އައްޑޫސިޓީއަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި ތިއްބެވި ނަމަވެސް، އައްޑޫގެ ތަރައްގީއާ ގުޅޭގޮތުން އެންމެ ގިނައިން ސުވާލުކޮށް ސަރުކާރު ޖަވާބުދާރީ ކުރުވަނީ ޕީއެންސީގެ މެމްބަރުން ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން މަރުޒޫގް ވިދާޅުވެއްޖެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް އަހްމަދު ސައީދުގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން އަޒާން ވިދާޅުވީ، އައްޑޫއަށް ތަރައްގީ ގެނެވޭނީ ހަމައެކަނި އެމްޑީޕީއަށް ކަމަށް އެ ޕާޓީން ބުނާ ބުނުމަކީ ހަގީގަތެއް ނޫން ކަމަށެވެ. އަދި އައްޑޫގެ ކަންކަމާ ގުޅޭގޮތުން މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންނަށްވުރެ ބޮޑަށް ވަކާލާތު ކުރަނީ ޕީއެންސީގެ މެމްބަރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ މެމްބަރުންނަށް ފާޑުވިދާޅުވަމުން އަޒާން ވިދާޅުވީ، އެ ޕާޓީގެ މެމްބަރުން ގިނަ ފަހަރަށް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުވާ ކަމަށާއި، ހާޒިރުވާ ވަގުތުތަކުގައިވެސް ގިނައިން ތިއްބަވަނީ މަޖިލީހުގެ ކުޑަދޮށުގައި ވާހަކަ ދައްކަވަން ކަމަށެވެ. އެހެންކަމުން، ސަރުކާރު ޒިންމާދާރުކުރުވައި ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް އެންމެ ފުރިހަމައަށް ކުރެވެނީ ޕީއެންސީގެ މެމްބަރުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.
”މިއީ ދައްކާ ތޯތޯ ވާހަކައެއް ނޫން. މިކަމުގެ މައުލޫމާތު މަޖިލީހުގެ ވެބްސައިޓުން އަދި ޔައުމިއްޔާތަކުން ފެންނަން ހުންނާނެ،“ އަޒާން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އައްޑޫގެ ބައެއް މަޝްރޫއުތައް ލަސްތަކެއް ހުރި ނަމަވެސް، މި ސަރުކާރުން އެ ވައުދުތައް ފުއްދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މީގެ އިތުރުން، އައްޑޫގެ ތަރައްގީއަށް މުހިންމު ކަންކެޑެ މަޝްރޫއުވެސް އަލުން ފަށައިގެން ކުރިއަށް ގެންދަނީ މި ސަރުކާރުން ކަމަށް އަޒާން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ސަރުކާރަށް ތާއީދުކުރާ މެމްބަރުން މަޖިލީހުގައި ތިބުމަކީ މުހިންމު ކަމެއް ކަމަށެވެ.

