ޗައިނާއިން އުފަންވެ، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ފެތުރެމުން އައި ކޮރޯނާ ވައިރަސްގެ ދެ ކޭސްއެއް ރާއްޖެއިން ފެނިފައިވާ މި ދަނޑިވަޅުގައި އެ ވައިރަސްއާއި ގުޅޭގޮތުން ދޮގު މައުލޫމާތުތައް ފަތުރާ ނޫސް މީޑިއާތަކާއި މެދި ގާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ފާސްކޮށްފިއެެވެ.
އެމްއެމްސީއިން ބައްދަލުވުމެއް ބޭއްވުމަށްފަހު މިއަދު ނިންމާފައިވަނީ، މީޑިއާތަކުގެ އިސް ނޫސްވެރިންނާއި ބައްދަލު ކުރުމަށެވެ. ކޮރޯނާ ވައިރަސް އާއި ބެހޭ މައުލޫމާތުތައް އެންމެ ސައްހަ ގޮތުގައި ފެތުރުމަށް އިލްތިމާސްކޮށް އެމްއެމްސީއިން ބުނެފައިވަނީ ވައިރަހާ ގުޅޭ ގޮތުން ސިއްހީ މައުލޫމާތު ފެތުރުމުގައި އޭގެ ސައްހަ މައުލޫމާތު ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކުރުމަށާއި ސިއްހީ މައުލޫމާތު ހަވާލާދޭ މަސްދަރުތަކަކީ ބައިނަލްއަގުވާމީ ސިއްހީ އިދާރާތަކުގެ މިންގަނޑުތަކާ އެއްގޮތަށް ޝާއިއުކޮށްފައިވާ މައުލޫމާތުކަން ކަށަވަރު ކުރުމަކީ ނޫސްވެރިންގެ ޒިންމާއެއް ކަމަށެވެ.
އެހެން ކަމުން މި ދަނޑިވަޅުގައި އެކަށީގެން ނުވާ މައުލޫމާތު ފަތުރާ ނަމަ އެ މައުލޫމާތެއް ފަތުރާ މީޑިއާއަކަށް އެކަން އަންގައި އަދި އެންގުންތަކާ އެއްގޮތަށް އަމަލު ނުކޮށްފި ނަމަ ”ގާނޫނީ ފިޔަވަޅު އަޅާނެ“ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
ކޮރޯނާ ވައިރަސްއާއި ގުޅޭގޮތުން ސައްހަ ނޫން އެތައް މައުލޫމާތެއް ކޮންމެ ދުވަހަކު ސޯޝަލް މީޑިއާއިން ފެންމަތިވެއެވެ. އަދި އެއާއި އެކު ބަލީގެ ފަރުވާއާއި ގުޅޭގޮތުން ވެސް ސައްހަ ނޫން ވާޙަކަތަކެއް ހިމެނޭ ރިޕޯޓުތަކެއް ބައެއް މީޑިއާތަކުން ގެނެސްދީފައިވެއެވެ. އަދި އެ ހަބަރުތަކަކީ ކޮރޯނާއިން ސަލާމަތް ވުމަށް ބޭނުން ކުރެވިދާނެ ބައެއް ތަކެތިކަމަށް ބަޔާންކޮށް ގެނެސްދީފައިވާ ހަބަރުތަކެކެވެ.
މިހާތަނަށް އަދި ފަރުވާއެއް އަދި ވެކްސިނެއް އުފެއްދިފައި ނެތް މި ބަލި ރަނގަޅުވާނެ ފަރުވާތައް ކަމަށް ބުނެ ބޭރުގެ މީޑިއާތަކުން ވެސް އާޓިކަލްތައް ގެނެސްފައި ވެއެވެ.
ވައިރަސްއާއި ގުޅޭގޮތުން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ ހަފްތާއެއް ނުވަތަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޓެސްޓު ވެކްސިންގެ ނަތީޖާ ލިބޭނެ ކަމަށެވެ.

