އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ބަލިވާ ފަރާތަށް ތާއީދުކުރާ މެންބަރުން ޕާޓީގެ ހަރަކާތްތަކުން އެކަހެރިވާންޖެހޭނެކަމަށް ބުނެ އިދިކޮޅު ކެންޑިޑޭޓު ދައްކަވާފައިވާ ބިރުދެއްކުމުގެ ވާހަކަތަކަށް، އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް ނަސީމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
މީކާއީލް ވަނީ އޭނާގެ ޗެއަރޕާސަން ކަމެއްގައި އެއްވެސް މެންބަރަކު، އަދި އިންތިޚާބީ މަގާމެއްގައި ހުރި އެއްވެސް ބޭފުޅަކު ބާކީ ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައި، ޕާޓީގެ އެއްބައިވަންތަކަން ހިފަހައްޓަވާނެކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ ޕާޓީގެ އެތެރޭގެ ވާދަވެރިކަމަކީ ބައިބައިވުމަށް އޮތް ފުރުސަތަކަށް ވެގެން ނުވާނެ ކަމަށެވެ.
ޕާޓީގެ އާންމު މެންބަރުންނާއި އިންތިޚާބީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް މުޚާޠަބުކުރައްވައި މީކާއީލް ވިދާޅުވީ، ”އިންތިޚާބުގައި ކޮންމެ ކޮޅެއްގައި ތިއްބެވި ކަމުގައި ވިޔަސް މުސްތަގުބަލުގައި އެބޭފުޅުންނަށް ޕާޓީން ޖާގަ އޮންނާނެ“ ކަމަށެވެ. އަދި މުސްތަގުބަލުގައި އެބޭފުޅުންނަށް ޕާޓީގައި ކުރިމަގު ހޯދުމުގެ ޖާގަ ކަށަވަރުކޮށްދެއްވާނެ ކަމަށް ވިދާޅުވެ، މީކާއީލް ވަނީ ޕާޓީއަކީ އިންކްލޫސިވް، ހުރިހާ އެންމެނަށް ޖާގަ އޮންނަ، ފުރުސަތު އޮންނަ ޕާޓީއަކަށް ހަދަން ބޭނުންވާނަމަ އޭނާއާ އެކު މި އިންތިޚާބުގައި އިތުބާރާ އެކު ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.
މީކާއީލް ވީޑިއޯ މެސެޖެއް މެދުވެރިކޮށް މި ވާހަކަތައް ހާމަކުރައްވާފައިވަނީ، އިދިކޮޅު ކެންޑިޑޭޓުގެ ފަރާތުން އަންނަމުންދާ އިންޒާރުތަކާއި ގުޅިގެން މެންބަރުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ނިމުމެއް ގެނެސްދެއްވުމުގެ ގޮތުންކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ ބިރުދެއްކުންތަކުގެ ސަބަބުން ޕާޓީގެ އެތެރޭގެ ޑިމޮކްރަސީއަށް ހުރަސްއެޅޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ވަކި ފެކްޝަނަކަށް ޕާޓީ ހިންގުމުގެ ބަދަލުގައި، މީކާއީލްގެ އަމާޒަކީ ޑިމޮކްރެޓިކް އުސޫލުތަކަށް އިޙްތިރާމްކޮށް، އެންމެން އެއްގަލަކަށް އަރުވައިގެން ޕާޓީ ކުރިއަށް ގެންދިއުންކަމުގައި އޭނާ ދަނީ ކެމްޕެއިންގެ ހަރަކާތްތަކުގައި ވިދާޅުވަމުންނެވެ. އޭނާގެ ޝިއާރަކީ ޕާޓީގެ ހުރިހާ ގުނަވަންތަކެއް ގުޅިގެން މަސައްކަތް ކުރުމެވެ.
މީކާއީލްގެ ކެމްޕޭން ޝިއާރު ”އިތުބާރު“ ގެ އަސްލަކީވެސް މިއީ ކަމަށާއި ބަދަލުހިފުމުގެ ރޫޙު ދޫކޮށްލައި، ހުރިހާ މެންބަރުންނަށް އިތުބާރާއެކު ޕާޓީގައި ކުރިއަށްދެވޭނެކަން ކަށަވަރުކޮށްދިނުމަކީ އޭނާގެ އެންމެ ބޮޑު އެއް ވައުދެވެ. މި އިންތިޚާބަކީ ޕާޓީގެ މުސްތަގުބަލު ބައްޓަންކުރުމަށް ލިބޭ މުހިންމު ފުރުސަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

