ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރަމުންދިޔަކަމަށް ތުހުމަތުކޮށް، ރ. މަޑުއްވަރީގައި ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ހައްޔަރު ކުރި މީހުންގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
ދީނީ ހަރުކަށި ފިކުރު ފަތުރަމުން ދާކަމުގެ ތުހުމަތުގައި، ރ. މަޑުއްވަރީގައި އޮޕަރޭޝަން ކުރިޔަށް ގެންގޮސްފައިވަނީ ފުލުހުންނާއި ސިފައިން އަދި ޖެންޑާ މިނިސްޓްރީ ގުޅިގެންނެވެ.
މަޑުއްވަރީގައި ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތް ކުރާ މީހުން ހަރަކާތްތެރިވާ ކަމަށް ތުހުމަތުކޮށް ފުލުހުންނާއި ސިފައިން ވަނީ އެ ރަށުގައި ހާއްސަ އޮޕަރޭޝަނެއް ހިންގައި ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. ހައްޔަރު ކުރީ 30 އަހަރުގެ ފިރިހެނެކެވެ. އޭގެ ފަހުން 34 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެއްވެސް ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުންގެ ބަންދުގެ މުއްދަތު އެކި ފަހަރުމަތީން އިތުރުކޮށްފައިއެވެ.
ހައްދުފަހަނަޅާފައިވާ ފިކުރުގެ މީހުން ގިނަކަމަށް ބުނާ އެ ރަށުން އެތައް މައްސަލައެއް އެ އޮޕަރޭޝަންގައި ފެންމަތިވެފައިވެއެވެ. ހަރުކަށި ފިކުރާ ދެކޮޅަށް ”އައްސޭރި“ ނަމުގައި ފުލުހުން މަޑުއްވަރީގައި އޮޕަރޭޝަނެއް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އެރަށުން ހަރުކަށި ފިކުރަށް ނިސްބަތްވާ ތިންމީހަކު ހައްޔަރުކޮށްފައިވާއިރު ބަލާ ފާސް ކުރުމުގެ ތެރޭގައި ތަހުގީގަށް ވަނީ މުހިންމު ހެކިތަކެއް ލިބިފައެވެ. އޭގެ ތެރޭގައި، ކުޑަކުދިން ކޯޓުން ބޭރުން ކައިވެނި ކުރުވާ އަމިއްލައަށް ތައްޔާރުކޮށްފައި ހުރި ލިޔެކިޔުންތައް ހިމެނެއެވެ. އަދި ކުއްޖާ ވިހެއުމަށްފަހު ވެކްސިން ނުޖަހާ މައްސަލައާއި، އަސާސީ ހައްގުތަކުން މަހުރޫމްކޮށް ސްކޫލަށް ނުފޮނުވާ މައްސަލަތައް ހިމެނެއެވެ. އަދި އަންހެނުން ގެއިން ނިކުތުން މަނާ ކުރުމާއި، ކުޑަ އަންހެން ކުދިން އެކުދިންނަށް ލިބިގެންވާ ހައްގުތަކުން މަހުރޫމް ކުރުން ހިމެނެއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން އެ މައްސަލައާއި ގުޅޭގޮތުން ބުނެފައިވަނީ މަޑުއްވަރީން ހައްޔަރުކުރި ފަސް މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ކަމަށެވެ. އެއީ މަޑުއްވަރީގެ ހަތަރު މީހެއް ކަމުގައިވާ އިބްރާހީމް ޖިހާދުއާއި، ހަސަން ރާޒީއާއި، ހަސަން ސިޔާދުއާއި، އާދަމް ސުހައިލްގެ އިތުރުން މަނަދޫ އިބްރާހީމް ޝިބުނީ އެވެ. އެ ފަސް މީހުންގެ ތެރެއިން އިބްރާހީމް ޖިހާދުއާއި، ހަސަން ރާޒީ އަދި އާދަމް ސުހައިލްގެ މައްޗަށް ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ގެންގުމުގެ ކުށުގެ ދައުވާ ކޮށްފަ އެވެ. އަދި ރާޒީގެ މައްޗަށް ވަނީ ގާނޫނުލް އުގޫބާތުގެ ދަށުން އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ކޮށްފަ އެވެ. ފަސް މީހުންގެ އިތުރުން މުހައްމަދު މައުޖޫދުގެ މައްޗަށް ވަނީ ޓެރަރިޒަމް ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާ ކޮށްފަ އެވެ.
ޓެރަރިޒަމްގެ ދައުވާ އުފުލި ހަ މީހުން
ރ. މަޑުއްވަރި، ގުލްއަލާގެ، އިބްރާހީމް ޖިހާދު
ރ. މަޑުއްވަރި، މީރާ، ހަސަން ރާޒީ
ރ. މަޑުއްވަރި، މީޒާން، ހަސަން ސިޔާދު
ރ. މަޑުއްވަރި، މީޒާން، އާދަމް ސުހައިލް
ނ. މަނަދޫ، ގަހާ، އިބްރާހީމް ޝިބުނީ
ރ. މަޑުއްވަރި، ސައީދާމަންޒިލް، މުހައްމަދު މައުޖޫދު
ޕީޖީން ދައުވާ ކުރި މި ހަ މީހުންގެ މައްސަލަ މިހާރު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ.
މަޑުއްވަރީ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ އެ ރަށުގައި ހަރުކަށި ފިކުރު ފަތުރައި، ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމްކޮށް, އެ ފަރާތްތަކުގެ ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށެވެ.
އަދި ފުލުހުންނާއި ސިފައިން އޮޕަރޭޝަން ހިންގަނީ މިފަދަ ނުބައި ކަންކަން މުޖުތަމައުގެ ތެރޭގައި ފެތުރުން ހުއްޓުވައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށް އެ މުވައްސަސާއިން ވަނީ ބުނެފައެެވެ. މި އޮޕަރޭޝަން ހިންގާ އިރު، ސިފައިންނާއި ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

