ދުނިގޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް ރާއްޖެއިން ޕޮޒިޓިވް ވި ހަތަރު މީހުންގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަކަމަށާއި، ކަންބޮޑުވާންޖެހޭ ސީރިއަސް މައްސަލައެއް އެ މީހުންގެ ފަރާތުން ފާހަގަވެފައި ނުވާކަމަށް ވައިރަސްއާއި ގުޅޭގޮތުން މީޑީއާތަކަށް މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ، ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް ދިޔަ ފަތުރުވެރިއަކާއި ކޮންޓެކްޓު ވީ ދެ މީހުންނެވެ. ކުރެއްދޫ އައިލޭންޑުން އެންމެ ފުރަތަމަ ކޮރޯނާ ވައިރަސް ފެނުނުއިރު އޭނާ ރާއްޖޭގައި ހުރިއިރު އެފަދަ އެއްވެސް ކަމެއް ފާހަގައެއް ނުކުރެވެއެވެ. އަދި އޭނާ ރިސޯޓުގައި ހުރިއިރު، ވައިރަހުގެ އަސަރެއް ހުރިކަން ރިސޯޓަށް އެނގިފައިވޭތޯ އާއި އެއީ ގަސްތުގައި ރިޕޯޓު ނުކުރި ކޭސްއެއްތޯ ބެލުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. ކުރެއްދޫގައި މިވަގުތު، ތަނުގެ ސްޓާފުންނާއި އެކު މުޅި ރަށް ވަނީ އެކީ އަރާ ފޭބުން މަނާކޮށް ލޮކްޑައުންކޮށްފައެވެ. އެ ރަށުގައި މި ވަގުތު 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މުވައްޒަފުން އެބަ ތިއްބެވެ. ޓޫރިސްޓުންގެ ތެރޭގައި 11 އިޓަލީގެ މީހަކު ހިމެނެ އެވެ. ށ. ފޯކައިދޫގައި ހުރި ކުރެއްދޫ ރިސޯޓްގެ ދިވެހި މުވައްޒަފަކު، ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭތީ އޭނާ ކަރަންޓީނު ކުރުމަށް ފަރުކޮޅުފުއްޓަށް ވަނީ ގެންގޮސްފަ އެވެ. އަދި، ފޯކައިދޫގައި އިތުރު ނުވަ މީހަކު ވަނީ އެކަހެރިކޮށްފަ އެވެ. އަދި ކުރެއްދޫއިން ރަށަށް ދިޔަ ޅ. ހިންނަވަރު މީހަކުވެސް ވަނީ ހޯމް ކަރަންޓީންކޮށްފައެވެ.
ދެން ވައިރަސްއަށް ޕޮޒިޓިވް ވެފައިވަނީ، ބަތަލާ އައިލޭންޑު ރިސޯޓުންނެވެ. އެއީ އެ ރިސޯޓަށް ޗުއްޓީ ހޭދަކުރުމަށް އައި ދެ ފަތުރުވެރިންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކު ވިދާޅުވީ ހަތަރު މީހުންނަށް ސިއްހީ ހުރިހާ ހިދުމަތަކާއި ފަރުވާއެއް ފޯރުކޮށްދެމުންދާ ކަމަށާއި އެމީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.
މިހާރު ކޮރޯނާ ވައިރަސް އެންމެ ގަދައަށް ފެތުރެމުންދާ އެއް ގައުމަކީ އިޓަލީ އެވެ. އެހެންވެ ސަރުކާރުން ވަނީ އިޓަލީއިން ރާއްޖެއަށް މީހުން އައުން މަނާކޮށްފަ އެވެ. މިހާރު ރާއްޖޭގައި ތިބި އިޓަލީ މީހުން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

