ޢީދުގެ ޙަޤީޤީ ޖައުހަރަކީ، ތަޤުވާވެރިކަމުގެ ސާފު ފޭރާމުން ނަފުސް ޒީނަތްތެރިކޮށް، ދީނާއި ޙައްޤުގެ މަގު އިސްކުރުމުގެ ޢަޒުމް އާކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޢީދު ދުވަހުގެ މުނާސަބަތުގައި މިރޭ ފޮނުއްވި ޚިޠާބުގައެވެ.
ރައީސް މުއިއްޒުގެ ހިތާބުގައި، ބަރަކާތްތެރި އަޟްޙާ ޢީދު މިންވަރު ކުރެއްވިކަމަށްޓަކައި اللهُ سُبْحَانَهُ وَتَعَالَىގެ ހަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވައި، މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ވަޑައިގެންނެވި ލޮބުވެތި އަޚުންނާއި އުޚުތުންވެސް ހިމެނޭހެން، ޢީދުގެ ތަޙުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައިވެއެވެ.
އަޟްޙާ ޢީދަކީ، މާތްﷲ ވަރަށް މުހިންމު ޢިބްރަތްތަކެއް އަދި ޙިކުމަތްތަކެއް އެކަމުގައި ލައްވައިފައިވާ މުޅި މުސްލިމް އުންމަތް އެއް ސަފަކަށް ތަރުތީބު ކޮށްދޭ، އޯގާތެރިކަމުގެ ދެމެހެއްޓެނިވި މިސާލެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި މާތްވެގެންވާ ޢަރަފާތު ބިމުގެ ހަމަހަމަކަމުން ފެށިގެން، ކޮންމެ ދިމާއަކަށްވެސް ފެތުރިގެންދާ މި އުފާވެރިކަމަކީ، އިންސާނީ ކުލުނުގެ އެންމެ އަލިގަދަ އެއް ރަމްޒުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަޟްޙާ ޢީދުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި، ރައީސް ވަނީ ޒުވާން ޖީލަށް ރިވެތި އަޚުލާޤީ ސިފަތައް ދަސްކޮށްދީ، މުޖުތަމަޢުގެ ނިކަމެތިންނާއި އެކަނިވެރިންގެ ހިނިތުންވުމަކީ، ތިމާގެވެސް އުފާކަމުގައި ދުށުމަށް މި ޢީދުން ދަސްކޮށްދޭކަން ހަނދާން ކުރަންޖެހޭކަމުގައި ވިދާޅުވެފައިވެއެވެ. އަދި މި ޢީދުގެ ސަބަބުން އާލާވެގެންދާ އެއްބައިވަންތަކަމުގެ މާތް ގުޅުމަކީ، މުޅި ޤައުމުގައި އަމާންކަމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ލިބިދޭ ވަރުގަދަ ބާރެއްކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން ޢީދުގެ އެކިއެކި ކުޅިވަރުތައް ކުޅެ އުފާފާޅުކުރުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަވައި، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުހެލިވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

