ރާއްޖެއަށް ޑިމޮކްރަޓިކް ސަރުކާރެއް ގެނައުމުގައި އަންހެނުންގެ ދައުރު ވަރަށްވެސް ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ “ރަށްވެހި ފެސްޓިވަލް” ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ޑިމޮކްރެޓިކް ސަރުކާރެއް ގެނައުމަށް ކުރެވުނު މަސައްކަތުގައި ތެރޭގައި ކުރިއަށްދިޔަ މުޒާހަރާތަކުގެ މައިދާނުން އެންމެ އަންހެނަކުވެސް ނުފެންނަ އެންމެ ދުވަހެއް ނުދާ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ، ޕެޕަރސްޕްރޭތަކުގެ ތެރޭގައި ކެތްތެރިކަމާއެކު ހަތް އަހަރު ހޭދަކޮށް ރާއްޖެއަށް ޑިމޮކްރަޓިކް ސަރުކާރެއް ހޯދައިދިނުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރި އެއްބަޔަކީ އަންހެނުން ކަމަށެވެ.
ހަތް އަހަރު ވަންދެން ކުރެވުނު ބުރަ މަސައްކަތުގައި، އަންހެނުން ކުރި ހިތްވަރާއި އެ މަންޒަރު ވަރަށް ކައިރިން ދެކިވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޕާޓީ އޮފީހާއި ކެމްޕެއިން ހަރަކާތްތައް ރޭވުމުގައާއި މަގުމަތީ ހަރަކާތްތަކުގައިވެސް ޕާޓީގެ އަންހެނުން ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވި ގޮތުގައި މެމްބަރުންގެ މަސައްކަތް އެއީ އެއްވެސް މީހަކަށް ނުދައްކާ ދޫކޮށްލެވޭނެ ވާހަކައެއް ނޫނެވެ.
”އެންމެ ދުވަހެއް ނުދޭ އެމްޑީޕީ އަންހެނުން މުޒާހަރާގެ މައިދާނުން ނުފެންނަ، ބެރިކޭޑުތަކާ ޕެޕަރސްޕްރޭތަކުގެ ތެރޭގައި ކެތްތެރިކަމާއެކު 7 އަހަރު ހޭދަކޮށް ދިވެހިންނަށް ޑިމޮކްރަޓިކް ސަރުކާރެއް ޤާއިމު ކުރުމުގެ ފުރުސަތު ތި ފިސާރި އަންހެނުންގެ ބުރަ މަސައްކަތުން، ހަމަ ޤައިމުވެސް އަޅުގަނޑު އެ މަންޒަރު ވަރަށް ކައިރިން ދުށިން، އެއީ އަޅުގަނޑުމެން އެއްވެސް މީހަކަށް ނުދައްކާ ދޫކޮށްލެވޭނެ ވާހަކައެއް ނޫން“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ލޯކަލް ކައުންސިލް ތަކުން އަންހެނުންނަށް ގޮނޑި ހާއްސަކުރުމުގެ ފައިދާ ފެންނާނެ ކަމަށެވެ. އަދި ސިޔާސީ ކޮންމެ އެއްވުމަކުން އެ ބަދަލު ފެންނަ ކަމަށާއި އަދި އެއީ އިންތިހާބީ މަގާމުތަކުގައި އަންހެނުންގެ ދައުރުގެ ހިއްސާ އިތުރު ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަ ކުރި ގޮނޑިތަކުގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ދައުރުވެސް ރާއްޖޭގެ ތަރައްގީއަށް މުހިއްމު ކަމަށެވެ.
ކޮމިޓީގެ މެމްބަރުންނަށް އުޖޫރައެއް ދޭން ނިންމާފައިވާ ކަމަށާއި އެ ކޮމިޓީތައް ހިންގުމަށް ޓަކައި ކައުންސިލްތަކުގެ ބަޖެޓްގެ ފަސް ޕަސެންޓް ދޭން ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ
”މި ކޮމިޓީތަކަށް ލިބޭ ވަސީލަތްތައް އިތުރުވެ، ހިންގުން ހަރުދަނާ ވެގެންދާނެ. އަޅުގަނޑުމެން އެންމެން ވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ގައުމުގެ ހާލަތު ރަނގަޅު ކުރުމުގައި ވަރަށް ގިނަ ބައެއްގެ ހިއްސާ އެކުލެވޭކަން. މިފަދަ ކޮމިޓީތަކުގެ ދައުރު މުހިއްމު ވަނީ މި ސަބަބައްޓަކައި“ ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ގިނަ އަންހެން މެންބަރުތަކެއް ބައިވެރިވި މި ރަސްމިއްޔާތުގައި ރައީސް އިތުރަށް ވިދާޅުވީ ގެވެށި އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް ހާއްސަ ހިޔާތަކެއް ގާއިމުކޮށް، އެ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ފަންޑެއް ގާއިމުކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އަންހެނުންނަށް ކުރާ ގެވެށި އަނިޔާއަކީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެކަން ހުއްޓުވުމަށްޓަކައި ސަރުކާރުގެ ސިޔާސަތުތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
ގެވެށި އަނިޔާގެ މައްސަލަތަކުގައި އެކަހެރި ކުރެވޭ މީހުންނަށް ހާއްސަ ހިޔާތައް ގާއިމުކުރުމުގެ މަސައްކަތް 2022 ނިމުމުގެ ކުރިން ފަށާނެ ކަމަށާއި އަދި 2023 ވަނަ އަހަރުގެ ނިޔަލަށް، ގެވެށި އަނިޔާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހާއްސަ އިމަޖެންސީ ފަންޑެއް އެކުލަވާލައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

