އީދުގެ އުފާ ފާހަގަކުރާއިރު، މި މުނާސަބަތުގެ ނަމުގައި މީހުންނަށް ފުރައްސާރަކޮށް މަލާމާތް ނުކުރުމަށް މިއަދުގެ އީދު ހުތުބާގައި ގޮވާލައިފިއެވެ.
އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި އިއްވި ހުތުބާގައި ބުނީ، އީދުގެ ދުވަސްތަކަކީ މުސްލިމުން ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅޭން އޮތް ދުވަސްތަކެއް ނަމަވެސް، އެކަންކަން ކުރަންވާނީ އިސްލާމީ މިންގަނޑުތަކުގެ ތެރޭގައި ކަމަށެވެ.
ހުތުބާގައި ވަނީ އީދު ފާހަގަކުރުމުގެ ނަމުގައި ހިންގާ ބައެއް ނޭދެވޭ އަމަލުތަކަށް އަލިއަޅުވާލާފައެވެ. އެގޮތުން މީހުންނަށް ފުރައްސާރަކުރުމާއި، މަލާމާތްކުރުމާއި، އަންހެނުން ފިރިހެން ހެދުން އެޅުމާއި، ފިރިހެނުން އަންހެން ހެދުން އެޅުން އަދި ދެޖިންސު މަސްހުނިވެގެން ކުޅިވަރު ކުޅުން ފަދަ ކަންކަމުން ދުރުހެލިވާން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި އީދުގެ ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތް ﷲއަށް ބިރުވެތިވެ، އެހެން ދީންތަކުގެ ޝިއާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަން ހަނދާންކޮށްދީފައެވެ.
އީދުގެ އުފާ ފާޅުކުރާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިކަމެތި ހާލުގައި ތިބި މުސްލިމުންގެ މަތިން ހަނދާން ކުރުމަށްވެސް ހުތުބާގައި ނަސޭހަތްތެރިވިއެވެ.
”އަހަރެމެން އަމާން ވެއްޓެއްގައި މި ދުވަސް ފާހަގަކުރާ އިރު، އިސްލާމީ އުންމަތުގެ ބަޔަކު ނުހަނު ނިކަމެތިހާލުގައި ތިބިކަން ވެސް ހަނދާން ނައްތައިނުލާށެވެ،“ ހުތުބާގައި ބުނެފައިވެއެވެ.
ހާއްސަކޮށް ގަތުލްއާންމުތަކާއި ހައިހޫނުކަމުގައި ތިބި އަހުންނާއި އުހުތުންނަށް ހެޔޮ ދުއާ ކުރުމަށް ގޮވާލާފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުސްލިމުންނަށް އީދުގެ ތަހުނިޔާ ކިޔައި، އެމީހުންވެސް އީދުގެ އުފަލުގައި ބައިވެރިކުރުމަށް ބާރުއަޅާފައިވެއެވެ. އަދި އެކަކު އަނެކަކަށް މާފުކޮށް، ހިތްތައް ސާފުކުރުމާއެކު، ބޮޑާކަމާއި ހަސަދަވެރިކަން ހިތްތަކުން ފިލުވާލުމަށްވެސް ހުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.
ހުތުބާ ނިންމާލަމުން ވަނީ ގިޔާމަތް ދުވަހުގެ ބިރުވެރިކަމާއި މަހުޝަރުގެ މައިދާނުގެ ހޫނުގަދަކަން ހަނދާނަށް ގެނައުމަށް ގޮވާލާފައެވެ. އަދި ކިބުރުވެރިކަމުގެ ޒައްރެއްގެ މިންވަރު ހިތުގައި ހުރި މީހަކު ސުވަރުގެ ނުވަންނާނެކަމުގެ އިންޒާރު ދެއްވައި، ހުރިހާ މުސްލިމުންނަކީވެސް އޯގާތެރި ބަޔަކަށް ވުމަށް ނަސޭހަތްތެރިވެފައެވެ.

