ކޮރޯނާ ވައިރަހުން ދިވެހިރާއްޖެއަށް ލިބޭ ގެއްލުމަށްވުރެ، އިޤްތިޞާދަށް ގެއްލުންވެގެން ލިބޭ މަންފާ ކުޑަވެއްގެން ދިވެހިރާއްޖެއަށް ލިބެ ގެއްލުން މާ ބޮޑުވާނެކަމަށް ޤަބޫލުކުރައްވާކަމަށް ދިއްގަރު ދާއިރާގެ މެންބަރު ވިދާޅުވެއްޖެއެވެ.
ކޮރޯނާ ވައިރަހުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤުތިޞާދަށް ނޭދެވޭ އަސަރުކޮށް، އިޤުތިޞާދު ހީނަރުވެގެން އަންނަކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ތާއީދުކުރައްވަމުން އިކްރާމް ވިދާޅުވީ، އިޤުތިޞާދަށް ގެއްލުންވާވަރުގެ ކަމެއްކުރުމަކީ، އެއްވެސް ޙާލެއްގައި ޤަބޫލުކުރެއްވޭނެ ކަމެއްނޫންކަމަށާއި، ކޮރޯނާ ވައިރަހަކީ އެހާ ނުރައްކާތެރި ބައްޔެއްކަމުގައި ފާހަގަނުކުރެއްވޭކަމަށެވެ. މީގެ އިތުރުން، އިކްރާމް ވިދާޅުވީ އިޤުތިޞާދަށް ލޮޅުމެއްނާރާ، އިޤުތިޞާދު ހުއްޓުމަކަށް ނާންނާނެ ގޮތްތަަކަކީ ކޮބައިތޯބަލަންޖޭހޭ ކަމުގައެވެ.
ޖާބިރުގެ މި ކުއްލި މައްސަލައަށް ތާއީދުކޮށް މަޖިލީހުގެ ގިނަ މެންބަރުންތަކެއް ބަހުސްކުރައްވާފައިވާއިރު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މި މައްސަލައާއިގުޅޭ ގޮތުން ވިދާޅުވީ، ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ހުރިހައި ޤައުމުތަކަކުން ބިދޭސީންއައުން ހުއްޓާލަންޖެހޭކަމަށާއި، ހަމައެކަނި އިޓަލީ ނުވަތަ ޗައިނާއިން ފަތުރުވެރިންއައުން މަނާކުރިޔަކަސް، ބަލި ފެތުރުން ކޮންޓްރޯލްނުވާނެކަމަށެވެ.
”އިޓަލީން ބޯޓު ދޭ އިނގެރޭސިވިލާތަށް ޖަރުމަނަށް، ޔޫރަޕުގެ އެހެން ޤައުމުތަކަށް. އަދި ޔޫރަޕުގެ އެ ޤައުމުތަކުން ރާއްޖެއަށް މީހުން އާދޭ. އެހެންވީމަ ހުއްޓަލަންޏާ އެބަ ސާފުވޭ ހުއްޓާލަން މިޖެހެނީ މުޅި ހުރިހާކަމެއްކަން“ ރައީސް ނަޝީދު
ރައީސް ނަޝީދުގެ ވާހަކައަށް ތާއީދުކުރައްވަމުން، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވީ، ދިވެހިރާއްޖެއާއި ބޭރު ޤައުމުތަކާއި ދެމެދު ކުރެވޭ ދަތުރުފަތުރުތައް ހުއްޓުމަކަށް ގެނައުމަކީ، ބަލިން ރައްކާތެރިވުމަށްޓަކައި އެޅޭނެ އެންމެ އެދެވޭ ހަރުދަނާ ފިޔަވަޅުތަކާމެދު ސުވާލު އުފެދޭކަމަށެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ މިހުންއުޅޭ ރަށްތަކުގައި ގެސްޓުހައުސްގެ ވިޔަފާރި ފުޅާކޮށް ކުރަމުން އަންނަކަން ފާހަގަކުރައްވަމުން، ޝިފާއު ވިދާޅުވީ ކަންމިހެންހުރުމާއެކު ފަތުރުވެރިން ދިވެހިރާއްޖެއައުން ހުއްޓުވައިގެން ފަރުޖެހެންނެތް ކަމަށެވެ.
މިއަދު ޖަލްސާގައި ވާހަކަދެއްކެވި މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ވިދާޅުވީ ކޮރޯނާ ވައިރަހަކީ މާ ނުރައްކާތެރި ބައްޔެއްނޫންކަމަށާއި، މި ބަލި މާ ނުރައްކާތެރި ބައްޔެއްކަމަށް ހީވެގެން މި އުޅެނީ، މީސްމީޑިއާތަކުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ރިޕޯޓުކުރާތީކަމަށެވެ.
ރާއީގެ ވާހަކައަށް ތާއީދުކުރައްވާ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވެސް ވަނީ ވާހަކަދައްކަވާފައެވެ. މި ގޮތުން ޝަހީމް ވިދާޅުވީ، ގެއްލުމަކުން ރައްކާތެރިކަން ހޯދުމަށްޓަކައި، އެ އަށްވުރެ ބޮޑު ގެއްލުމަކާ ދިމާއަށް ދިއުމަކީ ބުއްދިވެރިގޮތެއްކަމުގައި ޤަބުލުނުކުރައްވާކަމުގައެވެ.
މީގެ އިތުރުން، ބާރަށު ދާއިރަގެ މެންބަރު އަޙްމަދު ޢަބްދުﷲ ވެސް ގޯސްކުރެއްވީ މީޑިއާއެވެ. އޭނާ ވިދާޅުވީ ކޮރޯނާ ވައިރަހަކީ ނުރައްކާތެރި ބައްޔެއްނޫންކަމަށާއި، އެންމެ ބޮޑަށް ވިސްނަންޖެހޭނީ ދިވެހިރާއްޖޭގެ އިޤުތިޞާދު ހިމާޔަތްކުރެއްވުމަށް ކަމަށެވެ. ހަމަ އެހެންމެ މިއަދުގެ ޖަލްސާގައި ވާހަކަދެއްކެވި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، މި އަހަރަކީ އެންމެ ބޮޑު ބަޖެޓް ކަނޑައެޅިފައިވާ އަހަރުކަމަށާއި އެހެންކަމުން ރައްޔިތުންގެ އުންމީދުތަކެއް ވެސް އެބަހުރިކަމަށެވެ. އަދި ޗައިނާއިންނާއި އިޓަލީން ފަތުރުވެރިންއައުން ހުއްޓާލުމުން 3.3 ޕަސެންޓު ބަޖެޓުން އުނިވާކަމަށާއި، އިޤުތިޞާދަށް އަންނަ ގޮންޖެހުންތަކާމެދު ވިސްނަންޖެހޭކަމަށެވެ.
”މިއީ އަޅުގަނޑުމެން ކަންބޮޑުވާންޖެހޭކަމެއް.. އޯކޭ.. އަޅުގަނޑުމެން ޞިއްޙަތަށް ވަރަށްބޮޑަށް ފަރުވާތެރިވާންޖެހޭނެ. އެހެންނަމަވެސް އަޅުގަނޑުމެންގެ 95 ޕަސެންޓު ބަރޯސާވަނީ ޓޫރިޒަމަށް. ޓޫރިޒަމަށް މި ލިބޭ ގެއްލުމަކީ އަޅުގަނޑުމެންނަށް ލިބޭ ގެއްލުމެއް“ ޝަރީފް
ޖާބިރުގެ މި ކުއްލި މައްސަލައާއި ދެކޮޅަށް ވާހަކަ ދެއްކެވި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، ބަލި އައިނަމަވެސް ކުރިއެކޭ އެއްގޮތަށް ފަތުރުވެރިން ގެނައުމަށް ޖާބިރު އެ ވިދާޅުވާ ވިދާޅުވުމަކީ ޤަބޫލުކުރެވޭ ހުއްޖަތެއް ނޫންކަމަށެވެ. މީގެ އިތުރުން، ޖާބިރުގެ ކުއްލި މައްސަލައާއި ދެކޮޅަށް ވާހަކަދެއްކެވި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ މިކަމުގައި ދިވެހިރާއްޖެއިން ވެސް އަޅާފައި ވަނީ އެހެނިހެން ޤައުމުތަކުން ވެސް އަޅަމުން އަންނަ ފިޔަވަޅުތައްކަމަށެވެ. ވީމާ ޖާބިރު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ސަބަބުން ރައްޔިތުންނަށް އޮޅުން އަރާނޭކަމަށެވެ.


One Response
ޝަހީމް ވާހަކަ ދެއްކީ ސްޓެޓިކްސް އަށް ޕްލީޒް ޑޯންޓް ސްޕރެޑް ހޭޓް