ކުރެއްދޫ ރިސޯޓުން ފުރައިގެން ދިޔަ ފަހުން، ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި މީހާ އެއާޕޯޓަށް ފުރަން ގޮސް ނުފުރިގެން، މާލޭ މާގިރި ހޮޓަލަށް ދިޔަ ކަމަށާއި ޔުނިވާސަލްގެ ޓިކެޓިން އޮފީހަކަށް ދިޔަ މައްސަލައިގެ އިތުރުން، އޭނާއަށް ވައިރަސް ޖެހިފައިވާކަން ނޭނގުނީ ކީއްވެގެންކަން ބަލަމުން އަންނަ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ޗައިނާއިން އުފަންވެ، ދުނިޔޭގެ އެތައް ގައުމެއްގައި ބާރު ސްޕީޑެއްގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގެ ހަތަރު ކޭސްއެއް ރާއްޖެއިން ވަނީ ފެނިފައެެވެ. އޭގެ ތެރޭގައި ހިމެނެނީ ބަތަލާ އައިލޭންޑް ރިސޯޓުގެ ދެ ފަތުރުވެރިންނެވެ. އަދި ޅ. ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް ދިޔަ ފަތުރުވެރިއެއް ޕޮޒިޓިވްވެ އެކަން އޭނާ އެންގުމާއި އެކު އެޗްޕީއޭއިން ވަނީ ކުރެއްދޫ އެކީ ލޮކްޑައުންކޮށް އެ ރަށަށް އަރާފޭބުން މަނާކޮށްފައެވެ. ކުރެއްދޫ ކޭސްއާއި ގުޅިގެން، ފަތުރުވެރިއާއި ކޮންޓެކްޓުވީ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިޔަށްދާއިރު އޭނާއަށް ހިދުމަތްދިން ދެ ސްޓާފެއް ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ. އަދި ތަނުގެ ސްޓާފުން ވަނީ ކޮޓަރިން ނުނިކުމެވޭހެން ހޯމް އައިސޮލޭޝަންގައެވެ. އަދި ކުރެއްދޫގެ ކޭސް ފާހަގަވުމުގެ ކުރިން ރަށުން ބޭރަށް ދިޔަ މީހުންވެސް ވަނީ އެ މީހުންގެ ގޭގައި ކަރަންޓީންކޮށްފައެވެ. އޭގެ ތެރެއިން ވައިރަހުގެ އަލާމާތްތަކާއި އެކު، ށ. ފޯކައިދޫގައި ހުރި މީހަކު ވަނީ ކަރަންޓީން ކުރެވިފައެވެ.
އިޓަލީގެ ފަތުރުވެރިޔާ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެ އޭނާއަށް ފުރުނު ގޮތާއި ގުޅޭގޮތުން ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. ސަރުކާރާއި އެޗްޕީއޭ ގުޅިގެން ސިލްސިލާކޮށް ކުރިޔަށް ގެންދާ ނޫސްވެރިންގެ ބަައްދަލުވުމުގައި މީޑިއާތަކުން ވެސް ވަނީ އެކަމާއި ބެހޭ ގޮތުން ސުވާލު އުފައްދާފައެވެ. މިއީ ރިސޯޓަށް އެނގިހުރެ ހިނގައިދިޔަ ކަމެއްތޯ ނުވަތަ ނޫންތޯ އާއި އޭނާ މާގިރީގައި ދެ ދުވަސް ވަން ދެން މަޑުކުރަންޖެހުނީ ކީއްވެގެންކަން ސުވާލު އުފެދެއެވެ.
އިޓަލީ މީހާ ޖުމްލަ 173 މީހަކާ އެކި ގޮތްގޮތުން ކޮންޓެކްޓްވިކަން ކޮންޓެކްޓް ޓްރޭސިންއިން ވަނީ ފާހަގަކުރެވިފައެވެ.
https://www.facebook.com/SanguTelevision/videos/235573107568502/?__xts__[0]=68.ARBTtfbL3aUzMnOPaCeCDLsYHkonhEVKil03UIP8zm5tzRaOBoWJ1WL-V5Oeu3ttiiHJ1OEQxnSIY-nkyVr9tjRs4skvOLf_Gm42zBE_IG61rF8LSTcKfkRhz-qYCtbmD57iXiK2Q8uXJWEe26h6Z-5InSLpRRkOfoXLpH3MJ1YYhUo3JOfuQ84kcC8wRuBpsannx9WKllmAohy_XkBxBCdm1EtZW2gr7QkYcoIzLQAt558DJAoCbkHox8NtE_5OUIcjMM7P8IaQCmPg8C6f485jqBrxJCxhWi5977xIonqJnBwIFt77GqLaiTubxgZb2kEcnsVlPZuKnmTcg9WQUe16S70gPvg-zAytFA&__tn__=-R
މަބްރޫކް ވިދާޅުވީ، މާލެ އައުމަށްފަހު އޭނާ ޓިކެޓު ބަދަލު ކުރުމަށް ޔުނިވާސަލްއަށް ދިޔަ ކަމަށެވެ. އަދި އެތަނުން އޭނާއާއި ކޮންޓެކްޓު ވީ އެންމެ މީހަކާއި ކަމަށާއި، އޭނާގެ ފަރާތުން ކޮންމެވެސް ވަރަކަށް އަލާމާތްތައް ފެންނާތީ ފަރުކޮޅުފުއްޓަށް ގެންދެވިފައިވާ ކަމަށެވެ. މަބްރޫކް ވިދާޅުވީ އޭނާ މާލޭގައި ދެ ދުވަހު މަޑުކުރި އިރު އެކަން ކަމާބެހޭ ފަރާތްތަކަށް ނޭނގި އޮތް ސަބަބު ސާފުކުރަމުން އަންނަ ކަމަށެވެ. އަދި އެކަން ހިނގައި ދިޔަ ގޮތް ސާފުކޮށް، އެކަމާ ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން ސަރުކާރުން ތައްޔާރަށް އޮތް ކަމަށެވެ.
ކުރެއްދޫގެ ފަތުރުވެރިޔާ ބައްޔަށް ޕޮޒިޓިވްކަން ރިސޯޓަށް އެނގިފައިވޭތޯ އާއި، އަދި އެނގިހުރެ އޭނާގެ މައުލޫމާތު ފޮރުވީތޯ ނުވަތަ އެޗްޕީއޭއަށް ބަލި ފަތުރުވެރިއަކު ކުރެއްދޫގައި އެބަހުރިކަން އެނގޭތޯ ”ސަންގު“ އިން ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ ތަހުގީގު ދަނީ ކުރިޔަށް ކަމަށެވެ. އެހެން ކަމުން، އެކަމުގެ ހަގީގަތް ބެލުމަށްފަހު ވީހާވެސް އަވަހަށް މީޑިއާތަކާއި ހިއްސާ ކުރާނެ ކަމަށެވެ. އަދި އެޗްޕީއޭއަށް ކުރެއްދޫގައި އޭނާ ހުރިކަން އެނގިފައި ނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި ހުރި ސްކްރީނިން ޕްރޮސެސްއަކީ މުޅި އޭޝިއާ ސަރަހައްދުގެ ވެސް އެންމެ ވަރުގަދަ ސްކްރީން ސިސްޓަމްކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް، އިޓަލީ މީހާއަށް އެތެރެވެވުނު ގޮތާއި، އަދި އޭނާ ފުރައިގެން ދިޔައިރުވެސް އެއްވެސް ކަމެއް ފާހަގަނުވި މައްސަލަ ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމްގެ ވިޔަފާރި ހިންގާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ކުރެއްދޫ މިހާރު އޮތީ 1،300 އަށް ވުރެ ގިނަ މީހުންނާ އެކު ކަރަންޓީންކޮށްފަ އެވެ. އޭގެ ތެރޭގައި 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި، އިމާރާތްކުރުމުގެ މަސައްކަތަށް ގޮސް ތިބި އެހެން ކުންފުންޏެއްގެ ބިދޭސީންނާ އެކު 420 ބިދޭސީ މުވައްޒަފުން އެބަތިއްބެވެ.

