އެމްޑީޕީގެ ޗެއާރޕާރސަން ހޮވުމުގެ ކެންޕެއިން ކުރިއަށްދާއިރު އެބޭފުޅުންގެ އަމާޒަކީ ޕާޓީއަށް ވީހާވެސްގިނަ މެމްބަރުން އިތުރުކުރުން ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އދ. މާމިގިއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މިގޮތުން އެމަނިކުފާނުގެ އުންމީދަކީ 2026 ވަނަ އަހަރު ނިމުމުގެ ކުރިން އެމްޑީޕީއަށް އެއް ލައްކަ މެމްބަރުން ހަމަކުރުން ކަމުގައި ވިދާޅުވިއެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީ ކާމިޔާބުކުރާއިރު ރީނދޫ ލަޝްކަރުގައި އެއްލައްކަ މެމްބަރުން ތިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ އަޅުގަނޑުމެންގެ އަމާޒަކީ އެމްޑީޕީއަށް ވީހާވެސް ގިނަ މެމްބަރުން އިތުރުކުރުން، އަޅުގަނޑުގެ އުންމީދަކީ މިއަހަރު ނިމުމުގެ ކުރީގައި ޕާޓީއަށް އަނެއްކާވެސް އެއްލައްކަ މެމްބަރުން ވަނުން “ ރައީސް މުހަންމަދު ނަޝީދު
އެމަނިކުފާނުގެ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ، މިހާރު އަމަލުކުރަމުންމިދާ ޤަނޫނު އަސާސީގެ ސަބަބުން ކުރިއެރުންތަކެއް ހޯދުނުކަމަށެވެ. ޙާއްޞަގޮތެއްގައި އިޖުތިމާޢީ ރައްކާތެރިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އެޕާޓީއިން އިސްވެ ގިނަގުނަ މަސައްކަތްތަކެއް ރައްޔިތުންނަށް ކޮށްދީފައިވާނެކަމަށް ވިދާޅުވިއެވެ. މިގޮތުން އެކަނިވެރި މައިންނަށް އެލަވަންސް ދިނުމާއި، ޔަތީމު ކުދިންނަށް އެހީވުމާއި، ނުކުޅެދޭ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅާލުމާއި، ބޭސްވަރުވާގެ ނިޒާމަށް ގެނެވުނު ބަދަލާއި، ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް އެމްޑީޕީގެ ސަރުކާރުން ހިލޭ ފޮތާއި ފަންސުރު ދިނުންފަދަ ގިނަގުނަ ކަންތައްތަކެއް އެޕާޓީގެ ތެރެއިން ތަންފީޒު ކުރެވުނުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަ މިއާއިއެކު ރައްޔިތުންގެ އާމްދަނީއާއި ދިރިއުޅުމުގެ ތަނަވަސްކަމަށްވެސް ކޮންމެވެސް މިންވަރެއްގެ އިތުރުވުމެއް އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނަށް ފާހަގަކުރެވިފައިވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ތަނަވަސްކަމާއި އެކުއައި ރައްޔިތުންގެ މިއަދުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިތަނަވަސްކަންމަތީ ނުތިބެވުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިގޮތުން ދައުލަތުގެ ދަރަނި އިންތިހާއަށް އުފުލިފައިވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ދަރަނި ދެއްކުމަށް އިތުރު ދަރަނިތަކެއް ނަގާ ސަރުކާރުވަނީ ދަރަނީގެ ދަންތޫރައެއްގެ މިސްރާބުގައި ޖެހިފައިކަމަށެވެ. ދަރަނީގެ ދަންތޫރައެއްގައިޖެހި ދަރަނި އަދާނުކުރެވި ތިބެވިއްޖެނަމަ ދިވެހިރާއްޖެ ޑީފޯލްޓަކަށްގޮސް އެކަމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުން ވަރަށް ބޮޑުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން އަވަށްޓެރި ސްރީލަންކާ ޑީފޯލްޓަކަށް ގޮސް ކަންވީގޮތް ދިވެހިންނަށްވެސް އިނގޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިކަމުގެ ހުރިހާ ގެއްލުމެއް ލިބޭނީ އާދައިގެ ރައްޔިތު މީހާއަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ދިވެހިރާއްޖެއަށް އެފަދަ ޙާލަތަކަށް ނުވެއްޓި ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ޤާބިލުކަމެއްނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް އެމްޑީޕީ އިސްވެތިބެ ދިވެހިރާއްޖޭގެ ދަރަނި އަލުން އެކުލަވާލެވިދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހިންނަށް ލުއިފަސޭހަ ގޮތްތަކެއްވެސް ހޯދަދެވޭނީ ހަމަ ޢެމްޑީޕީއިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިކަމަށްޓަކައި ޕާޓީ ވަރުގަދަވެ ޕާޓީގެ މެމްބަރުން އެކުގައި ތެދުވެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޑު އުފުލަމުން ދިއުމަކީ މިކަން ކުރުމަށް ކޮންމެހެންވެސް ބޭނުންކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިގޮތުން ޕާޓީގެ ރޫޙާއި ޖޯޝު އަލުން އަނބުރާ ގެންނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އުންމީދަކީ މިއަހަރު ނިމުމުގެ ކުރިން އެމްޑީޕީއަށް އެއް ލައްކަ މެމްބަރުން ހަމަކޮށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީ ކާމިޔާބުކުރާއިރު ރީނދޫ ލަޝްކަރުގައި އެއްލައްކަ މެމްބަރުން ތިބުންކަމުގައި ވިދާޅުވިއެވެ.

