ކޮވިޑް-19 ވައިރަސްގެ އަލާމާތްތަކެއް ފެނިގެން އެކަހެރިކުރި އެމިރޭޓްސްގެ ޓިކެޓް އޮފީހުގެ މުވައްޒަފާއި ށ. ފޯކައިދޫން، ފަރުކޮޅު ފުއްޓަށް ކުރެއްދޫ މުވައްޒަފު، ކޮރޯނާއަށް ނެގެޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރަމުން އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސާމްޕަލް ނެގި ތިން މީހަކު ބައްޔަށް ނެގެޓިވް ވެފައިވާކަމަށެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި ނެގަޓިވްވީ މީހުންގެ ތެރޭގައި އެމިރޭޓްސްގެ ޓިކެޓިން އޮފީހުގެ މުވައްޒަފާއި ށ. ފޯކައިދޫން ފަރުކޮޅުފުއްޓަށް ގެނައި މީހާ ހިނެނެއެވެ. ފޯކައިދޫން ގެނެސްފައިވަނީ ކުރެއްދޫގައި މަސައްކަތްކުރާ މުވައްޒަފެކެވެ.
މި ދެމީހުންގެ ތެރެއިން އިމެރޭޓްސްގެ ޓިކެޓިން އޮފީހުގައި މަސައްކަތްކުރާ މުވައްޒަފަކީ، އިޓަލީގެ ފަތެރުވެރިޔާ މާލޭގައި ހުރި ހުރުމުގައި ކޮންޓެކްޓްވި ކަމަށް ފާހަގަ ކުރެވުނު ފަރާތެވެ.
އިޓަލީ ފަތުރުވެރިޔާ މާލެ އައިސް ހުރީ މާގިރި ހޮޓަލުގަ އެވެ. އެ ހޮޓަލުގެ 15 މުވައްޒަފަކު ސެލްފް އައިސޮލޭޝަންއަށް ދާން އަންގާފައިވާކަމަށް އިއްޔެ ވަނީ ހާމަކޮށްފަ އެވެ.
މީގެ އިތުރުން އދ. ވިލަމެންދޫ ރިސޯޓުގައި މަސައްކަތްކުރާ ދިވެއްސެއްގެ ގައިގައި ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރުމުން އޭނާގެ ޓެސްޓު ހެދުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
ކޮވިޑް-19 ގެ އަލާމާތްތައް ހުރި މީހަކު ފެނުމުން ”ކޮންޓެކްޓް ޓްރޭސިން“ ހެދުމަށް އެ ރަށަށް އަރައިފޭބުން ވެސް ވަނީ ވަގުތީ ގޮތުން މިހާރު މަނާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް ހަ މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އެ އެންމެނަކީ ކުރެއްދޫ އައިލެންޑް ރިސޯޓާއި ބަތަލާ އައިލެންޑް ރިސޯޓުގެ މީހުންނެވެ. ކުރެއްދޫ ރިސޯޓުން ކޮވިޑް-19 ބަލި ޖެހުނީ ހަތަރު މީހަކަށެވެ. ބަތަލާ އިން އެ ބަލި ޖެހުނީ ދެ މީހަކަށެވެ.

