ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްހޫރު ރެޕާ ރޮބް ބޭސް ކެންސަރު ބަލީގައި ނިޔާވެއްޖެ

ރޮބް ބޭސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހާލަމްގެ މަޝްހޫރު ހިޕް-ހޮޕް ގްރޫޕެއް ކަމަށްވާ ”ރޮބް ބޭސް އެންޑް ޑީޖޭ އީ-ޒީ ރޮކް“ ގެ މެންބަރު، ރެޕާ ރޮބް ބޭސް އުމުރުން 59 އަހަރުގައި ނިޔާވެއްޖެއެވެ. އޭނާ ނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

އަސްލު ނަމަކީ ރޮބަޓް ގިންޔާޑް ކަމަށްވާ ބޭސް ދުނިޔޭގެ ސަމާލުކަމަށް އައީ 1988 ވަނަ އަހަރު ނެރުނު އޭނާގެ އެންމެ ކާމިޔާބު ލަވަ ”އިޓް ޓޭކްސް ޓޫ“ އިންނެވެ. ހިޕް-ހޮޕް އާއި ހައުސް މިއުޒިކް އެކުލެވިގެންވާ މި ލަވައަކީ، މި ދެ ބާވަތުގެ މިއުޒިކް އާންމުންގެ މެދުގައި މަގުބޫލުކުރުމަށް އެހީތެރިވެދިން މުހިންމު އުފެއްދުމެކެވެ.

ރޮބް ބޭސްގެ މަރުގެ ހަބަރު އިއުލާނުކޮށް އިންސްޓަގްރާމްގައި ޝާއިއުކުރި ބަޔާނެއްގައި ބުނެފައިވަނީ، އޭނާގެ މިއުޒިކާއި ހިތްވަރުގަދަ މަސައްކަތްތަކަކީ މުޅި ޖީލަކަށް ނަމޫނާއެއް ކަމަށާއި، އޭނާގެ ސަބަބުން ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް އުފާވެރިކަން ލިބިފައިވާ ކަމަށެވެ. އަދި އޭނާއަކީ ހަމައެކަނި ފަންނާނެއް ނޫން ކަމަށާއި، އޭނާއަކީ އޯގާތެރި ބައްޕައެއް، އާއިލާއަށް ލޯބިކުރާ މީހެއް އަދި ގާތް ރަހުމަތްތެރިއެއްގެ އިތުރުން ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ އުފެއްދުންތެރި ޝަހުސިއްޔަތެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރޮބް ބޭސްއާއެކު މި ގްރޫޕުގައި އިސްކޮށް އުޅުނު ”ޑީޖޭ އީ-ޒީ ރޮކް“ ނުވަތަ ރޮޑްނީ ”ސްކިޕް“ ބްރައިސް ވަނީ ހަކުރު ބަލީގެ ސަބަބުން ދިމާވި ސިއްހީ މައްސަލަތަކެއްގައި 2014 ވަނަ އަހަރު، އުމުރުން 46 އަހަރުގައި ނިޔާވެފައެވެ. މި ދެ ފަންނާނުންގެ ގުޅުން ފެށުނީ ހާލަމްގެ ގްރޭޑް 5 އެއްގައި ކިޔަވަން އުޅުނު ދުވަސްވަރުގައެވެ.

މިއުޒިކީ ދާއިރާއަށް ނުކުތުމަށް މި ދެ ފަންނާނުންނަށް ބޮޑު ހިތްވަރެއް ލިބުނީ ހާލަމްގެ އެހެން ގްރޫޕެއް ކަމަށްވާ ”ކްރޭޝް ކްރޫ“ އަށް ލިބުނު ކާމިޔާބީތަކުންނެވެ. އެމީހުން 1987 ވަނަ އަހަރު މިއުޒިކީ އެއްބަސްވުމެއްގައި ސޮއިކުރީ ހިޕް-ހޮޕްގެ އެންމެ ކުރީގެ ރެކޯޑް ލޭބަލްތަކުގެ ތެރޭގައި ހިމެނޭ ”ޕްރޮފައިލް ރެކޯޑްސް“ އާއެކުގައެވެ.

އޭގެ ފަހު އަހަރު ނެރުނު ”އިޓް ޓޭކްސް ޓޫ“ ލަވަ ވަނީ ބިލްބޯޑް ހޮޓް 100 ގެ ލިސްޓުން ޖާގަ ހޯދައި، ބިލްބޯޑްގެ ހޮޓް ޑާންސް/ކްލަބް ސޯންގްސް ޗާޓުގެ 3 ވަނައަށް އަރާފައެވެ. މި ލަވަޔަކީ ސްނޫޕް ޑޮގް އާއި ”ދަ ބްލެކް އައިޑް ޕީސް“ ފަދަ މަޝްހޫރު ފަންނާނުން ފަހުން ބޭނުންކޮށްފައިވާ، އަދި ގިނަ ފިލްމުތަކެއްގައިވެސް ބޭނުންކޮށްފައިވާ ލަވައެކެވެ. މި ލަވައަށް ވަނީ އެމެރިކާގެ ”ރެކޯޑިން އިންޑަސްޓްރީ އެސޯސިއޭޝަން“ އިން ދޭ ޕްލެޓިނަމް ސެޓިފިކެޓްވެސް ލިބިފައެވެ.

މި ގްރޫޕުން ނެރުނު ”ގެޓް އޮން ދަ ޑާންސް ފްލޯ“ ލަވަޔަށްވެސް ކްލަބް ސޯންގްސް ޗާޓުން ބޮޑު ކާމިޔާބީއެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. ރޮބް ބޭސްގެ ވަކިވުމަކީ ހިޕް-ހޮޕް މިއުޒިކީ އާއިލާއަށް ލިބުނު ބޮޑު ހިތާމައެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: