އިޓަލީއިން ރާއްޖެއައި މީހާ ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރިއިރު ނެގެޓިވްވެ ދޫކޮށްލާފައިވީ ނަމަވެސް، އިތުރު ދިވެއްސަކު ކޮރޯނާގެ އަލާމަތްތަކާއި އެކު ރިޕޯޓު ކުރުމާއި ގުޅިގެން އޭނާ އެކަހެރިކޮށްފައި ވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ އިޓަލީއިން އައި ދިވެހި މީހާ ބަލީގެ އަލާމާތްތަކެއް އެބަހުރިކަމަށް ބުނެ ރިޕޯޓުކުރުމުން އޭނާ ވައިރަސްއަށް ޓެސްޓުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ޓެސްޓުތަކުން ވައިރަސްއަށް ނެގެޓިވް ވެފައިވާތީ ކަރަންޓީންއިން ދޫކޮށްލާފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
އަލާމާތްތަކެއް ހުރި އިތުރު ދިވެއްސަކު މިއަދުގެ ހަވީރު ރިޕޯޓުކޮށްފައިވާއިރު، އޭނާގެ ކަންކަން ގާތުން މޮނީޓާރ ކުރަމުން އަންނަ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އެޗްޕީއޭއިން ބުނެފައިވަނީ ޓެސްޓްތަކުގެ ނަތީޖާ ލިބުނުހާ އަވަހަކަށް އޭނާގެ ނަތީޖާ އާންމު ކުރާނެ ކަމަށެވެ.
އަލާމާތްތަކާއި އެކު ރިޕޯޓުކުރީ ދަތުރުކޮށްފައިވާ މީހެއްކަމަށް ބެލެވެއެވެ. އެހެން ނަމަވެސް އޭނާ ރާއްޖެ އައި ކޮން ގައުމަކުންކަމާއި، އައިސްފައިވަނީ ކޮންވަގުތަކުކަމެއް އެޗްޕީއޭއިން ހާމައެއް ނުކުރެއެވެ.
https://twitter.com/HPA_MV/status/1235648287388073984/photo/1
ސޯޝަލް މީޑިއާގައި ދިވެއްސައްކު ކަރަންޓީންކޮށްފައިވާކަމުގެ އަޑުތައް ވަރަށް ބޮޑަށް ފެތުރިގެން ދިޔައެވެ. އަދި ސޯޝަލް މީޑިއާގައި ހުޅުމާލޭގެ މަގެއް ބަންދުކޮށް އެމްބިއުލާންސް އަދި ފުލުހުން ހަރަކާތްތެރިވާތަން ފެންނަ ފޮޓޯތަކާއި ވީޑިއޯތަކެއް އާއްމުވިއެވެ. އެހެން ނަމަވެސް، އެއީ އިޓަލީން ރާއްޖެއައި ދިވެހި މީހާކަމަށް މައުލޫމާތު ލިބުމުންނާއި، އޭނާ އެކަހެރި ކުރީ އުސޫލު ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެއަށްފަހު މިރޭ އަނެއްކާވެސް އެ ސަރައްދުގެ ވީޑިއޯއެއް އާއްމުވުމުން، އެކަމާއި ގުޅޭގޮތުން ނޫސްވެރިން ސުވާލު އުފައްދަން ފެށީއެވެ. އަދި ކޮރޯނާގެ މައުލޫމާތު ދިނުމަށް ރައީސް އޮފީހުން މީޑިއާތަކުގެ އިސް ނޫސްވެރިންނާއި އެކު ހަދާފައިވާ ގްރޫޕުގައި ސުވާލު ކުރަން ފެށިއެވެ. އެއަށްފަހު ރައީސް އޮފީހުން ވަނީ ޕްރެސް ސްޓޭޓްމެންޓެއް ނެރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެފައެވެ.
އެއަށްފަހު ބަޔާނުގައި ހިމަނާފައިވަނީ އިޓަލީއިން އެނބުރި ރާއްޖެއައި މީހާގެ ވާހަކައާއި އަދި ދެކުނު އެމެރިކާގެ ޗިލީން ކޮރޯނާއަށް މިދިޔަ އަންގާރަ ދުވަހު ޕޮޒިޓިވް ވި މީހާ ކުރިން ރާއްޖެ އަށް އައިސްފައިވާ ކަން ވަނީ ކަށަވަރު ވެފައިވާ ކަމަށެވެ. އެހެން ކަމުން އޭނާ ރާއްޖޭގައި އުޅެފައިވާ ތަންތަން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އިދާރާ އިން ވަނީ ބުނެފައެވެ. އަދި އެ ތަންތަނުގައި ބަލީގެ އަލާމާތް ހުރި މީހުން އުޅޭ ކަން ބަލައި މޮނީޓާ ކުރަމުން ގެންދާނެ ކަމަށް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
ކޮރޯނާއާއި ގުޅުވާ ސޯޝަލް މީޑިއާގައި ތަފާތު އެކި ވާހަކަތަކެއް ފަތުރަމުން އަންނައިރު، ނޫސްވެރިން ވަނީ އެފަދަ ވާހަކަތަކަގުގައި އެއްވެސް ހަގީގަތެއް ނެތްނަމަ އެކަންވެސް މީޑިއާތަކާއި ހިއްސާކޮށްދިނުމަށް އެދިފައެވެ.

