ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީސަލްސް ރާއްޖޭގައި ފެތުރުމާ ގުޅޭގޮތުން މިނިސްޓަރ ގީލާގެ ޖަވާބެއް ނެތް!

ހެލްތު މިނިސްޓާރ ގީލާ އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީގައި ހިމަބިހި (މީސަލްސް) ހަލުވިކަމާއެކު ފެތުރެމުންދާކަމުގެ ރިޕޯޓުތައް ދަނީ ލިބެމުންނެވެ. އޭޑީކޭ ހޮސްޕިޓަލުން މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް، މާލޭގައި ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާކަމަށް މައުލޫމާތު ލިބެއެވެ. އަދި އީދު ބަންދާ ދިމާކޮށް އާންމުންގެ މެދުގައި އެ ކަންބޮޑުވުން އުފެދިފައިވާއިރު، މި ބަލި ކޮންޓްރޯލް ކުރުމަށް އެޅޭނެ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން މިހާތަނަށް ސާފު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ

ބަލި ފެތުރެމުންދާ މައްސަލައާއި، އެކަމާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ސަންގު ޓީވީން ވަނީ ހެލްތް މިނިސްޓަރު ގީލާ އަލީއަށް ގުޅުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް، ތަކުރާރުކޮށް ކުރި ސުވާލުތަކަށް މިނިސްޓަރު އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގެ މުވައްޒަފަކު ސަންގު ޓީވީއަށް ގުޅައި، އެދުނީ ސުވާލުތައް މިނިސްޓަރަށް ފޮނުވުމުގެ ބަދަލުގައި ސީދާ އެޗްޕީއޭއަށް ހުށަހެޅުމަށެވެ

މި ފޯނު ކޯލުގައި، މާލޭގައި ހިމަބިހި ފެތުރެމުންދާ މިންވަރާއި، ގިނަ ބަޔަކު އެއްވެ އުޅޭނެ އީދު ބަންދާ ދިމާކޮށް އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން ސުވާލުކޮށްފައިވެއެވެ. އެޗް.ޕީ.އޭގެ މުވައްޒަފު ބުނި ގޮތުގައި، މިފަދަ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ”ޚާއްޞަ ކެބިނެޓެއް“ އޮވެއެވެ. އެހެންނަމަވެސް، އެ ކެބިނެޓުގައި ތިއްބަވަނީ ކޮން ބޭފުޅުންނެއް ކަމާއި، އެ ބޭފުޅުން ބައްދަލުކުރައްވާ މުއްދަތުތަކާއި، މިހާތަނަށް ނިންމާފައިވާ ނިންމުންތަކުގެ އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ

މީގެ އިތުރުން، ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން އީދުގެ ކުރިން މާލެއަށް ފޮގް ކުރާނެތޯ ސަންގު ޓީވީން ކުރި ސުވާލަށް ޖަވާބު ދެމުން އެޗް.ޕީ.އޭ އިން ބުނީ، ފޮގް ކުރުމަކީ ބަލިތައް ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ”ނަތީޖާ ނެރެވޭނެ“ ހައްލު ނޫން ކަމަށާއި، މިހާރު އެފަދަ އޮޕަރޭޝަންތައް ކުރިއަށް ނުގެންދާ ކަމަށެވެ

ބަލި ފެތުރުމުގެ ބިރު އޮތް ނަމަވެސް، އާންމު ހަރަކާތްތަކާއި މީހުން އެއްވެ އުޅޭ އިވެންޓްތައް ބާއްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ވެސް ވަނީ ފާޅުކޮށްފައެވެ. ގިނަ އަދަދެއްގެ ޒުވާނުން އެއްވާ ހަރަކާތްތައް ހުއްޓުވުމަށް އެޗް.ޕީ.އޭ އިން މަސައްކަތް ނުކުރަނީ ކީއްވެގެންތޯ ސުވާލު ކުރުމުން، އެޗް.ޕީ.އޭގެ މުވައްޒަފު ބުނެފައިވަނީ ޒުވާނުން އިންތިޒާމުކުރާ އެފަދަ ހަރަކާތްތައް ހުއްޓުވުމަކީ އެ އެޖެންސީގެ ޒިންމާއެއް ނޫން ކަމަށެވެ. އެ މުވައްޒަފު ބުނި ގޮތުގައި، އެފަދަ ކަންކަން ހުއްޓުވަން ޖެހޭނީ ”އެހެން ޒުވާނުން“ ނެވެ. އެޗް.ޕީ.އޭގެ ދައުރަކީ ހަމައެކަނި ހޭލުންތެރިކަން އިތުރުކުރުމެވެ.

އެޗްޕީއޭގެ ޖަވާބުތަކާއި ގުޅިގެނ އަނެއްކާވެސް ސަންގު ޓީވީން މިނިސްޓަރު ޖީލާއާ ގުޅުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެެއަށް ފަހު ދެން ފެނިގެން ދިޔައީ މިއަދު މެންދުރުފަހު 1:30 އެހާކަންހާއިރު، ހިމަބިހީގެ ހާލަތާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން ރަސްމީ ބަޔާނެއް ނެރުނުތަނެވެ. ނަމަވެސް، އެ ބަޔާނުގައި ބޮޑަށް އިރުޝާދު ދީފައިވަނީ ކޮންމެހެން ދާންޖެހޭ ތަންތަނަށް ނޫނީ ނުދިއުމަށެވެ. އީދު ބަންދާ ދިމާކޮށް ބަލި ފެތުރުން ހުއްޓުވުމަށް އަޅާނެ ވަރުގަދަ ފިޔަވަޅުތަކެއް ނުވަތަ ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ އުސޫލުތަކުގެ ތަފުސީލެއް އެ ބަޔާނަކު ނެތެވެ.

މިބަޔާނުގައި ވާގޮތުން މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި އިންފްލުއެންޒާ އަދި އަރިދަފުސް ރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ ހަފުތާތަކުގައި މިފަދަ ބަލިތަކަށް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު ވަނީ ނިސްބަތުން މަތިވެފައެވެ.

ކުރިއަށް އޮތީ ބަންދު ދުވަސްތަކަކަށްވެފައި، އަތޮޅުތެރެއަށާއި ރާއްޖޭއިން ބޭރަށް ދަތުރުފަތުރުކުރުން އިތުރުވާނެތީ، ބަލި ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ. ޚާއްޞަކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުމާއި، ގޭގެއަށް ޒިޔާރަތްކުރުމުގައި ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ބަލިން ރައްކާތެރިވުމަށްޓަކައި އަންނަނިވި ކަންކަމަށް ސަމާލުކަން ދިނުމަށް އެޗް.ޕީ.އޭ އިން ވަނީ އިރުޝާދު ދީފައެވެ:

  • ބަލީގެ އަލާމާތެއް ފެނިއްޖެނަމަ: ނޭވާލާ ނިޒާމުގެ ބަލިތަކުގެ އަލާމާތެއް ފެނިއްޖެނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުން.
  • ޑޮކްޓަރަށް ދެއްކުން: ބަލި ހާލަތު ގޯސްވާނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން. އަދި ފަރުވާ ހޯދަންދާއިރު މާސްކު އެޅުމާއި، ދަތުރުފަތުރު ކުރާއިރުވެސް އާންމު ސަލާމަތީ ފިޔަވަޅުތައް އެޅުން.
  • ޓެސްޓު ކުރުން: ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓު ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ތިބުން.
  • މާސްކު އެޅުން: އެއާޕޯޓް ޓާމިނަލް، ފެރީ، ބަސް ފަދަ މީހުން ގިނައިން އެއްވެ އުޅޭ ބަންދު ތަންތަނުގައި އުޅޭއިރު ނޭފަތާއި އަނގަ ރަނގަޅަށް ނިވާވާނޭހެން މާސްކު އެޅުން.
  • އަތް ދޮވުން: ސައިބޯނި ލައިގެން ގަވާއިދުން އަތް ދޮވުން ނުވަތަ ސެނެޓައިޒާ ބޭނުންކުރުން.
  • ވެކްސިން ފުރިހަމަކުރުން: ބަލީގައި ބޮޑުވަރުވުން ކުޑަކުރުމަށާއި ރައްކާތެރިވުމަށްޓަކައި ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުން.

މީގެ އިތުރުން، މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށްޓަކައި DEET، IR3535 ނުވަތަ Icaridin އެކުލެވޭ މަދިރި ލޯޝަން/ސްޕްރޭ ބޭނުންކުރުމަށާއި، ހަށިގަނޑު ބޮޑަށް ނިވާވާގޮތަށް ހެދުން އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގޭތެރެއާއި ގޯތިތެރޭގައި މަދިރި އާލާވާފަދަ ތަންތަން ނައްތާލުމަށްވެސް ވަނީ އަންގާފައެވެ.

އާންމު ސިއްހަތާ ގުޅުންހުރި މައުލޫމާތު ހޯދުމުގައި ސަރުކާރުގެ ރަސްމީ އިދާރާތަކާއި، މީޑިއާތަކުން ފޯރުކޮށްދޭ ސައްހަ މައުލޫމާތަށް ބަރޯސާވުމަށް ހުރިހާ ރައްޔިތުންނަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: