ކޮމަންވެލްތުގައި ރާއްޖެއިން އަދާކުރާ ދައުރު މިހާރަށްވުރެ ފުޅާކޮށް، އެ ޖަމިއްޔާއާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ބެރޮނެސް ޕެޓްރިޝިއާ ސްކޮޓްލޭންޑާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
ލަންޑަންގައި ހުންނަ ކޮމަންވެލްތުގެ މައި މަރުކަޒު، މާލްބަރޯ ހައުސްގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު އިރުތިޝާމް ވަނީ ރާއްޖެއާއި ކޮމަންވެލްތާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މި ބައްދަލުވުމަކީ ދެފަރާތުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.
މި ބައްދަލުކުރެއްވުމުގައި ސެކްރެޓަރީ ޖެނެރަލް ޕެޓްރިޝިއާ ސްކޮޓްލޭންޑް ދެއްކެވި ވާހަކަފުޅުގައި، ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ ތެރެއިން ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެ ގައުމުތަކުން އިސްކަންދޭ މުހިންމު ކަންކަމުގައި ރާއްޖެއިން އަދާކުރާ އިސް ދައުރު ބަލައިގަންނަ ކަމަށް ވިދާޅުވިއެވެ. އަދި މިނިސްޓަރު އިރުތިޝާމަށް މާލްބަރޯ ހައުސްއިން އަލުން މަރުހަބާ ދެންނެވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށާއި، ކޮމަންވެލްތުގެ މަސައްކަތްތަކުގައި ރާއްޖެއިން ދޭ އަހައްމިއްޔަތުކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން މިނިސްޓަރު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއިން ކޮމަންވެލްތާ އޮންނަ ގުޅުމަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ. އަދި އެ ޖަމިއްޔާގެ އަސާސްތައް ދެމެހެއްޓުމުގައި ރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.
މީގެއިތުރުން، ކުރިއަށް އޮތް އަހަރުތަކުގައި ކޮމަންވެލްތުގެ ތެރޭގައި ރާއްޖޭގެ ހަރަކާތްތެރިކަން މިހާރަށްވުރެ ފުޅާކޮށް، މުހިންމު ދައުރެއް އަދާކުރުމަކީ ރާއްޖޭގެ ބޮޑު އުންމީދެއް ކަމަށް ވެސް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

