ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި، ދެ ބިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫޢުތައް އެމް.ޓީ.ސީ.ސީން ކުރިއަށްގެންގެންދާކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމް.ޓީ.ސީ.ސީން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނިން ތިލަދުންމަތީގެ ބައެއް ރަށްރަށުގައި ކުރިއަށްގެންދާ ބައެއް މަޝްރޫޢުތައް ހިނގަމުންދާގޮތް ބައްލަވައިލެއްވުމަށް، އެ ކުންފުނީގެ އިސްވެރިން ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ތިލަދުންމައްޗަށް ކުރެއްވި މި ދަތުރުގައި، އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ވެސްވަނީ ބައިވެރިވެވަޑައިގެންފައެވެ.
ތިލަދުންމައްޗަށް ކުރެއްވި މި ދަތުރުގައި އެމް.ޓީ.ސީ.ސީގެ އިސްވެރިންވަނީ، ހދ.ހަނިމާދޫއާއި، ހދ.ކުޅުދުއްފުށްޓާއި، ހއ،ހޯރަފުށްޓާއި، ހއ. ކެލާގައި ކުރިއަށްދާ ފަސް މަސްރޫޢުއެއް ހިނގަމުންދާ ސައިޓުތަކަށް ވަޑައިގެން، އެ ތަންތަނުގެ މަސައްކަތްތަށް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން، އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ ވިދާޅުވީ ރާއްޖޭގެ 39 ރަށެއްގައި އެކިއެކި މަޝްރޫޢޫތައް ކުރިއަށްދާކަމަށާއި، މި މަޝްރޫޢުތަކުގެ ޚަރަދު ދެ ބިލިއަން ޑޮލަރަށް އަރާކަމަށެވެ.
މީގެ އިތުރުން، އާޒިމް ވިދާޅުވީ އެ ޢަދަދަކީ ކުންފުނީގައިހުރި ރިސޯސަސްތަކާއި، ކުންފުނީގެ ތަޖުރިބާކާރުންނާއި އިކިއުޕްމަންޓްސް ލައިގެން ކުރެވޭނެ މަސައްކަތެއްނޫންކަމަށާއި، ނަމަވެސް އެމް.ޓީ.ސީ.ސީގެ އަމާޒަކީ، އެ ކުންފުނީގައި ހުރި ވަޞީލަތްތަށް ބޭނުންކޮށްގެން، މަޝްރޫޢުތައް ވީހާވެސް އަވަހަކަށް ނިންމުންކަމުގައެވެ.
މި ގޮތުން، އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ބަލާލާއިރު، ހދ.ހަނިމާދޫ ބަނދަރު ތަރައްޤީކުރުމާއި، މަގުހެދުމުގެ މަޝްރުޢޫއާއި، ހއ.ކެލާ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތާއި، ހއ.ހޯރަފުށީ އެއަރޕޯޓް ތަރައްޤީކުރުމުގެ ޕުރޮޖެކްޓާއި، ހދ.ކުޅުދުއްފުށީ ހާބަރ އެކްސްޕެންސޭޝަން ޕްރޮޖެކްޓް ހިމެނެއެވެ.
ހދ. ހަނިމާދޫގެ ބަނދަރުގެ މަސައްކަތް ކުރިއަށްއޮތް އަހަރުގެ މެދުތެރެއަށް ނިންމަން ތާވަލުކޮށްފައިވާއިރު، މިހާރުދަނީ މި ކަމަށް ބޭނުންވާ އީއައިއޭ ރިޕޯޓުހެދުމުގެ މަސައްކަތް ކުރަމުންކަމުގައި އެމް.ޓީ.ސީ.ސިން ހާމަކޮށްފައިވެއެއެވެ. މީގެ އިތުރުން، އެ ރަށުގެ މަގުހެދުމާއި އެމް.ޓީ.ސީ.ސީން 2019 ވަނަ އަހަރުގައި ހަވާލުވެފައިވާއިރު، މިހާރުވަނީ މި މަސައްކަތުގެ %38 ނިމިފައެވެ.
އެމް.ޓީ.ސީ.ސީން ހާމަކުރި ގޮތުގައި މި އަހަރުތެރޭގައި މި މަސައްކަތްތަށް ނިންމާލެވޭނެއެވެ. މީގެ އިތުރުން ސޯޅަ މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ ހއ.ކެލާ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްފެށުމާއި އެމް.ޓީ.ސީ.ސީން މި ދިޔަ ޖޫން މަހުގައި ހަވާލުވެފައިވާއިރު، މިހާރު ކުރިއަށްދަނީ ބަނދަރުގެ ޕޭވްމަންޓް ހެދުމާއި ބަނދަރުގައި ލައިޓް ހަރުކުރުމުގެ މަސައްކަތެވެ.
މީގެ އިތުރުން ސަތޭކަ ނުވަދިހައަށް މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާ ހއ. ހޯރަފުށީ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ އެއަރޕޯޓުގެ ރަންވޭ އެޅުމުގެ މަސައްކަތެވެ.
މި ރަންވޭގައި 37،425 އަކަމީޓަރު ހުންނާނެކަމަށް އެމް.ޓީ.ސީ.ސީން ހާމަކޮށްފައިވެއެވެ. އަދި 126 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހދ.ކުޅުދުއްފުށީގައި ތަރައްޤީކުރާ ބަނދަރަކީ ރާއްޖޭގެ ރަށެއްގައި މިހާތަނަށް ތަރައްޤީކުރާ އެންމެ ބޮޑު އަދި ތަފާތު ބަނދަރުކަމަށް އެމް.ޓީ.ސީ.ސީން ބުނެފައިވެއެވެ. މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން މަސްމާރުކޭޓަކާއި ފެރީ ޓަރމިނަލަކާއި ”ފްލޯޓިންގ ޕޮންޓޫން“ ނުވަތަ ފެންމަތީގައި ފާލަމެއް ތަރައްޤީކުރާނެކަމުގައި ވެސް އެމް.ޓީ.ސީން ހާމަކޮށްފައިވެއެވެ.
އެމް.ޓީ.ސީ.ސީގެ ސީއީއޯ ވިދާޅުވީ ކުންފުނީގެ މަސައްކަތް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ކޮންސްޓަރްކްޝަން ދާއިރާއަށްކަމަށާއި، މި ދާއިރާއިން ޓެކްނިކަލް މުވައްޒަފުން ކުންފުންޏަށް ނުލިބޭކަމުގައެވެ. މީގެ އިތުރުން އާޒިމް ވިދާޅުވީ، މިހާރުވެސް ކުންފުނިން 200އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ހުޅުވާލާފައިވާކަމަށާއި، އަވަސް މުސްތަޤުބަލެއްގައި އިތުރު 150 ވަޒީފާގެ ފުރުޞަތު ހުޅުވާލާނެކަމަށެވެ. އާޒިމްވަނީ މުވައްޒަފުން ލިބުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް، ކުރިއަށް ހިނގަމުންދާ މަޝްރޫޢުތައް، ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ނިންމައިލާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

