަނީ ރައީސް ޔާމީން ހާޒިރުކޮށް ސުވާލު ކުރި ވަގުތު ނަގާފައިވާ ވީޑިއޯވެސް ދައްކާފައެވެ.

އެ ވީޑިއޯއަށް ރައްދު ދެއްވާ ޝިޔާޒް ވިދާޅުވީ މަނީ ލޯންޑްރިންގެ ކުށް ގާނޫނީ އިންޒާރުގައި ހިމަނާފައި އޮތް ނަމަވެސްދައުވާކުރި މައްސަލައާ ގުޅޭގޮތުން ސުވާލުކޮށްފައި ނުވާ ކަމަށެވެ. ތަހުގީގުގައި ސުވާލުކުރީ ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތުގައިކަމަށް ވަކީޅުން ވަނީ ތަކުރާރު ކުރައްވާފައެވެ.

ރައްދު ދިނުން މައިގަނޑު ހަ ބަޔަކަށް ބަހާލުމަށްފަހު ދައުލަތުން ބުނެފައިވަނީ ރައީސް ޔާމީން ހިންގާފައިވަނީ މަނީ ލޯންޑްރިންގެ އަމަލަށް ފެތޭ ކުށެއް ކަމަށެވެ. އަދި މައްސަލަ އިސްތިއުނާފު ކުރާ ފަރާތްތަކުން އުންސުރުތަކާއި ބެހޭ ގޮތުން ސުވާލު އުފެއްދިޔަސް ކުށުގެ އުންސުރުތައް ފުރިހަމަވާ ކަމަށެވެ. ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވީ ފައިސާއަކީ މަނީ ލޯންޑާރކޮށްގެން ހޯދާފައިވާ ފައިސާކަމަށް ބެލޭވޭ ހާލަތްތަކެއް އެބަހުރި ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ. މަނީ ލޯންޑްރިންއަކީ ކުށެއް ކަމާއި، އަދި އެ އަމަލު ކުށަކަށް ވާ ސަބަބު ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ދައުލަތުން ބުންޏެވެ. ސަބަބަކީ އެ ގާނޫނު ތަންފީޒު ކުރެއްވީ އެމަނިކުފާނަށް ވީތީއެވެ. އަދި މަނީ ލޯންޑްރިންގެ ކުށް ރައީސް ޔާމީނަށް އޮޅިފައި ނޯންނާނެ ކަމަށް ދައުލަތުން ފާހަގަކުރިއެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަވާ ފަރާތަކަށް، އިތުރު ވަޒީފާއެއް އަދާ ކުރުން ނުވަތަ ވިޔަފާރިއެއް ކުރުން މަނާ ކުރާކަން ފާހަގަކޮށް ދައުލަތުން ބުނެފައިވަނީ އެ އަމަލު ހިންގިއިރު ރައީސް ޔާމީން ހުންނެވީ ވެރިކަމުގައި ކަމަށާއި، ގޮތް ނޭނގޭ މީހަކު ނުވަތަ ގޮތް ނޭނގޭ ފައިސާތަކެއް ވިޔަފާރި ކުންފުންޏަކުން ޖަމާކޮށްފިނަމަ އެއާއި މެދު ޝައްކު ކުރެވޭނެ ކަމަށެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ އެންމެ ބޮޮޑު ތުހުމަތެއްވާ އެސްއޯއެފް އެކައުންޓަކުން ރާއްޖޭގެ ރައީސްއެއްގެ އެކައުންޓަކަށް ފައިސާ ޖަމާވީގޮތް ބަލަންޖެހޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެކައުންޓަށް ޖަމާވީ ފައިސާއަކީ ސިޔާސީ ކަންކަމުގައި ބޭނުންކުރުމަށް ބަހައްޓާފައިވާ ފައިސާތަކެއްކަމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވިދާޅުވާއިރު އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު އޮތްގޮތުން އިންތިޚާބުތަކަށް ވެސް ޚަރަދު ކުރެވޭނީ ވަކި މިންވަރެއް ކަމަށް ދައުލަތުން ބުންޏެވެ. ގާނޫނީ ނުކުތާ ފާހަގަކޮށް ދައުލަތުން ބުނީ 2018 ވަނަ އަހަރުގެ ރިިޔާސީ އިންތިހާބުގައި ހަރަދުކުރަން ހުއްދަ ވާނީ 10 މިލިއަން ރުފިޔާ ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވީ އެއަށްވުރެ އިތުރު އަދަދުތަކެއް ކަމަށެވެ.

މީގެ އިތުރުން ފައިސާއަކީ އިންތިހާބަށް ހަރަދު ކުރުމަށް ލިބުނު ފައިސާއެއް ނަމަ، އެ ފައިސާ ބޭނުން ނުކުރެވޭގޮތަށް ޖެނެރަލް އިންވެސްޓްމެންޓު އެކައުންޓަކަށް އިންވެސްޓު ކުރީ ކޮން ސަބަބަކާއި ގުޅޭގޮތުންތޯ ދައުލަތުން ސުވާލު އުފެއްދިއެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދު ރައީސް ޔާމީނާއި ދެކޮޅަށް ހެކި ބަސް ދިންއިރު ޝިޔާޒް ވިދާޅުވީ އެއީ ފާސިގުން ކަމަށާއި، އެ މީހުންގެ ހެކި ބަސް ބަލައި ނުގަނެވޭނެ ކަމަށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވާ ދައުލަތުން ބުނެފައިވަނީ އެ މީހުންގެ ހެކި ބަސް ބަލައިގަތުމުގައި ހުރަހެއް ނެތް ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް ވަށާ ޖެހެނީ އެ ދެ މީހުންނާއި ކަމަށް ޝިޔާޒް ވިދާޅުވެފައިވެއެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެންމެ ބޮޑު ތުހުމަތުތައް ވެސް ކުރެވެނީ އެ މީހުންނަށް ކަމަށްވާއިރު ޒިޔަތުގެ މައްޗަށް އެމްއެމްޕީއާރުސީ މައްސަލައިގެ ކުށް ސާބިތުވެފައިވާއިރު ޝަރީއަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ހެކި ބަސް ދިނުމުގެ މަގްސަދެއް އެބައޮތް ކަމަށް ޝިޔާޒް ތުހުމަތު ކުރިއެވެ.

އަދީބާއި ޒިޔަތުގެ ހެކި ބަހުގެ މައްސަަލަ

އެއީ އެއްބަސްވުންތަކަކަށް ވެދާނެ ކަމަށާއި އަދީބާއި ޒިޔަތުގެ ހިތުތެރޭ ރައީސް ޔާމީނާއި މެދު ރުޅިވެރިކަމާއި ނަފްރަތު އޮންނާނެ ކަމަށް ޝިޔާޒް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވާ ދައުލަތުން ބުނެފަިއވަނީ އަދީބާއި ޒިޔަތު ގޭ ބަންދުގައި ބައިތިއްބާފައި ތިބުމުން، މަންފާއެއް ލިބުނު ފުރުސަތު އެ މީހުންނަށް އޮތް ކަމަށް ބުނި ނަމަވެސް އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅިގެން އެ ދެ މީހުންނަށް މިހާރު ވެސް ދައުވާ ކޮށްފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އަދި އަދީބަށް ފިލި މައްސަލައިގައި ދައުވާ އުފުލާފައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ޝަރީއަތް ދަށު ކޯޓުން ކުރިއަށް ގެންދިޔައީ އެކަށީގެންވާ ވަގުތާއި، ޖަވާބުދާރީވުމަށް ފޯރުކޮށްދޭންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުކޮށްދީކަމަށް ވަކީލް ވިދާޅުވެފައި ވީ ނަމަވެސް އެކަމަށް ރައްދުދޭކަމަށް ނުޖެހޭ ކަމަށް ދައުަތުން ވަނީ ބުނެފައެވެ. ކޯޓުގައި ފާހަގަކުރި ބައެއް ކަންކަމަކީ ދަށު ކޯޓުގައި ފާހަގަ ނުކުރާ ކަންމަށްވާއިރު ކޯޓުތަކުގެ ގާނޫނު އޮތްގޮތުން އިސްތިއުނާފް މަރުހަލާގައި ބަލާނީ ދަށު ކޯޓަށް ހުށަހެޅުނު ކަންކަމަށް އެކަނި ކަމަށްވާތީ ދައުލަތުން ފާހަގަކުރިއެވެ.

ނުކުތާތަކަށް ދައުލަތުން ޖަވާބުދީ މިއަދު ނިންމިއިރު، ދެން އަޑުއެހުމެއް އޮންނާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އެ އަޑުއެހުމަކީ މި މައްސަލާގައި ބާއްވާނެ އެންމެ ފަހު އަޑުއެހުމެވެ. ދެ ފަރާތަށް ވެސް އެންމެ ފަހުގެ ވާހަކަތައް ދެއްކުމަށް ފުރުސަތު ދޭނެ އެވެ. އޭގެ ފަހުން އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުމެވެ.

އެހެން ދުވަހެކޭވެސް އެއްގޮތަށް މިއަދުގެ ޝަރީއްޔަތުގެ މަޖިލިސް އަޑުއަހަން ރައީސް ޔާމީންގެ ގިނަ ސަޕޯޓަރުން ވަނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: