އުޑުމަތިން މި ފެންނަ ހިތްގައިމު މަންޒަރަކީ 2028 ވަނަ އަހަރާ ހަމައަށް ދެން ތަކުރާރު ނުވާނެ ފަދަ ތަފާތު މަންޒަރެކެވެ.
މި މަހުގެ 30 ވަނަ ދުވަހު އުޑުމަތިން ނުފެންނަ ފަދަ ނާދިރު ”ބްލޫ މޫން“ (Blue Moon) އެއް ފެންނަން ފަށާނެއެވެ. މިއީ މި ހިނގާ މޭ މަހުގެ ތެރޭގައި ފުރިހަމަވާ ދެވަނަ ހަނދެވެ. އެއް މީލާދީ މަހެއްގެ ތެރޭގައި ދެ ފަހަރަށް ހަނދު ފުރިހަމަވުމަކީ 2023 ވަނަ އަހަރުގެ އޯގަސްޓް މަހަށްފަހު ފުރަތަމަ ފަހަރަށް ފެންނަ މަންޒަރެކެވެ.
ނަމަވެސް، މި ފަހަރުގެ މި މަންޒަރަކީ ހަމައެކަނި ހަނދުގެ ފުރިހަމަކަން އެކަންޏެއް ނޫނެވެ. އިރުއޮއްސޭ ވަގުތު ހުޅަނގު ފަރާތު އުދަރެހުން ވީނަސް އާއި ޖުޕިޓަރ އެތުރިފައިވާތީ ފެންނާނެއެވެ. އަދި ފަތިސްވުމުގެ ކުރިން އިރުމަތީ ފަރާތުން ޕްލެނެޓް މާސް އާއި ސެޓަރން އަރަމުންދާ ތަން ފެންނާނެއެވެ. މީގެ އިތުރުން މާކަރީ ވެސް ހުޅަނގު ފަރާތުގެ މި ބަރިއާ ގުޅޭނެއެވެ.
ހަތަރު ޕްލެނެޓާއި، ”ބްލޫ މޫން“ އެއް އުޑުމަތިން އެކީގައި ފެނިގެންދާނެއެވެ. މި ހަނދުގެ އެންމެ ތަފާތު ސިފައަކީ، މިއީ މުޅި މި އަހަރުގެ ތެރޭގައި ވެސް ފެންނާނެ އެންމެ ކުޑަ ހަނދަށް ވުމެވެ. މި ވަގުތު ހަނދު ހުންނާނީ ދުނިޔެއާ އެންމެ ދުރު ހިސާބުގައެވެ. އެއީ ގާތްގަނޑަކަށް 252,360 މޭލު ދުރުގައެވެ. އެހެންކަމުން، މިއީ އެއްފަހަރާ ފެންނަ ”މައިކްރޯ މޫން“ އެކެވެ. ”ބްލޫ މޫން“ އެކެވެ. އަދި ޕްލެނެޓްތަކުގެ ސަފެކެވެ.
މޭ މަހުގެ 30 ވަނަ ދުވަހު ހަނދު ފެންނާނީ ”ސްކޯޕިއަސް“ ތަރިބައިގައި ހިމެނޭ ރަތްކުލައިގެ ”އެންޓަރެސް“ ތަރިއާ ވަރަށް ކައިރިންނެވެ. ޕްލެނެޓްތައް އެންމެ ރީތިކޮށް ބަލާލުމަށްޓަކައި، އިރުއޮއްސޭތާ 30 ނުވަތަ 45 މިނެޓު ފަހުން ހުޅަނގު ފަރާތަށް ބަލާށެވެ. އަދި އިރުމަތިން މާސް އާއި ސެޓަރން ބަލާލަން ބޭނުންނަމަ ފަތިސްވުމުގެ ކުރިން ހޭލަންވާނެއެވެ.
”ބްލޫ މޫން“ އޭ ކިޔުނު ނަމަވެސް، ހަނދުގެ ކުލަ ނޫކުލައަކަށް ބަދަލެއް ނުވާނެއެވެ. އެއީ ކަލަންޑަރުގައި ހަނދު ފުރިހަމަވާ ގޮތަށް ނިސްބަތްކޮށް ކިޔާ ނަމެކެވެ. މިފަދަ ހިތްގައިމު ކައުނީ މަންޒަރެއް ދެން ފެންނާނީ 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

