ޅ. އަތޮޅުގައި ހިންގާ ކުރެއްދޫ ރިސޯޓަށް މީހުން އަރައި ފޭބުމާއި އަދި ވ، ތިނަދުއަށް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށާއި އެއީ ކޮވިޑް-19 އަށް ޝައްކުވާ މީހަކު އެ ރިސޯޓުން ފެނިގެން ކަމަށް އެ ރިސޯޓުން ފެނުމުން ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީޙުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ވ. ތިނަދޫން ގެނައި އިޓަލީ މީހާ ފަރުކޮޅު ފުށީގައި މިހާރު ވަނީ ކަރަންޓީނުކޮށްފައި ކަމަށެވެ. އަދި އެ މީހާގެ ޓެސްޓްތައް އަންނަނީ ކުރަމުން ކަމަށާއި އަދި ކެޔޮދޫ ވެސް މިހާރު ވަނީ މީހުން އަރައި ފޭބުން ވަގުތީ ގޮތުން މަނާކޮށްފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި ކުރެއްދޫ ރިސޯޓުގައި ހުރެފައި ދިޔަ އިޓަލީ މީހަކު ވެސް ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އެ މީހާއާ ކޮންޓެކްޓްވި މީހުން ހޯދައި، ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަން ފާހަގަ ކުރެއްވިއެވެ. އަދި މާދަމާ ރޭ މެންދަމު 12:00 އިން ފެށިގެން އިޓަލީން ރާއްޖެ އަށް މީހުން އައުން މަނާކުރަން ސަރުކާރުން ވަނީ ނިންމާފައިވާކަން ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށަކުން ޕޮޒިޓިވް ކޭސްއެއް ފެނިއްޖެ ނަމަ އެ ރަށަކަށް އަރައި ފޭބުން މެދުކަނޑާލުމަކީ މިހާރު ސަރުކާރުން ހަމަޖައްސާފައި އޮތް ގޮތް ކަމަށެވެ. އަދި ހަމައެހެންމެ މިހާރު ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް، ފަރުވާ ދޭން ބޭނުންވާ ސާމާނު މިހާރުގެ ހާލަތާ އެކަށީގެންވާ ވަރަށް ފޮނުވާފައިވާ ކަމަށާއި އަދި ކޮރާނާ ވައިރަސްއަށް މިހާރު ރާއްޖޭގައި ޓެސްޓް ކުރެވޭނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ކަރަންޓީން ކޮށްފައިވާ މީހުންގެ މައުލޫމާތާއި ގުޅޭ ގޮތުން މިނިސްޓަރ އަލީ ވަހީފު ވިދާޅުވީ ފަރުކޮޅުފުށީގައި، އިޓަލީން އައި ދިވެހި އަންހެނަކާއި ކުޑަ ކުއްޖަކާއި އިޓަލީގެ ތިން މީހަކު ކަރަންތީން ކުރެވިފައިވާ ކަމަށާއި އަދި ކުރެއްދޫ ރިސޯޓުން ޝައްކުވާ ޑޮކްޓަރު ވެސް އެތަނަށް ގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮރޯނާ ވައިރަސް ރާއްޖެއިން ފެނިއްޖެ ހާލަތުގައި ދިވެހި ރައްޔިތުންނަށް ބޭނުންވާ ކޯބޯތަކެއްޗާއި އަދި ބޭހުގެ ސާމާނު ހުރިތޯ “ ސަންގު“ އިން ސުވާލު ކުރުމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންންނަށް އަދި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ވެސްވާވަރަށް ރާއްޖޭގައި ކޯބޯތަކެތި އެބަހުރި ކަމަށާއި އަދި ކޮރޯނާ ވައިރަސްއަށް ސަރުކާރުން ތައްޔާރުވެފައި ވަނީ އެންމެ ނުރައްކާތެރި ހާލަތަށް ވެސް ވިސްނައިގެން ކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
މީގެއިތުރުން އިގްތިސާދެއް އޮންނަނީ ރައްޔިތުންނަށް ހިމާޔަތް ލިބިގެން ކަމަށާއި އެހެންވެ ފިޔަވަޅު އަޅަންޖެހޭ ކޮންމެ ގައުމަކަށް ވެސް، ހާލަތު ވަޒަންކުރުމަށް ފަހު ފިޔަވަޅު އަޅުއްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްތަރ ވިދާޅުވީ ކޮރޯނާ ވައިރަސްއާއި ގުޅޭ ގޮތުން މިހާތަމަށް ސަރުކާރުން އެއްވެސް ކަމެއް ސިއްރު ކޮށްފައި ނުވާނެ ކަމަށާއި އަދި ކޮރޯނާ ވައިރަސް އެއްވެސް ރަށަކުން ފެނިއްޖެނަމަ އަދި އަތޮޅަކުން ފެނިއްޖެނަމަ ނަމަވެސް ކަރަންޓީން ކުރުމާއި އަދި އެ ނޫންވެސް ކަންކަން ކުރަން ސަރުކާރު އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

