ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ކަނޑައެޅިފައިވާ ދުވަހަށް ބޭއްވުމަސް އެމްޑީޕީގެ މެންބަރުން ގޮވާލައްވައިފިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ބާތިލުވާ ގޮތް ބަދަލު ކުރަން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ބިލަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ވާހަކަދެއްކެވި އެމްޑީޕީގެ ބައެއް މެންބަރުންވަނީ، އިންތިޚާބު ބާއްވަން ކަނޑައެޅިފައި އޮތް ދުވަހަށް ބާއްވަން ތާއީދުކުރައްވައި ވާހަކަދައްކަވާފައެވެ. ހަމަ އެހެންމެ އިންތިޚާބު ފަސްކުރަންޖެހޭ އެއްވެސް ސަބަބެއްނެތްކަމަށް ވިދާޅުވެފައެވެ.
މި ގޮތުން، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު (ހަސަންޓޭ) ވިދާޅުވީ އިންތިޚާބު ބާއްވަން ކަނޑައެޅިފައިވާ ތާރީޚުގައި އިންތިޚާބު ނުބާއްވައިފިނަމަ ޤައުމަށް ހަމަޖެހުމެއް ލިބެންނެތްކަމަށާއި، ޤައުމަކަށް ކުރިމަތިލާންޖެހޭނެ އެންމެބޮޑު އެއްގެއްލުމަކީ ޑިމޮކްރެޓިކް އިންތިޚާބުތައް ފަސް ކުރުންކަމަށެވެ.
”މިއަދު މި ގައުމުގައި މި އޮތް ހާލަތަށް ބަލާއިރު އިންތިހާބު ފަސް ކުރަން ޖެހޭނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. ކުރިއަށް ގޮސް މި އިންތިހާބު ނިންމާފައި އަޅުގަނޑުމެން މި ގައުމަށް ހަމަޖެހުން ގެނެސް ގައުމުގެ ތަރައްގީއައިގެން ކުރިއަށް ދާންވީ، އެ ގޮތަށް ކަންކުރަން އަޅުގަނޑު ގޮވާލަން،“ ޙަސަން އަޙްމަދު
މި ބިލަށް ވާހަކަދެއްކެވި، ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން (ގިޓާ) ވެސް ވިދާޅުވީ، އިންތިޚާބު ބާއްވަން ކަނޑައެޅިފައިވާ ތާރީޚަށް އިންތިޚާބު ބާއްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރަންޖެހޭ ކަމަށެވެ. މީގެ އިތުރުން، ޝިޔާން ވިދާޅުވީ އިންތިޚާބު ލަސްކުރަން އިިދިކޮޅު ފަރާތްތަކުން ބޭނުންވާކަމަށާއި، އިންތިޚާބު ލަސްކުރުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށެވެ.
”އިންތިޚާބު ފަސްކުރުމަކީ އޭގެ ސަބަބުން މުޅި ޤައުމަށް އޭގެ ނުރައްކާތެރިކަން ކުރިމަތިވާނެކަމެއް، މި ބަލިމަޑުކަން އިތުރަށް ފެތުރެން ދިމާވާނެ އެއް ސަބަބު،“ ޝިޔާން
މީގެ އިތުރުން، ޝިޔާން ވިދާޅުވީ މުޅި ޤައުމު ހުއްޓުވައިގެން މި ކަން ވާކަށްނެތްކަމަށާއި، މުޅި ޤައުމު ހުއްޓުވައިފިނަމަ ޤައުމު ބަނޑަށްޖެހިދާނެކަމަށާއި، ބަންދުކޮށްގެން ޤައުމެއް ނުހިންގޭނެކަމަށެވެ.
މިއަދު ހުށަހެޅުނު ބިލަށް ބަހުސްކުރެއްވި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް ވިދާޅުވީ، އަންނަމަހު ހަތަރުވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވަކަމަށާއި، މިއި ޤައުމަށް އޮތް އެންމެ ރަނގަޅު ގޮތްކަމަށެވެ.

