ބުރޫނާއީން ދިވެހިރާއްޖެއަށް އިތުރު ސްކޮލަރޝިޕްތަކެއްދޭން ނިންމައިފއިފިއެވެ.
ބުރޫނާއީން މި ގޮތަށް ނިންމާފައިމިވަނީ، ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު، އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކުރިއަށްގެންދިޔަ ބައްދަލުވުންތަކުގައި، އެ މަނިކުފާނު އެ ކަމަށް އެދިވަޑައިގަތުމުންނެވެ.
މި ބައްދަލުވުމުގައި ޝާހިދުވަނީ، މިހާރު ވެސް ކޮންމެ އަހަރަކު ފަސް ސްކޮލަރޝިޕް، އެ ޤައުމުން ދެއްވާކަން ފާހަގަކުރައްވާ، ދިވެހިރާއްޖެއަށް ބުރޫނާއީން ދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.
ފޮރިން މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި، މިނިސްޓަރ ޝާހިދުވަނީ، ސްޕެޝަލް އެޑިއުކޭޝަންގެ ދާއިރާއިންނާއި، އިތުރު ދާއިރާތަކުން ސްކޮލަރޝިޕްގެ ފުރުޞަތުތައް ދިވެހިރާއްޖެއަށް ހޯދައިދިނުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ގޮތުން، ބުރޫނާއީގެ ސަރުކާރުންވަނީ، މިނިސްޓަރ އެދިވަޑައިގެންނެވި ފަދައިން، ދިވެހިރާއްޖެއަށްދޭ ސްކޮލަރޝިޕްތައް އިތުރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މި ދަތުރުގައި ޝާހިދުވަނީ ބުރޫނާއީގެ ރަސްގެފާނާއި ބައްދަލުކުރައްވާފައެވެ. ޝާހިދު ވިދާޅުވި ގޮތުގައި، މިއީ ދިވެހިރާއްޖެއާއި ބުރޫނާއީގެ ގުޅުމުގެ އާ ބާބެއްގެ ފެށުންކަމަށެވެ.

