ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ހާސްވެ، ގެއަށް ކާޑުގެ ބާވަތްތައް ބަސްތާތަކުން ވައްދަންވީ ވަގުތެއް ނޫން: އަމްރު

މިއީ ހާސްވެ، ގެއަށް ކާޑުގެ ބާވަތްތައް ބަސްތާތަކުން ވައްދަންވީ ވަގުތެއް ނޫން: އަމްރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސްގެ ޕޮޒިޓިވް ދެ ކޭސް ފެނުމާއި ގުޅިގެން ރައްޔިތުން، އެކަމާއި ހާސްވެ ކަންބޮޑުވުމާއި އެކު ކާޑުގެ ބާވަތްތައް ގެއަށް ވައްދާ ނެހެދުމަށާއި ބޭނުންވާ ވަރަށް ކާޑުގެ ބާވަތްތައް އެބަހުރިކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

ނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ރާއްޖޭގައި ދެ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ވައިރަސްއަށް ޕޮޒިޓްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފުންނެވެ. އެޗްޕީއޭއިން އެ މީހުންގެ އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެއެވެ. ރާއްޖެއިން ދެ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ކުރެއްދޫ ރިސޯޓަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ. އެ ރަށަށް އަރާ ފޭބުން އޮތީ ހުއްޓުވާފަ އެވެ. މުޅި ރާއްޖެއަށް އޮތީ މިހާރު ޔެލޯ އެލާޓެވެ. ވައިރަސްއާއި ގުޅިގެން އޮރެންޖެ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހުނު މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭ ހާލަތްތަކުގަ އެވެ. އަދި ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.

ކޮރޯނާ ވައިރަސް ރާއްޖޭން ފެނުމާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، މިއީ ގެއަށް ކާޑުގެ ބާވަތްތައް ވައްދާ ގުދަން ކުރަންވީ ވަގުތެއް ނޫން ކަމަށެވެ. ރާއްޖެއަށް ވައިރަސް ފެތުރިއްޖެ ހާލަތެއްގައި ވެސް، ރަށްތަކުގެ ރައްޔިތުންނަށް ފޯރުކޮށްދެވޭ ވަރަށް އެސްޓީއޯގެ ސްޓޮކް ރައްކާކުރެވިފައިވާކަމަށް އަމްރު ވިދާޅުވިއެވެ. އަމްރު ވިދާޅުވީ، ކައިބޮއި އުޅޭ މިންވަރަކަށް މި ވައިރަސްގެ ސަބަބުން ބަދަލެއް ނާންނާނެ ކަމަށާއި، އެހެން ކަމުން ކާޑުގެ އެއްވެސް ދަތިކަމަކާއި ދިމާ ނުވާނެ ކަމަށެވެ. އަދި ކާޑު ހުސްވާފަދަ ހާލަތަކަށް ވެސް ނުދާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

”މިވަގުތަކީ ކޮންމެ ގެއެއްގެ ސިޓިންރޫމް ކާޑު ގުދަނަކަށް ހަދަންވީ ވަގުތެއް ނޫން، އަދި ކޮންމެ ގެއެއްގެ ކޮޓަރި ކަންމަތީ ފިހާރައަކަށް ހަދަންވީ ވަގުތެއް ވެސް ނޫން. އަޅުގަނޑުމެން އެސްޓީއޯ އަތުގައިވެސް ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ވަަރަށް ކާޑު އެބަ ހުރި. އާންމުކޮށް ކާ އުސޫލުން ކާ ކަމަށްވަންޏާ ހުސް ނުވެ، މިއަދުވެސް މާދަމާވެސް ރާއްޖޭގެ ތާރީހުގައި މި ދިޔަހެން އެއްގޮތަކަށްވެސް ހުސްނުވެ ބަރާބަރަށް ކާޑު ލިބެން ހުންނާނެ.“ އަމްރު

ބައްޔެއް ފެތުރިދާނެ ކަމެއްގެ ބިރުގައި ރަށްތައް އޮއްވައި އެއް ރަށެއްގެ ގެއަކުން، ކާޑު ބަސްތާތަކުން ގެއަށް ގަނެގެން ގެންދިއުމަކީ ވެސް އެންމެ ރަނގަޅު ގޮތެއް ނޫންކަން އަމްރު ފާހަގަކުރެއްވިއެވެ. އަމްރު ވިދާޅުވީ މިއީ އެއްބައިވަންތަކަން ދައްކަންޖެހޭ ފަދަ ދަނޑިވަޅެއް ކަމަށެވެ.

ކާޑުގެ ބާވަތްތަކުގެ އިތުރުން، ބޭހުގެ ބާވަތްތައް ލިބެން ހުންނާނެކަން ފާހަގަކުރައްވާ އަމްރު ވިދާޅުވީ، ރާއްޖެއަށް އެތެރެކުރެވެނީ އެޗްޕީއޭއިން އެޕްރޫވް ކުރެވިފައިވާ ބޭސްތަކެއް ކަމަށެވެ. ގިނަ ބޭސްތަކަކީ އިންޑިއާއިން އެތެރެކުރާ ބޭސްތަކެއް ވީނަމަވެސް، ބައެއް އެކި ފާމަސޫޓިކަލްތަކުން އެތެރެކުރާ ބޭސްތައް ވެސް ހިމެނޭކަމަށް އަމްރު ވިދާޅުވިއެވެ. އިންޑިއާއިން ބޭސް އެކްސްޕޯޓު ކުރުން މަޑުޖައްސާލާފައިވާއިރު އަމްރު ވިދާޅުވީ ކުންފުނީން އިތުރު މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި ވާހަކަދައްކާ މަޝްވަރާކޮށްގެން ބޭސްތައް ލިބޭނެ ކަމަށް އަމްރު ވިދާޅުވިއެވެ. އެހެން ކަމުން، ބޭހުގެ އެއްވެސް ދަތިކަމެއް ވެސް ދިމާނުވާނެ ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.

ހޭންޑް ސެނެޓައިޒާތަކާއި ގުޅޭގޮތުން ކަންބޮޑުވުން އިތުރުވެފައިވުމާއި ގުޅިގެން އަމްރު ވިދާޅުވީ، ހޭންޑް ސެނިޓައިޒާއަކީ މި ދަނޑިވަޅުގައި ހޮސްޕިޓާތަށް މުހިންމު ވަސީލަތެއް ކަމަށެވެ. ގޭގައި ބޭނުން ކުރުމަށް އެ ސެނެޓައިޒާ ގަތުން މުހިންމު ނޫން ކަމަށާއި، ގޭގައި ސައިބޯނި ލައި ރަނގަޅަށް އަތް ދޮވުމަށް އަމްރު އިލްތިމާސް ކުރެއްވިއެވެ.

އަމްރު ވިދާޅުވީ، އާއްމުންނަށް ހޭންޑް ސެނެޓައިޒާ ދިނުން މަޑުޖައްސާލާފައިވާ ކަމަށެވެ.

”އެ ތަކެއްޗަކީ ސީދާ އެ ލިބުން މުހިންމު ފަރާތްތަކަށް ލިބުން މުހިންމު އެއްޗެހި. އެހެންވީމަ މި ވަގުތު އަޅުގަނޑުމެން މިވަނީ އާންމުންނަށް ހޭންޑް ސެނިޓައިޒާ ދިނުން މަޑުޖައްސާލައިފައި. އެއީ ކޮންމެހެން އަޅުގަނޑުމެންގެ އަތުގައި ނެތީމަކާއެއް ނޫން. އަޅުގަނޑުމެންވެސް އިމްޕޯޓު މި ކުރަނީ. އަޅުގަނޑުމެން އެއްކޮށް ހުޅުވާލައިފި ކަމަށްވަންޏާ ހަމަ ރާސްލާފައި އައިސް ބައެއް ބޭފުޅުން ވަރަށް ގިނައިން ގަނެފިއްޔާމުން ހުސްވެދާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ،“ އަމްރު

މިއީ ސިއްހީ ގޮތުން ކުރިމަތިވި ގޮންޖެހުމަކަށް ވުމުން ސިއްހީ ޚިދުމަތްތެރިން ދެއްވާ އިރުޝާދުތަކަކަށް ހުރިހާ ފަރާތްތަކަކުން ވެސް އިލްތިމާސް ކުރެއެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި، ދޮގު މައުލޫމާތު ފެތުރުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށް އެފަދަ ކަންކަމަށް ރައްޔިތުން ސަމާލުވެ ތިބުމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކޮރޯނާ ވައިރަސް ރާއްޖެ އިން ފެނުނު ނަމަވެސް އެއްވެސް މީހަކު ކަންބޮޑުވެ ހާސްނުވުމަށާއި، އާއްމު ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: