ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް އެއް ބިލިއަން ރުފިޔާ ދޫކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި، މިއީ މި އަހަރަށް ކައުންސިލްތަކަށް ކަނޑައަޅާފައިވާ ޖުމްލަ ގްރާންޓުގެ ގާތްގަނޑަކަށް 40 އިންސައްތައެވެ.
މި އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ދޫކުރާނެ އަދަދެއްކަމަށް ހިމަނާފައި ވަނީ ޖުމްލަ 2.5 ބިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، މި އަހަރު ކައުންސިލްތަކަށް ދޫކުރި ފައިސާގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ރިޕޯޓުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ދޫކޮށްފައިވަނީ 700 މިލިއަން ރުފިޔާއެވެ. ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގާރްންޓުގެ ފައިސާ އަކީ އެ އިދާރާތަކުގެ މުވައްޒަފުންގެ މުސާރައާއި، އިދާރީ ހިންގުމުގެ އެކި ހަރަދުތައް ހަމަޖެއްސުމަށް ދައުލަތުން ދޭ އެހީއެކެވެ.
ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ މިންވަރަކަށް، ފިސްކަލް ފޯމިއުލާއެއްގެ ތެރެއިން ހުރިހާ ކައުންސިލްތަކަށް ދޭ އެހީއެކެވެ. މިއީ ކައުންސިލްތަކަށް އެމީހުންގެ އިހުތިސާސްގެ ދަށުން ހިންގަންޖެހޭ ތަރައްގީގެ މަޝްރޫޢުތަކާއި، ރަށްރަށުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެންމެ ބޭނުންވާ މާލީ އެހީއެވެ.
މިދިޔަ އޭޕްރިލް މަހު ބޭއްވި ކައުންސިލް އިންތިހާބުގައި ހޮވުނު މެމްބަރުން ވަނީ، މަގާމުގެ ހުވާކޮށް މަސައްކަތާއި ހަވާލުވެފަ އެވެ.

