ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިމަބިހީގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް ވެކްސިން ދިނުމުގެ ހަރަކާތެއް ފަށަނީ

ފޮޓޯ: އިންޓަނެޓް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއް ފެނުމާ ގުޅިގެން، ބަލިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ މީހުންނަށް އަމާޒުކޮށްގެން ޚާއްޞަ ވެކްސިން ކެމްޕޭނެއް ފެށުމަށް ހަމަޖެހިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ 9 ކޭސް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރެއިން 5 ވޭދަނައެއްގެ ތަހުގީގު މިހާރުވެސް އަންނަނީ ކުރަމުންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރު ފެނުނު ކޭސްތަކާ ގުޅިގެން 128 އަށް ވުރެ ގިނަ ކޮންޓެކްޓުން ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި ދެ މީހަކު ހިމެނޭއިރު، ފާއިތުވި މޭއި މަހުގެ ތެރޭގައި އެކަނިވެސް މާލޭ ސަރަހައްދުން 6 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. މި ފަރާތްތައް ޓެސްޓުކޮށް ވެކްސިން ދިނުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.

ރާއްޖެއިން ހިމަބިހި ނައްތާލެވިފައި އޮތް އޮތުން ދެމެހެއްޓުމަށްޓަކައި، ކުރިއަށް އޮތް ދުވަސްތަކުގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކޮށް ތިބި އެންމެހާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ފަށާނެއެވެ. އެޗްޕީއޭއިން ބުނިގޮތުގައި މި ކެމްޕޭނަށް ބޭނުންވާ ވެކްސިން ރާއްޖެއިން ބޭރުން ގެނައުމުގެ އިދާރީ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. އަދި ވެކްސިން ޖެހިކަމުގެ ޔަގީން ލިޔެކިޔުމެއް ނެތް ނަމަ، އެންމެ ރައްކާތެރި ގޮތަކީ އަލުން ދެ ޑޯޒް ފުރިހަމަކުރުން ކަމަށް އެ އެޖެންސީން ލަފާދެއެވެ.

ވެކްސިންގެ ސަބަބުން ބަލީގެ ނުރައްކާ ކުޑަވެ ފުރާނައަށް ގެއްލުންވުމުން ސަލާމަތްކޮށްދޭކަން ފާހަގަކުރަމުން އެޗްޕީއޭއިން ބުނީ، ”ދާއިމީ ބަލިތަކަށް ފަރުވާކުރާ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުން މި ބައްޔަށް ވަކިން ޚާއްޞަކޮށް ސަމާލުވާންޖެހޭނެ“ ކަމަށެވެ. ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހަމުގައި ރަތް ބިހިތަކެއް ނެގުމާއި، ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ހިމެނެއެވެ.

ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ފަރުވާ ހޯދަންދާއިރު މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ތިބުމަށްވެސް ވަނީ އަންގާފައެވެ. މީސަލްސްއަކީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔަކަށް ވާއިރު، 2026 ވަނަ އަހަރު ގިނަ ޤައުމުތަކެއްގައި މި ބަލި އިތުރުވެފައިވާކަން ބައިނަލްއަގުވާމީ ރިޕޯޓްތަކުން ދައްކައެވެ.

ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލާފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެއް ނަމަވެސް، އޭގެ ފަހުން 2020 އަދި 2023 ވަނަ އަހަރުވެސް މި ބަލީގެ ކޭސްތަކެއް ވަނީ ފެނިފައެވެ. އެހެންކަމުން، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ވެކްސިން ފުރިހަމަކުރުމަށާއި ސިއްހީ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ކަމާބެހޭ ފަރާތްތަކުން އެދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: