ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު، އެނބުރި އިޓަލީއަށްދިޔަ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ފަތުރުވެރިޔާ ދެ ދުވަސްވަންދެން މާލޭގައި ހުރިކަމަށާއި އޭނާއާއި ކޮންޓެކްޓްވި ސޯޅަ މީހަކު އެކަހެރިކޮށްފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ކޮރޯނާ ވައިރަހާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން، ސަރުކާރުގެ ސްޕޯކްސްޕާރސަން މަބްރޫކް ޢަޒީޒު ވިދާޅުވީ، ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި އިޓަލީ މީހާ މާގިރި ހޮޓެލްގައި ދެ ދުވަސްވވަންދެން މަޑުކުރިކަމަށެވެ.
މިމުއްދަތުގެ ތެރޭގައި އޭނާއާ ކޮންޓެކްޓްވި ކަމަށް ފާހަގަ ކުރެވުނު 15 މީހަކު އެކަހެރި ކުރެވުނު ކަމަށާއި ނަމަވެސް އަދި އޭގެން އެއްވެސް މީހެއްގެ ފަރާތުން ކޮވިޑް19 ގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން، ޔުނިވާސަލްގެ ޓިކެޓް އޮފީހަށް ގޮސް އެ ތަނުގެ މުވައްޒަފަކާއި ވެސް އޭނާ މުޢާމަލާތްކޮށްފައިވާއިރު. އާނާގެ ފަރާތުން ކޮވިޑް19 ގެ އަލާމާތްތައް ފެންނާތީ މިހާރު އޭނާ ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަންމުންދާ ކަމަށް ވިދާޅުވިއެވެ. އަދި މިއަދުގެ ވަގުތެއްގައި ތަހުލީލުތައް ކުރުމަށް ސާމްޕަލް ނެގޭނެ ކަމަށް ވިދާޅުވިއެވެ.
މީގެކުރިން ސަރުކާރުން ހާމަކޮށްފައިވަނީ، އިޓަލީއަށް އެނބުރިދިޔަ ބިދޭސީ މީހާ ޖުމްލަ 173 މީހަކާ އެކި ގޮތްގޮތުން ކޮންޓެކްޓްވިކަން ކޮންޓެކްޓް ޓްރޭސިންއިން ފާހަގަ ކުރެވިފައިވާކަމަށެވެ.
އިޓަލީއަށް އެނބުރިދިޔަ ފަތުރުވެރިޔާ ކުރެއްދޫގައި ޗުއްޓީ ހޭދަކޮށްފައިދިޔައިރު، އޭނާގެ ފަރާތުން، އެ ރިސޯޓުގެ ދެ މުވައްޒަފަކަށްވަނީ ބަލި ޖެހިފައެވެ. މަބްރޫކް ވިދާޅުވިގޮތުގައި އެ ދެމީހުންތިބީ ކަރަންޓީނުކޮށްފައިވާކަމަށާއި، ނަމަވެސް އެ ދެމީހުންގެ ހާލު ރަނގަޅުވަމުން އަންނަކަމަށެވެ.
މީގެ އިތުރުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ ބަޠަލާ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ އިޓަލީގެ ދެ ފަތުރުވެރިންކަމަށާއި، އެ ދެމީހުން ވެސް ކަރަންޓީނުކޮށްފައިވާކަމަށާއި، އެ ދެމީހުންގެ ހާލު ވެސް ރަނގަޅުވަމުން އަންނަ ކަމުގައި މަބްރޫކް ވިދާޅުވިއެވެ.

