”އެމްވީ ކްރައިސިސް“ގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް އަދި ޓްވިޓާގައި ދައުލަތުގެ ސިއްރު މައުލޫމާތުތައް ހާމަ ކުރަމުންދާ ކަމުގެ ތުހުމަތުގައި އަހުމަދު އަޝްރަފު، ނުވަތަ މަޝްހޫރު ނަމުން ނަމަ ”ޝުންބާ ގޮންގް“ ގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން އަތުލައިފިއެވެ.
ޝުމްގާ ފުލުހުންގެ އިދާރާއަށް ގެންގޮސް ފޯނު އަތުލާފައިވަނީ، މިރޭ ދަރުބާރު ގޭގައި ކޮރޯނާ ވައިރަސްއާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހުއެވެ. އެނގިފައިވާގޮތުގައި ޝުމްބާއަކީ ރާއްޖޭގައި ދާދިފަހުން އަލަށް ރެޖިސްޓްރީކޮށް ހިންގަން ފެށި މީޑިއާއެއްގެ ނޫސްވެރިކަމުގެ ކާޑު އޮންނަ ފަރާތެކެވެ.
ކޯޓު އަމުރުގައި ވާގޮތުން، އެމްވީ ކްރައިސިސް ހިންގާކަމަށް ތުހުމަތު ކުރެވެނީ ޝުމްބާއަށެވެ. އަދި ތުހުމަތަށް ހެކި ލިބެނީ އޭގައި ކޮށްފައިވާ ޕޯސްޓްތަކުންނާއި ”އިންޓެލް ރިޕޯޓުން“ ކަމަށް އަމުރުގައި ބުނެފައިވެއެވެ. ކޯޓު އަމުރުގައި ވަނީ ޝުމްބާ ބޭނުންކުރާ ކުރާ ފޯނުތަކާއި ސިމްކާޑްތަކާއި މެމޮރީކާޑްތަކާއި އޭގައި ހުރި ހުރިހާ ޑޭޓާއަކާއި ހުރިހާ މުއާމަލާތްތަކެއް ހޯދުމަށެވެ.
އެމްވީ ކްރައިސިސް ފާހަގަކުރެވިފައިވަނީ ރާއްޖޭގައި ހިނގާ ބޮޑެތި ހާދިސާތައް ބްރޭކިން ނިއުސްގެ ގޮތުގައި ގެނެސްދޭ ގްރޫޕެއްގެ ގޮތުގައެވެ. މާލެ ވޯޓާ ކްރައިސިސް ދުވަސްވަރާއި ދިމާކޮށް އުފެދުނު އެ ގްރޫޕަކީ ރާއްޖޭގައި މިވަގަތު އެންމެ ގިނަ ބަޔަކު ސަބްސްކްރައިބްކޮށްފައިވާ ގްރޫޕެވެ. މި ގްރޫޕުގައި ތަފާތު އެކި ކަންތަކާއި ގުޅޭ މައުލޫމާތުތައް ބްރޭކްކުރެެއެވެ. އަދި ބައެއް މީހުން ފޮނުވާ މައުލޫމާތުތައް ވެސް އެ ގްރޫޕުގައި ގެނެސްދެއެވެ.
ކޮރޯނާ ވައިރަސް ދުނިޔެއަށް ފެތުރި، ރާއްޖެއިން ވެސް ފިޔަވަޅުތަކެއް އަޅަންފެށި ހިސާބުމުން އެމްވީ ކްރައިސިސްއިން ގިނަ ވާހަކަތަކެއް އެ ގްރޫޕުގައި އަޕްޑޭޓުކޮށްފައިވެއެވެ. އެގޮތުން ބައެއް މީހުން މާލޭން ކަރަންޓީން ކުރާ ވާހަކަތަކާއި، އެކެހެރި ކުރުމުގެ ވާހަކަތައް ހިއްސާ ނުކުރާކަމަށް އައީ ބުނަމުންނެވެ. އެއަށްފަހު ރާއްޖެއިން ކޮރޯނާގެ ކޭސްތަކެއް ފެނުމާއި އެކު ވެސް މައުލޫމާތުތައް ސިއްރު ކުރަނީކަމަށް ބުނެ ތަފާތު ވާހަކަތަކެއް ޓްވީޓުކޮށްފައިވެއެވެ.
އެމްވީ ކްރައިސިސްއިން ފަތުރަނީ ދޮގު މައުލޫމާތުތަކެއްކަމަށް ބުނެ، ބައެއް މީހުން އައީ ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. އަދި ބައެއް މީހުން ދަނީ އެމްވީ ކްރައިސިސްގައި ހިއްސާ ކުރާ ވާހަކަތައް ގަބޫލުކޮށް ސަރުކާރަށް ފާޑުވެސް ކިޔަމުންނެވެ.
އެމްވީ ކްރައިސިސް ހިންގަނީ ޝުމްބާކަމަށް ތުހުމަތުކުރާއިރު، އޭނާ މީގެއިން އެއްވެސް ވާހަކައަކަށް އެއްބަސްވެފައި ނުވެއެވެ.އަދި އޭނާ ބުނާގޮތުން އެމްވީ ކްރައިސިސް ހިންގަނީ އޭނާއެއް ނޫނެވެ.

