ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުކުރީ އެމްޑީޕީއިން ކަމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
ހަމްދާން މިހެން ވިދާޅުވީ، ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުރުމުގެ ވިސްނުމާއި ބުއްދި ހުރީ ހަމައެކަނި އެމްޑީޕީގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ.
ހަމްދާން ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ދަރަނި ޖީޑީޕީގެ 55 އިންސައްތައިގައި އޮއްވައި، އެ އަދަދު 97 އިންސައްތައަށް ވުރެ މައްޗަށް ވަނީ އަރުވާލާފައެވެ. އަދި 2011 ވަނަ އަހަރު 3.5 އިންސައްތައިގައި ޖީއެސްޓީ ތައާރަފްކޮށް، ހަމަ އެ އަހަރުގެ ތެރޭގައި އެ ޓެކްސް 6 އިންސައްތައަށް ބޮޑުކުރި ކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެމްޑީޕީގެ ދެވަނަ ދައުރުގައި ދަރަންޏަށް އިތުރު 77 ބިލިއަން ރުފިޔާ އިތުރުކޮށް، ޖީއެސްޓީ 8 އިންސައްތައަށް ބޮޑުކުރި ކަމަށްވެސް ހަމްދާން ވިދާޅުވިއެވެ. ރައްޔިތުންގެ މެދުގައި އަދިވެސް ރައީސް ނަޝީދުގެ ވެރިކަމުގެ ”ހިތި ހަނދާންތައް“ އެބަހުރި ކަމަށް ވިދާޅުވެ، އޭނާ ވަނީ އެމްޑީޕީގެ އިގްތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ރައީސް ނަޝީދު މި ވާހަކަފުޅު ދައްކަވާފައިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕެއިނަށް ކ. މާފުށްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. އެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންވަރަށްވުރެ ގައުމުގެ ދަރަނި އުފުލިފައިވާ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕެއިންގައި ރައީސް ނަޝީދު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި، މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ވެސް ދަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

