މުދާ ހޯދާއިރު ޚިޔާނާތްތެރިވުމާއި، ފޭރުމާއި، ވައްކަންކުރުމާއި، ރިޝްވަތުދިނުމާއި، ޓެކުމާއި، ރިބާގެ މުޢާމަލާތުކުރުމާއި، ޖުވާކުޅުން ފަދަ ކަންކަން ކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވައިފައިވާ ކަންތައްކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ޚުތުބާގައިވަނީ، ހޭދަކުރުމުގައި އިޤުތިޞާދުކުރުމުގެ މައްޗަށް އަލިއަޅުވާލާފައެވެ. މިގޮތުން، މުދާ ލިބުމަށް ފަހު މުދަލަށް ގެއްލުންދިނުމާއި، މުދާ ހަލާކުކުރުމާއި، ބޭކާރު ގޮތުގައި މުދާ ހޭދަކުރުމަކީ ވެސް ހުއްދަ ކަންކަމެއް ނޫންކަމަށް ޚުތުބާގައި ގޮވާލާފައިވެއެވެ. އަދި މުދާ ހޯދުމަށް ފަހު އެއިން އެއްވެސް ބޭނުމެއް ނުކޮށް އެ ތަކެތި ހަލާކުވާން ދޫކޮށްލައިގެން ނުނެކަމަށާއި ހަމަ އެހެންމެ ބޭނުންވާ މިންވަރަށް ވުރެ އިތުރަށް މުދާ ގަތުން ފަދަ ކަންކަމުން ދުރުވާން ޖެހޭނެކަމަށް ޙުތުބާގައިވަނީ ބުނެފައެވެ.
“ ބޭނުންވާ ވަރަށް ވުރެ އިތުރަށް ގަންނަ މުދާ، ބޭނުންނުކޮށް ހުރެ މުއްދަތުހަމަވެ އުކައިލާން ޖެހެނީ ކިތައް ފަހަރުތޯއެވެ؟ މި ފަދަ ކަންކަމާ މެދު ވިސްނައި، އަހަރެމެންގެ ޢަމަލުތައް މާތް ﷲގެ އަމުރުފުޅުތަކާ އެއްގޮތަށް ސީދާކުރާށެވެ! މުދަލަކީ އަހަރެމެންނާ ޙަވާލުކުރެވިފައިވާ އަމާނާތަކަށްވީ ހިނދު، އޭގައި އެހެން މީހުންގެ ޙައްޤުތަކެއް ވެސް ﷲ سبحانه وتعالى ލައްވައިފައިވެއެވެ. ތިމާއަށް ދެއްވައިފައިވާ މުދަލުގައި، ތިމާގެ އަނބިދަރީންނާއި ގާތްތިމާގެ މީހުންނާއި ބޭނުންޖެހިފައިވާ މީހުންނާއި ފަޤީރުންނާއި މިސްކީނުންނާއި ޔަތީމުންގެ ޙައްޤުތައް ވާކަން ދަންނާށެވެ! އެ ޙައްޤުތަކުން އެބައިމީހުން މަޙުރޫމުކޮށްގެން ނުވާނެއެވެ. އަހަރެމެންނަށް ދެއްވައިފައިވާ ނިޢުމަތްތަކާ މެދު ޤިޔާމަތް ދުވަހުން ސުވާލުކުރެއްވޭނެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ”ދެން އެ ދުވަހަކުން ހަމަކަށަވަރުން (ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނު) ނިޢުމަތްތަކާ މެދު ތިޔަބައިމީހުންނާ ސުވާލުކުރައްވާނޭކަން ކަށަވަރެވެ. ”
އިސްރާފުކުރުމަށް އަލިއަޅުއްވާލަމުން ޚުތުބާގައިވަނީ، އިސްރާފުކުރުމަކީ ހުއްދަ ކަންކަމުގައި ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުންކަމުގައި ބުނެފައެވެ. އަދި މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންކަމުގައި ހޭދަކުރުން ހުއްދަވެގެންނެއް ނުވާނެކަމަށާއި، އިސްރާފުކުރުމަކީ އިސްލާމްދީނުގައި ޙަރާމްކުރައްވައިފައިވާ ކަމެއްކަމަށް ޚުތުބާގައި ހަނދާންކޮށްދެއްވިއެވެ.
”މުސްލިމް އަޚުންނޭވެ! ދިރިއުޅުމުގެ ކަންތައްތަކާއި، ޢާއިލާގެ ޚަރަދު ބެލެހެއްޓުމުގައި އިޤުތިޞާދީ ވިސްނުމަކުން ވިސްނާން ޖެހެއެވެ. އަތްމަތި ދަތިވުމުގެ ސަބަބުތަކުގެ ތެރޭގައި އިންތިހާއަށް ޚަރަދު ބޮޑުކޮށް ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމާއި، ތިމާއަށް ލިބޭ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުން ހިމެނެއެވެ. ދަރަނި ނަގައިގެން ޚަރަދުކުރާން ޖެހޭ ޙާލަތެއް މެދުވެރި ނުވަނީސް، ދަރަނިނެގުން ފަދަ ނުރަނގަޅު އާދަތަކާ ދުރުވާން ޖެހެއެވެ. ”
ޙައްޤުނޫން ގޮތުގައި މުދާ ބޭނުންކުރުމަކީ ނުރައްކާތެރި ކަމެއްކަމަށް ޙުތުބާގައިވަނީ ބުނެފައެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
“ އަދި ތިޔަބައިމީހުން ކައިބޮއިއުޅޭށެވެ! އަދި އިސްރާފުނުކުރާށެވެ! ހަމަ ކަށަވަރުން އިސްރާފުކުރާ މީހުން ދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ. “
މުސްލިމް އަޚުންނޭވެ! ޙައްޤުނޫން ގޮތުގައި މުދާ ބޭނުންކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ރަސޫލާ ޙަދީޘްކުރައްވައިފައި ވެއެވެ. . (إِنَّ رِجَالًا يَتَخَوَّضُوْنَ فِيْ مَالِ اللَّهِ بِغَيْرِ حَقٍّ، فَلَهُمُ النَّارُ يَوْمَ الْقِيَامَةِ) މާނައީ: ”ހަމަކަށަވަރުން މާތް ﷲ ދެއްވައިފައިވާ މުދާ، ޙައްޤު ނޫން ގޮތުގައި ހޭދަކުރާ ބަޔަކު ވެއެވެ. ފަހެ ޤިޔާމަތް ދުވަހުން އެބައިމީހުންނަށް ނަރަކަ ހުއްޓެވެ. ”
އިޤުތިޞާދުކުރުމާ މެދު ފުންކޮށް ވިސްނާން ޖެހޭކަމަށާއި ލިބޭ އެއްޗަކުން ޢާއިލާގެ ކަންކަން ހަމަޖައްސާ ނަމަ، އިޖުތިމާޢީ ވަރަށް ގިނަ މައްސަލަތަކުން ސަލާމަތްވެ، މުޅި ޢާއިލާއަށް އުފާވެރިކަން ގެނެސްދޭނެކަމަށް ޚުތުބާގައިވަނީ ބުނެފައެވެ. އެހެންކަމުން ލިބޭ އެއްޗެއް ޚަރަދުކޮށް ހުސްކޮށް ނުލައި، އެއިން ބައެއް ފަހަށް ރައްކާކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައިވަނީ އިލްތިމާސްކޮށްފައެވެ.

