ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަނިކުފާނާއި މަނިކުފާނުގެ ކުދިންކޮޅު ޕެނިކް ނުވިޔަސް ރައްޔިތުން ތިބީ ޕެނިކް މޯޑުގަ!

ރައީސް ނަޝީދު އަދި އަރިހުގައި ރައީސް ސާލިޙް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ހައްދުފަހަނައަޅާފައިވާ މީހުން ތިބޭ ވާހަކައާއި އެ ފިކުރު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ވާހަކައަކީ އަބަދުވެސް ދައްކަމުންދާ ވާހަތަކެކެވެ. ހަމައެހެންމެ އިސްލާމްދީން ނޫން އެހެން ދީންތައް ރާއްޖެއަށް ގެނައުމަށާއި އިސްލާމްދީނާއި ހިލާފް އެތައް ކަމެއް ރާއްޖޭގައި ހިންގަމުންދާ ވާހަކައަކީ ވެސް އަބަދުވެސް ދައްކަމުންދާ ވާހަކަތަކެކެވެ. ނަމަވެސް މީގެން އެއްވެސް ކަމަކަށް މިހާތަނަށް އެއްވެސް ހައްލެއް ހޯދިފައެއް ނުވެއެވެ. އޭގެ ހިތި ނަތީޖާ މިއަދު މިދަނީ ފެންނަމުންނެވެ.

މިއަދު ދިވެހިރާއްޖެއިން ފެންނަ އެއް ހަގީގަތަކީ ހައްދުފަހަނައަޅާފައިވާ ފިކުރާއި ރާއްޖޭގައި އެފަދަ މީހުން އިތުރުވަމުންދާ ވާހަކަ ދައްކާ މިންވަރަށް އިސްލާމްދީނާއި ހިލާފް ކަންކަން ހިންގާ މީހުންގެ ވާހަކަ ދައްކަމުން ނުދާކަމެވެ. އިސްލާމްދީނާއި ހިލާފް ވާހަތަކެއް ނުވަތަ ކަންތައްތަކެއް ކުރާ ބައެއްގެ ވާހަކަ ދައްކައިފިނަމަ ނުވަތަ އެފަދަ ކަންކަމާއި ދެކޮޅަށް އަޑުއުލައިފިނަމަ އެކަން ވަނީ މީހުންގެ މެދުގައި ނަފްރަތާއި ބިރުވެރިކަން އުފެއްދުން ކަމަށެވެ.

ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ މީހުންނާއި އެ ފިކުރުގެ މީހުން އިތުރުވަމުންދާ ފަދައިން ހިޔާލްފާޅު ކުރުމާއި މިނިވަން ކަމުގެ ނަމުގައި އިސްލާމްދީނާއި ހިލާފް ކަންކަން ހިންގަމުންދާކަން އެއީ ވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. ނަމަވެސް ދީނީ ގޮތުން ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރާ ގޮތަށް އިސްލާމްދީނާއި ހިލާފަށް އިސްލާމްދީނަށް ފުރައްސާރަކޮށް ހިންގާ ކަންކަން ހުއްޓުވުމަށް އެއް ހަމައެއްގައި މަސައްކަތް ކުރާ މަންޒަރެއް ނުފެނެއެވެ.

ހާއްސަކޮށް ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރު ރާއްޖޭގައި ފެތުރުން ހުއްޓުވުމަށް މިއަދުގެ ސަރުކާރުން ކުރާ މަސައްކަތާއި އަޅާބަލާއިރު ރާއްޖޭގައި ހިންގަމުންދާ އިސްލާމްދީނާއި ދެކޮޅޫ ކަންކަން ހުއްޓުވުމަށް ކުރާ މަސައްކަތް ވަރަށް ވެސް ކުޑައެވެ. އޭގެ ހެކިތައް ވަރަށް ސާފުކޮށް ފެންނަން ހުރިކަން އެއީ އެންމެން ވެސް މިއަދު ގަބޫލު ކުރާ ހަގީގަތެކެވެ.

އެގޮތުން އިސްލާމްދީނުގެ ގަދަރާއި އިއްޒަތް ގެއްލޭ ގޮތަށް ވާހަކަތަކެއް ލިޔެ އާއްމުކުރި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ދިފާއުގައި މިއަދު ވެރިކަން ކުރާ ޕާޓީ އެމްޑީޕީން ނެރުނު ބަޔާންތަކާއި ޕާޓީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކީ މި ސަރުކާރުން އިސްލާމްދީނާއި ދެކޮޅަށް މަސައްކަރް ކުރާ މީހުން ހުއްޓުވަން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމުގެ ހެއްކެކެވެ.

”ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް“ ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި، އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ބައެއް ވާހަކަތައް ލިޔެފައިވާތީ ސަރުކާރުން ވަނީ އެ ޖަމިއްޔާ އުވާލާފައެވެ. އަދި އިސްލާމްދީނާއި ދެކޮޅަށް ރިޕޯޓް ލިޔެ ތައްޔާރު ކުރި މީހުން ހޯދަން ފުލުހުން އިއުލާން ކުރި ނަމަވެސް މިއަދު އޭގެ އަޑެއް ބަޑެއް ވެސް ނީވެއެވެ. ނަމުގައި އެމްޑީއެން އުވާލި ނަމަވެސް ކަމުގައި އެ ޖަމްއީއްޔާ ދަނީ ހަމަ އެގޮތުގައި މަސައްކަތް ކުރަމުންނެވެ. ކުރިއަށް ވުރެ ބާރަށެވެ.

އެމްޑީއެން އަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި، ދީނުގައި ކަނޑައެޅިގެން އަންގަވާފައިވާ ކަންކަމަށް ސުވާލު އުފެއްދުމަށް މަޝްހޫރު ޖަމިއްޔާއެކެވެ. ބޭނުމަކީ ހުޅަނގުގެ ވިސްނުން ގެނައުމެވެ. ތިމާމެންނަކީ 21 ވަނަ ގަރުނުގެ ”މޮޑާން ފިކުރުގެ“ ބަޔަކަށް ހިތުން ވީތީއެވެ. އެކަމާ ދެކޮޅަށް ތެދުވާ ކޮންމެ މީހަކީ ފިތުނަ އުފައްދާ މީހެކެވެ.

ދިވެހި ރައްޔިތުން އެމްޑީއެން އުވާލަން ގޮވާލާ އަޑުއުފުލަމުން ސަރުކާރު ހިންގާ ޕާޓީގެ ރައީސް ރައީސް ނަޝީދު ވިދާޅުވީ އެމްޑީއެންގެ މައްސަލަ ބޮޑު ކަމަކަށް ހަދައިގެން ވާހަކަ ދައްކަނީ ސަރުކާރަށް ދެކޮޅަށް ދައްކާނެ އިތުރު ވާހަކައެއް ނެތުމުން ކަމަށެވެ. ނަޝީދުގެ އެ ވާހަތައް ދިފާއު ކޮށްދެއްވައި ނަޝީދުގެ ޕާޓީން ނެރުނު ބަޔާނަކީ މާ ތަފާތު މޮޅު ބަޔާނެކެވެ.

އެމްޑީއެންގެ މައްސަލައިގައި އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި އެޕާޓީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ދިވެހިރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ ޕާޓީއެކެވެ.

އެގޮތުން އެ ޕާޓީއަކީ އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއިދު ކުރާނެ ޕާޓީއެއްނޫން ކަމަށް ވަނީ ބުނެފައެވެ. މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކަށާއި އުޞޫލުތަކަށާއި ކީރިތި ރަސޫލާއަށް ހަޖޫޖެހުމާއި ފުރައްސާރަކުރުމަށް ހިންގާ ކަންކަން ވަނީ ކުށްވެރި ކޮށްފައެވެ. އަދި، ޤާނޫނުއަސާސީން ލިބިފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށްކަން އެޕާޓީން އަބަދުވެސް ޤަބޫލުކުރާ ކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް އެމްޑީއެން އުވާލަން އެމްޑީޕީން ތާއިދުކޮށްފައެއް ނުވެއެވެ. ކީރީތި މާތް ނަބީއްޔާއަށް އެމްޑީއެންއިން ފުރައްސާރަ ކުރި ކުރުން އިސްލާމްދީނުގެ އަސްލުތަކާއި ހިލާފް ނުވާނެ ގޮތެއް އެއީ ހަމަ ނެތް ގޮތެކެވެ.

ނަމަވެސް އެމްޑީޕީއަށް އެންމެ ކުޑަމިނުން އެމްޑީއެންއިން ނެރުނު ރިޕޯޓު ކުށްވެރި ކުރަން ނުކުރެނުތާ އެމްޑީއެންގެ ފައުންޑަރގެ ބަސްމަގު ވެސް ކުށްވެރި ކުރާކަށް ނުކުރެނެވެ. ވާނީވެސް އެހެންނެވެ. ގާތް އެކުވެރި ކުދިންގެ ވާހަތައް ކުށްވެރި ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ.

އެމްޑީއެން އުވާލަން އެމްޑީޕީން ތާއިދު ނުކުރި ނަމަވެސް ސަރުކާރުން މަޖުބޫރީ ހާލަތުގައި ނަމަވެސް ނަމުގައި އެމްޑީއެން އުވާލުމުން ރައްޔިތުން ބުނަމުން ދިޔައީ އެމްޑީއެން އުވާލުމަކީ ހައްލެއް ނޫން ކަމަށާއި އިސްލާމްދީނަށާއި މާތް ނަބީއްޔާއަށް ފުރައްސާރަކޮށް ރިޕޯޓްލިޔުނު މީޙުން ހިފާ ހައްޔަރުކޮށް އެ މީހުންނަށް ހައްގު އަދަބް ނުދީފިނަމަ އިސްލާމްދީނާއި ދެކޮޅަށް ރާއްޖޭގައި ހިންގާ ހަރަކާތްތައް އިތުރުވާނެ ކަމަށެވެ. ކަންވެގެން ދިޔައީ ވެސް ހަމައެގޮތަށެވެ.

އެމްޑީއެންއިން އިސްލާމްދީނަށާއި މަތާ ނަބީއްޔާއަށް ފުރައްސާރަކޮށް ރިޕޯޓް ނެރެ ހެދިތާ އަހަރެއް ވެސް ނުވަނީ މިއަދު މި ރާއްޖޭގައި މިވަނީ އިސްލާންދީނާއި ދެކޮޅު ވޯކްޝޮޕްތަކެއް ހިންގާފައެވެ. އެއީ ވެސް ރާއްޖޭގެ ބޮޑެތި ސަރަހައްދުތަކުގައެވެ.

އެނގިފައިވާ ގޮތުގައި، ހަނިމާދު އާއި އައްޑޫގައި އެ ވޯކްޝޮޕްތައް ބޭއްވީ ކުއިލިއަމް ފައުންޑޭޝަން ކިޔާ ޖަމިއްޔާއަކުންނެވެ. އެ ވޯކްޝޮޕްތަކުގައި ޝިރުކު ކުރުމާއި އިސްލާމް ދީނާއި ޓެރަރިޒަމް ގުޅުވައިގެން ވާހަކަދެއްކި ކަމަށް ވެ އެވެ. ވޯކްޝޮޕްތަކުގައި ސްކޫލް ކުދިންނާއި ބެލެނިވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ. އެ ވޯކްޝޮޕް ބޭއްވި މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަުމްދާ ކަމަށް ބުނި ނަމަވެސް މިހާތަނަށް ކުރި އެއްވެސް ކަމެއް ފެންނާކަށް ނެތެވެ.

ހަގީގަތަކީ ދީނީ ގޮތުން ނަސޭހަތް ދިނުމަށް އެއްވެސް ހަރަކާތެއް ހިންގޭނީ އިސްލާމިކް މިނިސްތްރީގެ ހުއްދަ ލިބިގެން ކަމެވެ. އަދި އެއްވެސް ބިދޭސީ ޖަމްއީއްޔާއަކަށް ރާއްޖެއަށް އާދެވޭނީ ދިވެހި ސަރުކާރުގެ ހުއްދަ ލިބިގެންނެވެ. އެހެން ކަމުން އިސްލާމްދީނާއި ހިލާފް ވޯކްޝޮޕްތަކެއް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ބޭއްވިގެން ދިޔައިރު އެކަން ސަރުކާރަށް ނޭގި ކުރެވިދާނެ ކަމަކަށް އަޅުގަނޑުގެ މި ކޮށި ވިސްނުމަކަށް ހަމަ އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެވެއެވެ.

ކޮންމެއަކަސް ސްުކޫލް ކުދިން ގޮވައިގެން މިފަދަ ވޯކްޝޮޕެއް ބޭއްވި މައްސަލައިގައި ރައްޔިތުން އަޑުއުފުލުމުން އެކަން ވެސް ވެރިކަން ކުރާ ޕާޓީ އެމްޑީޕީން ސިފަ ކުރީ ރައްޔިތުންގެ ހިތްތަކުގައި ނަފްރަރަތު އުފެއްދުން ކުރާ މަސައްކަތެއްގެ ގޮތުގައެވެ.

އެގޮތުން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤަކީ އެންމެ އަސާސީ އެއް ޙައްޤެވެ. އެހެންނަމަވެސް، އެޙައްޤު ވެސް ބޭނުންކުރުމުގައި އެހެން ޙައްޤުތަކެކޭ އެއްފަދައިން އެޙައްޤު ބޭނުން ކުރެވޭނޭ ހުދޫދުތަކެއް ވެއެވެ.

އެގޮތުން އެމްޑީޕީން ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށާއި މުޖްތަމަޢު ބައިބައިކޮށް ފިތުނަ ކުރުމަށް ވާހަކަދެއްކުން (hate speech) އެއީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި ހުއްދަކުރާ ކަމެއް ނޫނެވެ. އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ވެސް ނޫނެވެ. ވަރަށް ސަޅި އެހެން ނޫންތޯއެވެ

. އިސްލާމްދީނާއި ހިލާފް ވޯކްޝޮޕް ބޭއްވުން އެއީ ހިޔާލްފާޅު ކުރުމުގެ މިނިވަން ކަމެވެ. ފިތުނަ އުފެއްދުމެއް ވެސް ނޫނެވެ. ނަމަވެސް އިސްލާމްދީނާއި ހިލާފް ވޯކްޝޮޕެއް ބޭއްވި މައްސަލަ ކުށްވެރިކޮށް އެކަން ކުރި ބަޔަކާއި މެދު ފިޔަވަޅު އަޅަން ގޮވާލުމަކީ ހޭޓް ސްޕީޗް އުފެއްދުމެވެ. މިވާހަކަ ދެކޮޅު ޖައްސާނެ ގޮތެއް އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ނުވިސްނެއެވެ.

މިވަރަކުން އަދި ނިމުނީއެއް ނޫނެވެ. ރާއްޖޭގެ ބައެއް ރަށްރަށުގައި އިސްލާމްދީނާއި ހިލާފް ވޯކްޝޮޕް ބޭއްވި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލްެއްގެ ގޮތުގައި ހުށަހެޅުމުން މައްސަލަ އެޖެންޑާ ވެސް ކުރަން އެމްޑީޕީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދަށް ކެރިވަޑައެއް ނުގެންނެވިއެވެ.  އިސްލާމްދީނާއި ހިލާފް ވޯކްޝޮޕް ބޭއްވި މައްސަލައަކީ ކުއްލި މައްސަލައަކަށް ވެސް ނުވިއެވެ. މަޖިލީހުގެ ގަވާއިދަށް ފެތޭ މައްސަލައަކަށް ވެސް ނުވިއެވެ. 

މި މައްސަލައިގައި ރައީސް ނަޝީދު ޕެނިކް ނުވިނަމަވެސް ދިވެހި ރައްޔިތުން ޕެނިކްވެއެވެ. ސަބަބަކީ ދިވެހިންގެ މެދުގައި މިއަދު އޮތް ހަމަޖެހުން ގުޅިފައި ވަނީ އިސްލާމްދީނާއިއެވެ.

ދިވެހިންގެ މެދުގައި މިއަދު ސިޔާސީ ހިޔާލްތަފާތުވުން އޮތް ނަމަވެސް ގަުއުމުގައި ހަމަޖެހުން ގާއިމްވެފައިވާ މައިގަނޑު ސަބަބަކީ ދިވެހިން އެންމެން އެއްދީނަކަށް އުޅޭތީއެވެ.

އެހެން ކަމުން ދިވެހިރާއްޖެއަށް އިސްލާމްދީން ނޫން އެހެން ދީނެއް އަތުވެދާނެތީ ދިވެހިން ޕެނިކުވެއެވެ. ދީނީ ހިޔާލްތަފާތުވުންތަކުގެ ސަބަބުން އަވައްޓެރި އިންޑިއާ އަދި ލަންކާގައި ހިގާފަދަ ކަންކަން މިކުޑަކުޑަ ދިވެހިރާއްޖޭގައި ހިގާފާނެތީ ދިވެހިން ކަންބޮޑުވެ ހާސްވެއެވެ.

އެހެންކަމުން ކޮރޯނާ ވައިރަސް ރާއްޖެއަށް އަތުވެދާނެތީ ޕެނިކްވާ ފަދައިން ރާއްޖެއަށް އިސްލާމްދީން ނޫން އެހެން ދީނެއް އަތުވެދާނެތީ ޕެނިކުވެއެވެ. މަނިކުފާނާއި މަނިކުފާނުގެ ކުދިންކޮޅު ޕެނިކު ނުވިޔަސް ދިވެހިން މިއަދު ތިބީ ދެ ކަމެއްގެ ސަބަބުން ޕެނިކްމޯޑުގައެވެ. އެއީ މަނިކުފާނަށް ގަބޫލު ނުކުރެވުނަސް މިއަދުގެ ހަގީގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: