ސްރީލަންކާއަށް އެތެރެވުމުގެ ކުރިން ހޯދަންޖެހޭ އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަލުން ހުށަހަޅަން ޖެހޭ ގޮތަށް އެގައުމުގެ ސަރުކާރުން ހަމަޖައްސައިފިއެވެ.
ރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައި ކޮމިޝަނުން އާންމުކުރި ބަޔާނެއްގައި ވަނީ، ފަތުރުވެރިކަމުގެ ބޭނުމަށް ލަންކާއަށް ޒިޔާރަތްކުރާ ހުރިހާ ބޭރު ގައުމުތަކުގެ މީހުންނަށް ވެސް މި އުސޫލު ހިނގާނެ ކަމަށެވެ.
މި އުސޫލަށް އަލުން އަމަލު ކުރަން ފެށިއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އީޓީއޭ ނެގުން އޮތީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.
ހައި ކޮމިޝަނުން ބުނެފައިވަނީ، އީޓީއޭ ނަގަން ޖެހުނު ނަމަވެސް ދިވެހިންނަށް ކުރިއެކޭވެސް އެއްގޮތަށް 90 ދުވަހުގެ ޓޫރިސްޓް ވިސާ އެއްވެސް ފީއަކާ ނުލައި ލިބޭނެ ކަމަށެވެ. އަދި ލަންކާއަށް ދަތުރުކުރުމުގެ 24 ގަޑިއިރު ކުރިން eta.gov.lk ވެބްސައިޓު މެދުވެރިކޮށް މި ހުއްދައަށް އެދި ހުށަހަޅަންޖެހޭނެކަމަށް ވަނީ ބުނެފައެވެ.
ސްރީލަންކާގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، އީޓީއޭ ހިލޭ ލިބޭ ގައުމުތަކުގެ އަދަދު 40 އަށް އިތުރުކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން މި މަހުގެ 7 ވަނަ ދުވަހު ވަނީ ފާސްކޮށްފައެވެ. މީގެ ކުރިން މި ލުއި ލިބެމުން ދިޔައީ އިންޑިއާ، ޗައިނާ އަދި ރަޝިއާ ހިމެނޭހެން ހަތް ގައުމަކަށް އެކަންޏެވެ.
އާ ލިސްޓުގައި ރާއްޖެ ހިމެނުނު ކަމުގައިވިޔަސް، ހުރިހާ ގައުމެއްގެ މީހުންވެސް ދަތުރުގެ ކުރިން އީޓީއޭ ފޯމު ފުރިހަމަކުރަން ޖެހޭނެއެވެ.
އީޓީއޭ އަކީ ސްރީލަންކާއަށް ދަތުރުކުރާ ފަރާތްތަކުން އޮންލައިންކޮށް ފުރަންޖެހޭ ފޯމެކެވެ. މި ފޯމުގައި ދަތުރުވެރިޔާގެ އަސާސީ މަޢުލޫމާތާއި ދަތުރުގެ ތަފްސީލުތައް ހިމަނަންޖެހެއެވެ. މި ފޯމު ފުރިހަމަކުރުމަކީ ސްރީލަންކާއަށް އެތެރެވުމުގެ ކުރިން ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
ދަތުރުވެރިން ސްރީލަންކާއަށް ފުރުމުގެ 24 ގަޑިއިރާއި 48 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި މި ފޯމު ފުރިހަމަކުރަންވާނެއެވެ. މި ފޯމު ފުރުމަށް ކަނޑައެޅިފައިވާ ރަސްމީ ވެބްސައިޓަކީ https://eta.gov.lk/slvisa އެވެ.
މި ފޯމު ފުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަމުގެ ތެރޭގައި ޕާސްޕޯޓުގައިވާ މަޢުލޫމާތު ރަނގަޅަށް ޖެހުމާއި، ދަތުރުގެ ތާރީހުތައް ސާފުކޮށް ބަޔާންކުރުން އަދި ސްރީލަންކާގައި ތިބޭނެ އެޑްރެހުގެ ތަފްސީލު ހިމެނުމުގެ އިތުރުން ދަތުރުގެ މަގްސަދު ސާފުކޮށް ބަޔާންކުރަން ޖެހެ އެވެ.

