ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމަށް ދިމާވާ ކޮންމެ ނުރައްކާތެރި ދަނޑިވަޅެއްގައި ތައްޔާރަށް ތިބޭ ބަޔަކީ ސްކައުޓުން: ރައީސް

ދިވެހި ރާއްޖޭގެ ރައިސުލް ޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް، ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ރައިސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމަށް ދިމާވި ކޮންމެ ނުރައްކާތެރި ދަނޑިވަޅެއްގައި އެއްވެސް ޖެހިލުމެއްނެތި ގައުމީ ކަންކަމުގައި އަބަދުވެސް ތައްޔާރަށް ތިބޭނޭ އެއްބަޔަކީ ސްކައުޓުންކަން ސުނާމީގެ ހާދިސާއިން ވަނީ ސާބިތުކޮށްދީފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ރަސްމީކޮށް ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައި ދެއްވި ހިތޯބެއްގައެވެ.

ރައީސްގެ ހިތޯބުގައި ވިދާޅުވީ ސްކައުޓް ހަރަކާތަކީ އެކަކު އަނެކަކަށް އަޅައިލައި އެހީތެރިވުމުގެ މައްޗަށް ބިނާވެފައިވާ ހަރަކާތެއް ކަމަށެވެ. މި ހަރަކާތުން ރަމްޒުކޮށްދެނީ ނަފްސު އިސްލާހުކުރުމާއި، ރިވެތި އަޚްލާގުގެ ބިންގަލުގެ މަތީގައި އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޒިންމާދާރު ޖީލެއް ބޮޑުވަމުންދާ އަމަލީ ތަރުބިއްޔަތުގެ މައިދާނެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ މެދުގައި އޮންނަ ޖޯގުރަފީ ދުރުމިން ކައިރިކޮށް، އެއްބައިވަންތަކަމުގެ ވަރުގަދަ ފާލަމަކުން ދިވެހި ޒުވާނުން ގުޅުވައިދޭ ބާރަކީ ސްކައުޓް ހަރަކާތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮންމެ ސްކައުޓެއްގެ ކިބައިން ފެންނަ ހިތްވަރާއި އެހީތެރިވުމުގެ މާތް ސިފައަކީ ކާބަފައިންގެ ކިބައިން ވާރުތަވެފައިވާ އިހްތިރާމް ކުރުމުގެ ރީތި މިސާލެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިއީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެއް ކަމަށެވެ. 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާ ފަދަ ގައުމީ ބޮޑެތި ކަންކަމުގައި ސްކައުޓުން ދައްކުވައިދީފައިވަނީ ހިލޭސާބަހަށް ހިދުމަތް ކުރުމާއި، އިސްނެގުމާއި، ހިންގުންތެރިކަމުގެ ހަރުދަނާ ނަމޫނާއެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސްގެ އަމިއްލަ ތަޖުރިބާ ހިއްސާކުރައްވަމުން ވިދާޅުވީ، ”އަޅުގަނޑުގެވެސް ތައުލީމީ ހަޔާތުގައި ސްކައުޓް ހަރަކާތުން ލިބުނު ހުނަރާއި ތަޖުރިބާއަކީ، އަޅުގަނޑު އެޅި ކޮންމެ ފިޔަވަޅެއްގައި އަޅުގަނޑަށް މަގު ދައްކައިދިން ކަންކަމެވެ.“ ކަބް ސްކައުޓް މޮޓޯ ކަމަށްވާ ”ޑޫ ޔުއަރ ބެސްޓް“ އަދި ސްކައުޓް މޮޓޯ ”ބީ ޕްރިޕެއަރޑް“ އަކީ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އަށަގެންނެވި ތަޖުރިބާތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިތޯބު ނިންމަވާލައްވަމުން ރައީސް ވަނީ ރާއްޖޭގެ ސްކައުޓް ހަރަކާތްތައް އިތުރަށް ފުޅާކުރުމަށް ސްކައުޓް އެސޯސިއޭޝަނުން ކުރާ މަސައްކަތްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި ސްކައުޓް ހަރަކާތަކީ އޭގެ އަސްލާ އެއްގޮތަށް ކުރިއަށް ގެންދަންޖެހޭ މުހިންމު ހަރަކާތެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: