ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް19 އަވައްޓެރި ބަންގްލަދޭޝްގައިވެސް ފެތުރެމުން އަންނާތީ އެގައުމުން މީހުން ރާއްޖެއަށް އައުން ސަރުކާރުން މަނާކޮށްފިއެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ، ފާއިތުވި 14 ދުވަހުގެ ތެރޭގައި ބަންގްލަދޭޝް އަށް ދަތުރުކޮށްފައިވާ މީހަކު ރާއްޖެ އަށް އެތެރެވުމާއި ޓްރާންސިޓްވުން ވެސް މާދަމާ އިން ފެށިގެން މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް މަނާކޮށްފައިވާ ކަމަށެވެ.
ރާއްޖެ އަށް އެންމެ ގިނަ ބިދޭސީން ގެންނަ ބަންގްލަދޭޝް އިން ރާއްޖެ އަށް މީހުން އެތެރެވުން ވަގުތީ ގޮތުން މަނާކުރުމާ ގުޅިގެން، އެ ގައުމުން އަންނަ އެއާލައިންތަކަށް އެކަން މިހާރުވަނީ އަންގާފައެވެ.
ބަންގްލަދޭޝް އިން ކޮވިޑް-19 އަށް ތިން މީހަކު ޕޮޒިޓިވް ވެފައިވާކަން އިއުލާނުކުރީ އިއްޔެ އެވެ. އެ ތިން މީހުންނަކީ މިހާރު އެންމެ ބާރަށް ކޮވިޑް-19 ފެތުރެމުންދާ އިޓަލީން މީގެ ދުވަސްކޮޅެއް ކުރިން ބަންގްލާދޭޝް އަށް ދިޔަ ބައެކެވެ.
ކޮވިޑް-19 އަށް ރާއްޖެ އިން ހަތަރު މީހަކު ޕޮޒިޓިވް ވެފައިވާއިރު، ސަރުކާރުން ކުރިން ވަނީ ޗައިނާ އާއި އިރާނާއި ސައުތު ކޮރެއާގެ ދެ ސަރަހައްދަކުން އަދި އިޓަލީން މީހުން އައުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބޭރު މީހުން އެންމެ ގިނައިން އަންނަނީ ބަންގްލަދޭޝް އިންނެވެ. ބަންގްލަދޭޝް އިން މީހުން އައުން މަނާކުރީ، ޗައިނާ އާއި އިޓަލީއާ މެދު ވެސް އަމަލު ކުރި އުސޫލުގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭން މިހާތަނަށް ހަތަރު މީހެއްގެ ގައިން ކޮވިޑް19 ފެނިފައިވާ އިރު، އެ ހަތަރު މީހުންނަކީވެސް މިދޭސީންނެވެ.

