ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސް ތިބި ދިވެހި ހާޖީންގެ ތެރެއިން އެންމެ ހާޖީއެއް ފިޔަވައި އެންމެން ޢަރަފާތް ބިމަށް ވަދެފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް ވިދާޅުވީ، ޢަރަފާތަށް މިވަގުތު ނުގެންދެވި އޮތް ހަމައެކަނި ހާޖީއަކީ މިނާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހެއް ކަމަށެވެ. ނަމަވެސް، އެ މީހާވެސް ޢަރަފާތަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
”އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހާޖީން ވަނީ ޢަރަފާތަށް ވަދެފަ. އެއް ހާޖީއަކު މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކުރެވި ފަރުވާއެއް ދެވެމުންދަނީ އިންޝާ ﷲ އެބޭފުޅާވެސް އަރަފާތަށް ގެންދެވޭނެ. ހައްޖު ކޯޕަރޭޝަންގެ އެހީތެރިން ދަނީ އެބޭފުޅާއެކު ހަރަކާތްތެރިވެ އެހީތެރިވަމުން. ހުރިހާކަމެއް ވެސް ރަނގަޅު. އަލްޙަމްދު ލި ﷲ.“ ކަމަށެވެ.
ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތްތަކެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ އިރުޝާދުގެ ދަށުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ޙައްޖު ކޯޕަރޭޝަން ގުޅިގެން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ވަޒީރު ޝަހީމް ފާހަގަކުރެއްވި ގޮތުގައި ދިވެހި ތާރީޚުގައިވެސް ދިވެހި ހާޖީންނަށް ލިބޭނެ އެންމެ މަތީ ޚިދުމަތާއި އެހީތެރިކަން މިހާރު ދަނީ ފޯރުކޮށްދެމުންނެވެ.
މީގެ އިތުރުން، ރާއްޖޭގެ ހައްޖު މިޝަނުން ހާޖީންގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ދިވެހި ސަރުކާރުން އަބަދުވެސް ހާޖީންނަށް ގާތުން ޚިދުމަތް ދިނުމުގައި ދެމިއޮންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއަހަރު ހާޖީންނަށް ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށްޓަކައި މައްކާގައި ޚާއްސަ ކްލިނިކެއްވެސް ވަނީ ގާއިމުކޮށްފައެވެ.

