ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއަކީ 21 ވަނަ ގަރުނުގެ މުހިންމު ބައިވެރިއެއް: އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއަކީ 21 ވަނަ ގަރުނުގެ ”މުހިންމު ބައިވެރިއެއް“ ކަމަށާއި ގުޅުން އިތުރަށް ވަރުގަދަކުރައްވާނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެއެވެ.

އިންޑިއާއަށް ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިން، ނިއުދިއްލީގައި ހުންނަ އެމެރިކާ އެމްބަސީގައި ބޭއްވި އެމެރިކާގެ 250 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ވާހަކަދައްކަވަމުން ރޫބިއޯ ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ފުރުސަތުތަކުގެ ތެރެއިން އިންޑިއާއާއެކު އޮތް ގުޅުމަކީ ނުހަނު މުހިންމު ގުޅުމެއް ކަމަށެވެ.

ރޫބިއޯ ފާހަގަކުރެއްވި ގޮތުގައި، އިންޑިއާ އާއި އެމެރިކާއަކީ އެއްގޮތް އުސޫލުތަކަކާއި މަސްލަހަތުތަކެއް ހިއްސާކުރާ ދެ ގައުމެވެ.

 ”އަޅުގަނޑުމެންގެ ތާރީޚުގައި ހޯދާފައިވާ ކާމިޔާބީތަކަކީ ދުނިޔޭގެ އެހެން ގައުމުތަކާ ގުޅިގެން ހޯދާފައިވާ ކާމިޔާބީތަކެއް. އޭގެ ތެރެއިން 21 ވަނަ ގަރުނުގެ ގޮންޖެހުންތަކާއި ފުރުސަތުތަކަށް ބަލާއިރު، އިންޑިއާއާއެކު އޮތް ގުޅުމާ މެދު އަޅުގަނޑު ވަރަށް އުއްމީދު ކުރަން،“ ރޫބިއޯ ވިދާޅުވިއެވެ.

ޒަމާނީ ދުނިޔޭގެ އިގްތިސާދީ ދާއިރާތަކުން ދެ ގައުމަށް ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރޫބިއޯ ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ގުޅުމުގެ ސަބަބުން އިންޑިއާ އާއި އެމެރިކާގެ ރައްޔިތުންގެ އިތުރުން، މުޅި ދުނިޔޭގެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. މި ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ މި ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގުގައި ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާ ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރޫބިއޯ ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. ޖައިޝަންކަރަކީ ”ވަރަށް ބުއްދިވެރި ބޭފުޅެއް“ ކަމަށް ސިފަކުރައްވައި، އޭނާ އިންޑިއާއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ ފަދަ މޮޅު މަސައްކަތްތަކެއް ކަމަށް ރޫބިއޯ ވިދާޅުވިއެވެ.

މި ހަފްލާގައި އިންޑިއާގެ މަޝްހޫރު މިއުޒިކް ކޮމްޕޯޒަރު އޭ.އާރް. ރަހްމާންގެ ހާއްސަ ހުށަހެޅުމެއް ފެނިގެންދިޔައިރު، އޭނާގެ މަޝްހޫރު ލަވަ ’ޖޭ ހޯ‘ އަކީ ހަފްލާގެ އެންމެ ފާހަގަކޮށްލެވުނު އެއް ކަމެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު ޖައިޝަންކަރުގެ އިތުރުން އިންޑިއާގައި ހުންނަވާ އެމެރިކާގެ ސަފީރު ސާޖިއޯ ގޯވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަންގާރަ ދުވަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބާއްވާ ’ކުއަޑް‘ ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: