ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީކުރުވުމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް އެއްވެސް މަސައްކަތެއް ނުކުރެއްވޭ ކަމަށާއި، ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އެ ޕާޓީގެ ކެންޑިޑޭޓް އަދި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް ލިބިގެން އެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) ގެ ކެމްޕެއިނަށް އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުން ޕީއެންސީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ދީފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ. އެހެންކަމުން މަޖިލީހަށް މިވަގުތު ބޭނުންވަނީ އެ މަސައްކަތުގައި ސަރުކާރަށް އެއްބާރުލުން ދެއްވާނެ ބޭފުޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިދިކޮޅު އެމްޑީޕީން ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނެ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރުގައި ސޮއިކުރާނެ މެންބަރަކު މަޖިލީހަށް ބޭނުން ނުވާ ކަމަށެވެ.
”އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވަނީ ނަނާ ހުވަފެން ނުދައްކަވާށޭ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތިބޭފުޅުންނަށް ނުނެންގެވޭނެއޭ. އެކަން ކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަމޭ،“ އަބްދުއްރަހީމް ވިދާޅުވިއެވެ.
މާޒީއަކީ މުސްތަގުބަލުގެ މޫނުބަލާ ލޯގަނޑު ކަމަށް ސިފަކުރައްވަމުން، އައްޑޫގައި ހިނގާދިޔަ ބައެއް ހިތާމަވެރި ހާދިސާތަކަށް އަބްދުއްރަހީމް އިޝާރާތް ކުރެއްވިއެވެ. އެގޮތުން 2012 ވަނަ އަހަރުގެ ހަމަނުޖެހުންތަކުގައި އައްޑޫގެ މުއައްސަސާތަކާއި ރައްޔިތުންގެ މުހިންމު ލިޔެކިޔުންތަކުގައި ހުޅުޖެހި ހާދިސާގެ ފަހަތުގައި ތިބި މޭސްތިރިން މަޖިލީހަށް ފޮނުވަން ރައްޔިތުން ބޭނުންނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މާޒީން އިބުރަތް ހާސިލުކޮށް، އައްޑޫގެ ތަރައްގީއަށްޓަކައި ވޯޓު ދޭންވީ ސަރުކާރު ކެންޑިޑޭޓް އަހުމަދު ސައީދަށެވެ.
ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނަމުގައި އެމްޑީޕީން ކުރާ މަސައްކަތްތަކަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ، މަޖިލީހުގެ ތެރެއިން އެފަދަ އެދެވޭ މަސައްކަތެއް މިހާރު ތިއްބެވި މެންބަރުންނަށް ނުކުރެވޭ އިރު، ސޯބެ މަޖިލީހަށް އައިސްގެން ކުރެވޭނެ އިތުރު ކަމެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އައްޑޫގެ ރައްޔިތުން ބޭނުންވަނީ ތަރައްގީއާއި ހަމަޖެހުން ކަމަށާއި، އެކަން ކޮށްދެވޭނީ ހަމައެކަނި ޕީއެންސީގެ ސަރުކާރަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރަކަށް ހުންނެވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވި ދަރަނީގެ މައްސަލައަކާ ގުޅިގެންނެވެ. މިފަހަރުގެ ބައި-އިލެކްޝަނަށް ޕީއެންސީގެ ޓިކެޓް ސިނާން ކާމިޔާބު ކުރެއްވި ނަމަވެސް، ފަހުން އޭނާ ވަނީ އާއިލީ ސަބަބުތަކަށްޓަކައި ޓިކެޓް ދޫކޮށްލައްވާފައެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ޕީއެންސީން މި ގޮނޑި އަލުން ކާމިޔާބު ކުރާނީ ސިނާންގެވެސް ފުރިހަމަ އެހީތެރިކަމާ އެކުގައެވެ.

