ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރި، މިވީ މުއްދަތުގެ ތެރޭގައި އެކަނިވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަތުރުވެރިން ބުކްކޮށްފައިވާ ސްޓޭތަކުގެ ކެންސަލޭޝަން އެއްލައްކައަށް ވުރެ މައްޗަށް އަރާކަމަށް ކޮރޯނާ ވައިރަސްއާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ރައީސް ކަނޑައަޅުއްވާފައިވާ ވަޒީރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ރާއްޖޭގައި ދެ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ވައިރަސްއަށް ޕޮޒިޓްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފުންނެވެ. އެޗްޕީއޭއިން އެ މީހުންގެ އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެއެވެ. ރާއްޖެއިން ދެ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ކުރެއްދޫ ރިސޯޓަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ. އެ ރަށަށް އަރާ ފޭބުން އޮތީ ހުއްޓުވާފަ އެވެ. މުޅި ރާއްޖެއަށް އޮތީ މިހާރު ޔެލޯ އެލާޓެވެ.
ވައިރަސްއާއި ގުޅިގެން އޮރެންޖެ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހުނު މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭ ހާލަތްތަކުގަ އެވެ. އަދި ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.
ކޮރޯނާ ވައިރަސްއާއި ގުޅިގެން ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާއިރު، ރައީސް އޮފީހުގައި ނޫސްވެެރިންނާއި ބައްދަލު ކުރައްވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިސްރާބު ޖަހާފައިމިވަނީ ބޮޑު ލޮޅުމަކާއި ދިމާލަށް ކަމަށެވެ. ރާއްޖޭގެ އިގްތިސޯދުގެ މައިތަނބަކީ ފަތުރުވެރިކަމުގެ ދާއިރާއަށްވާއިރު، ރާއްޖެއަށް އެންމެ 75 އިންސައްތައިގެ އާމްދަނީއެއް ވަންނަ ދާއިރާއަކީ ވެސް މިއީކަން އަލީ ވަހީދު ފާހަގަކުރެއްވިއެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ފައިރަސް ފެތުރެން ފެށިފަހުން ރާއްޖެއަށް 125،827 (އެއްލަކަ ފަންސަވީސް ހާސް އައްސަތޭކަ ހަތާވީސް) ބުކިން ކެންސަލްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް، އަލަށް ލިބުނު ބުކިންގެ އަދަދު 307،223 (ތިން ލައްކަ ހަތްހާސް ދުއިސައްތަ ތިރީސް ތިނެއް) އަށް އަރާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ކަޅު ދުވަސްތަކެއް ގުނަމުންދިޔަ ނަމަވެސް، މިއީ މިދިޔަ އަހަރުގެ މުއްދަތާއި އަޅާބަލާ 0.9 އިންސައްތައިގެ ކުރިއެރުމެއްކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި ދެ ބިދޭސީ ސްޓާފުންގެ ހާލަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މިވަގުތަށް ބަލާއިރު އެ މީހުންގެ ހާލު ރަނގަޅު ކަމަށެވެ. އަދި ވަރަށް ގާތުން އެ މީހުންގެ ކަންކަން ބަލަމުން އަންނަކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި ރިސޯޓުގައި ތިބި ސްޓާފުންގެ ކަންކަންވެސް ގާތުން ބަލަމުން އަންނަކަން އަލީ ވަހީދު ފާހަގަކުރެއްވިއެވެ. އެގޮތުން ރިސޯޓުތަކުގައި ޖުމްލަ 37،136 މުވައްޒަފުން ތިބި އިރު އޭގެ ތެރެއިން 17،609 މީހުންނަކީ ދިވެހިންނެވެ. އަލީ ވަހީދު ވިދާޅުވީ، ހުރިހާ މުވައްޒަފުން ވެސް ރައްކާތެރިވެ ތިބުމަށް ބޭނުންވާ ސާމާނު ލިބޭނެ ކަމަށެވެ. އަދި އިންޑަސްޓްރީގެ ޓްރަސްޓް ފަންޑުން ބައި މިލިއަން މާސްކް ވެސް ގަނެ، ކުރިން ރައްކާކޮށްފައިވާކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.
މިއީ އިގްތިސާދަށް އަންނަ ލޮޅުމެއް ނަމަވެސް، އެންމެން ގުޅިގެން މި ދަނޑިވަޅުން އަރައިގަންނާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
”މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ޓޫރިޒަމް އިން އެމްއެމްއޭއާ އެއްކޮށް އަޅުގަނޑުމެން ވީކްލީކޮށް ރާއްޖޭގެ އިގްތިސޯދަށް މި އަންނަ ލޮޅުންތައް ދިރާސާ ކުރަމުން މިދަނީ. ލީޑް އެޖެންސީއެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީން މީގެ ތެރޭގައި މަސައްކަތް ކުރަމުން އެބަދޭ. އަޅުގަނޑުމެން މިހާރު ވާނެ ހަތަރު ފޯކާސްޓެއް ހަދާފައި، ހަތަރު ސިނާރިއޯ އެއް. އެއީ ބެސްޓް ކޭސް ސިނާރިއޯ. ސެކަންޑް ބެސްޓް، ތާޑް ކޭސް އަދި ވޯސްޓް ކޭސް ސިނާރިއޯ. އެހެންވީމަ އެ ހަތަރު ކޭސް ސިނާރިއޯ ގައި ދައުލަތުގެ ބަޖެޓަށް ވަންނާނީ ކިހާ އަދަދެއްކަމާ އަޅުގަނޑުމެން އެ ހާލަތުގައި ދެން ކަޓް ޑައުންސް ގެންނާނީ ކިހިނެއް ކަމާ. އެކަންކަން ކުރިއަށް އެބަދޭ،“ އަލީ ވަހީދު
އިގްތިސާދު ފުނޑުފުނޑު ވެދާނެ ފަދަ ކަމަކަށް ދިވެހި ދައުލަތަށް އަދި ރައްޔިތުންނަށް އެފޯޑް ނުކުރެވޭނެ ކަމަށާއި، ދިވެހިރާއްޖެ އެއްކޮށް ލޮކްޑައުން އަކަށް ނުދާނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކޮށް ދިޔަ އިޓަލީ މީހާގެ ފަރާތުން ކޮރޯނާ ފެނުމާ ގުޅިގެން ސަރުކާރުން ވަނީ އިޓަލީއިން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފަ އެވެ. އިޓަލީ މީހުން ރާއްޖެއިން ފުރުވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ވ. ތިނަދޫގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީ މީހެއްގެ ފަރާތުން ވެސް ކޮރޯނާގެ އަލާމާތްތައް ފެނުނެވެ. އެމީހާގެ ޓެސްޓްގެ ނަތީޖާ މިހާރު ލިބިފައިވާއިރު އޭނާ ވައިރަހަށް ނެގަޓިވް އެވެ. އޭނާ އަދިވެސް ހުރީ ކަރަންޓީނުކޮށްފަ އެވެ. އޭނާގެ ފަރާތުން އަލާމާތް އަދިވެސް ފެންނާތީ 24 ގަޑިއިރު ފަހުން އިތުރު ޓެސްޓް ހެދުމަށް ވަނީ ނިންމާފަ އެވެ.

